ރާއްޖޭން މިއަހަރު ހައްޖުގެ މަތިވެރި އަޅުކަމަށް ފުރި 1000 ހާޖީން މިވަގުތު ސައުދީ އަރަބިއްޔާގައި ތިބި ކަމަށް ހައްޖު ކޯޕަރޭޝަނުން ހާމަކޮށްފިއެވެ. ހައްޖު ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރ މުހައްމަދު ޝަކީލް ވިދާޅުވީ އެންމެހާ ހައްޖުވެރިންގެ ހާލު ރަނގަޅު ކަމަށާއި، އެންމެން މިހާރު ތިބީ މައްކާގައި ދިވެހި ހައްޖުވެރިންނަށް ޚާއްޞަ ކުރެވިފައިވާ ހޮޓަލްތަކުގައި ކަމަށެވެ.
ހައްޖުވެރިންގެ އެންމެ ފަހު ގްރޫޕް ފުރިފައިވަނީ ރޭގެ ވަގުތެއްގައި ސައުދީގެ މަތިންދާބޯޓެއްގައެވެ. މި ހަތަރުވަނަ ބެޗްގައި 250 ހާޖީން ހިމެނެއެވެ.
މި އަހަރު ހައްޖުވެރިން ފުރަން ފެށީ މި މަހުގެ 26 ވަނަ ދުވަހުގެ ހަވީރުއެވެ. ފުރަތަމަ ގްރޫޕް ފުރުމަށްފަހު، 27 ވަނަ ދުވަހުގެ ހެނދުނު ދެވަނަ ބެޗް ފުރީ ގައުމީ އެއާލައިން މޯލްޑިވިއަންގެ ފްލައިޓެއްގައެވެ. 28 ވަނަ ދުވަހު ތިންވަނަ ގްރޫޕް ވެސް ފުރީ މޯލްޑިވިއަންގެ ފްލައިޓެއްގައެވެ.
1446 ވަނަ އަހަރުގެ ހައްޖު ސީޒަނަށް ރާއްޖޭން ހައްޖު ކޯޕަރޭޝަންގެ ހަވާލުގައި ފޮނުވި އެންމެހާ ހައްޖުވެރިން މިހާރު ވަނީ ސަލާމަތުން މައްކާ ވާސިލުވެ، ހައްޖުގެ މަތިވެރި އަޅުކަމަށް ތައްޔާރުވަމުންނެވެ.
ކޮމެންޓު ފޮނުވާ