ދިވެހި ހުރިހާ ޙައްޖުވެރިންވެސް މައްކާގައި ތިބީ ހެޔޮހާލުގައި

ދިވެހި ހުރިހާ ޙައްޖުވެރިންވެސް މައްކާގައި ތިބީ ހެޔޮހާލުގައި

Author
ހުސައިން
31 މެއި 2025 09:01
0

މިއަހަރު ޙައްޖުގެ ފަރުޟު އަދާކުރުމަށް ރާއްޖެއިން ފުރާފައިވާ 1000 ޙައްޖުވެރިން މިހާރު މައްކާ މުކައްރަމާއަށް ގޮސްފައިވާއިރު، އެންމެހައި ޙައްޖުވެރިންގެ ޙާލު ރަނގަޅުކަމަށް ދިވެހިރާއްޖޭގެ ޙައްޖު މިޝަނުން ވަނީ ބުނެފައެވެ.

ޙައްޖު މިޝަނުން މިއަދު ޚަބަރު ފަތުރާ ވަސީލަތްތަކަށް ދިން މަޢުލޫމާތުގައި ބުނެފައިވަނީ، ހަތަރު ފްލައިޓެއްގައި ޙައްޖުވެރިން މައްކާއަށް ގޮސްފައިވާ ކަމުގައެވެ. މީގެ އިތުރުން މައްކާ ރޫޓު އިނީޝިއޭޓިވްގެ ދަށުން ޙައްޖުވެރިންނަށް ދަތުރުކުރުމުގެ އިންތިޒާމު ހަމަޖެހުމުން، ދަތުރަށް ވަރަށް ބޮޑު ލުއިފަސޭހަތަކެއް ލިބިގެންގޮސްފައިވާކަން ޙައްޖު މިޝަނުން ފާހަގަކުރެއްވިއެވެ.

ޚާއްޞަގޮތެއްގައި ޖިއްދާ އެއާޕޯޓުގައި ޙައްޖުވެރިން ހޭދަކުރަންޖެހޭ ވަގުތު ވަރަށް ބޮޑަށް ކުޑަވެގެންދިޔައިރު، މިކަމުގެ ހިތްހަމަޖެހުން ޙައްޖުވެރިން ފާހަގަކޮށްފައިވާކަމަށް ޙައްޖު މިޝަނުން ބުނެއެވެ.

ޙައްޖުވެރިން މަޝާޢިރުތަކަށް ދިއުމުގެ ކުރިން ކުރަންޖެހޭ އެންމެ ފަހުގެ ތައްޔާރީތައް ދިވެހިރާއްޖޭގެ ޙައްޖު ކޯޕަރޭޝަނުން މިހާރު ފުރިހަމަކުރަމުންދާއިރު، ޙައްޖުވެރިންނާ ގުޅޭ ކަންކަން ސަޢޫދީ ސަރުކާރާ ގުޅިގެން ދިވެހި ޙައްޖު މިޝަނުން ބަލަހައްޓަމުންދާކަން ވެސް ވަނީ ހާމަކޮށްފައެވެ.

މިއަހަރުގެ ޢަރަފާތް ދުވަހަކީ ޖޫން މަހުގެ 5 ވަނަ ދުވަހު ކަމަށް ކަނޑައެޅިފައިވާއިރު، ޙައްޖުގެ މުހިންމު ޝަޢާއިރުތައް އެ ތާރީޚުން ފެށިގެން ކުރިއަށްދާނެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.