ހަސީނާގެ މައްޗަށް އިންސާނިއްޔަތާ ޚިލާފު ޖަރީމާތަކުގެ ދައުވާ ރަސްމީކޮށް އުފުލައިފި

ހަސީނާގެ މައްޗަށް އިންސާނިއްޔަތާ ޚިލާފު ޖަރީމާތަކުގެ ދައުވާ ރަސްމީކޮށް އުފުލައިފި

Author
ހުސައިން
01 ޖޫން 2025 09:36
0

ބަންގްލަދޭޝްގެ އިންޓަނޭޝަނަލް ކްރައިމްސް ޓްރައިބިއުނަލްގެ ޕްރޮސެކިއުޓަރުން ވަނީ ކުރީގެ ބޮޑުވަޒީރު ޝައިހް ހަސީނާގެ މައްޗަށް އިންސާނިއްޔަތާ ޚިލާފު ޖަރީމާތައް ހިންގި ކަމުގެ ދައުވާ ރަސްމީކޮށް އުފުލާފައެވެ. މި ދައުވާގައި ހަސީނާގެ އިތުރުން ކުރީގެ ހޯމް މިނިސްޓަރު އަސަދުއްޒަމާން ޚާން ކަމާލް އާއި ކުރީގެ އިންސްޕެކްޓާ ޖެނެރަލް އޮފް ޕޮލިސް ޗޯދަރީ މާމޫންގެ ނަން ވެސް ހިމެނިފައިވާކަމަށް "ޑާކާ ޓްރިބިއުން" އިން ރިޕޯޓުކޮށްފައިވެއެވެ.

ބަންގްލަދޭޝްގެ ޑޮމެސްޓިކް އިންޓަނޭޝަނަލް ކްރައިމްސް ޓްރައިބިއުނަލް (އައިސީޓީ)ގެ ޗީފް ޕްރޮސެކިއުޓާ މުހައްމަދު ތާޖުލް އިސްލާމް ބުނެފައިވާ ގޮތުގައި، މިއަދު ފެށުނު ޝަރީޢަތުގައި ހަސީނާގެ މައްޗަށް ތުހުމަތުކުރެވެނީ އޭނާގެ ސަރުކާރާ ދެކޮޅަށް ކުރިއަށް ގެންދިޔަ މުޒާހަރާތަކަށް ނިޒާމީ ބާރުގެ ބޭނުންކޮށްގެން ހަމަލާ ދިން ކަމަށެވެ.

މިދިޔަ އަހަރުގެ އޮގަސްޓް މަހުގެ 5 ވަނަ ދުވަހު، ޤައުމުގެ އެކި ކަންކޮޅުތަކުގައި ހިންގުނު ބޮޑެތި މުޒާހަރާތަކުގެ ނަތީޖާއެއްގެ ގޮތުން ހަސީނާގެ އަވާމީ ލީގް ސަރުކާރުގެ 16 އަހަރު ދުވަހުގެ ވެރިކަން ނިމުމަކަށް އައެވެ. އދ. ގެ ހިއުމަން ރައިޓްސް ހައިކޮމިޝަންގެ ފެކްޓް ފައިންޑިން ކޮމިޓީން ކުރި އަންދާޒާއަކަށް ބަލާއިރު، މި މުޒާހަރާތަކުގައި ގާތްގަނޑަކަށް 1400 މީހުންގެ ފުރާނަ ގެއްލިފައިވެއެވެ. މި ހާދިސާގެ ފަހުން 77 އަހަރުގެ ހަސީނާ ދިރިއުޅެމުން އަންނަނީ އިންޑިއާގައެވެ.

މިހާރު ބަންގްލަދޭޝްގެ ކޯޓުތަކުގައި ހިނގަމުންދާ އެތައް މައްސަލަތަކެއްގައި ހަސީނާގެ މައްޗަށް ތުހުމަތުކުރެވެނީ މީހުން މެރުމާއި، އިންސާނިއްޔަތާ ޚިލާފު ޖަރީމާތަކާއި، މީހުން ގެއްލުވާލުމުގެ ކުށްތައް ކުރި ކަމަށެވެ. މިއީ ފުރަތަމަ ފަހަރަށް ބަންގްލަދޭޝްގެ އައިސީޓީން ކުރީގެ ބޮޑުވަޒީރެއްގެ މައްޗަށް މިފަދަ ދައުވާތަކެއް އުފުލާފައިވާ ކަމެކެވެ.

މިއަދު ބޭއްވުނު އަޑުއެހުމުގައި ޗީފް ޕްރޮސެކިއުޓާ އިސްލާމް ވިދާޅުވި ގޮތުގައި، ހަސީނާ އާއި ކުރީގެ ސަރުކާރުގެ އިސްވެރިންގެ މައްޗަށް ދައުވާ އުފުލާފައިވަނީ މިދިޔަ ޖުލައި މަހުގެ ތެރޭގައި ހިންގުނު ހަމަނުޖެހުންތަކުގައި މީހުން މެރުމަށް ހިތްވަރުދިނުމާއި، އެކަމުގައި ބައިވެރިވުމާއި، މީހުން މެރުމަށް މަގުފަހިކުރުމާއި، މަކަރު ހެދުމުގެ އިތުރުން މީހުން މެރުން ހުއްޓުވުމުގައި ނާކާމިޔާބުވި ކަމުގެ ތުހުމަތުގައެވެ.

މި މައްސަލައިގެ އަޑުއެހުންތައް ބްރޯޑްކާސްޓްކުރުމުގެ ހުއްދަ ބަންގްލަދޭޝްގެ ސަރުކާރު ޓީވީ ސްޓޭޝަން ބީޓީވީއަށް ލިބިފައިވާއިރު، މި ދައުވާތަކަކީ ސިޔާސީ މަޤްޞަދެއްގައި އުފުލާފައިވާ ދައުވާތަކެއް ނޫންކަމަށް ޓްރައިބިއުނަލުން ވަނީ ބުނެފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.