ސެންޓަ އެންޓަޕްރައިސަސް އަށް 32 މިލިއަން ރުފިޔާ ދައްކަން ސިވިލް ކޯޓުން ކުރި ހުކުމް ތަންފީޒުކުރުން ހައި ކޯޓުން ފަސްކޮށްފިއެވެ.
މި މައްސަލައަކީ 2006 އިން 2008 އަށް ޑިޕާޓްމަންޓް އޮފް މެޑިކަލް ސާވިސަސް އަށް ފޯރުކޮށްދިން މުދަލުގެ އަގު ނުލިބިގެން ސެންޓަ އެންޓަޕްރައިސަސް އިން ކުރި ދައުވާއެކެވެ. ފެބުރުއަރީ މަހު ސިވިލް ކޯޓުން ނިންމީ 32.7 މިލިއަން ރުފިޔާ އެ ކުންފުންޏަށް ދޭންޖެހޭ ކަމަށެވެ.
ދައުލަތުން މި ހުކުމް އިސްތިއުނާފުކޮށް، ތަންފީޒު ފަސްކުރުމަށް އެދުމުން ހައި ކޯޓުން އަމުރުކޮށްފައިވަނީ އިސްތިއުނާފު ނިމެންދެން ފައިސާ ސިވިލް ކޯޓުގައި ބެހެއްޓުމަށެވެ.
މި މައްސަލައާ ގުޅިގެން ސެންޓަ އެންޓަޕްރައިސަސް އިން ފޭކް އިންވޮއިސް ހުށަހެޅި ކަމުގެ ތުހުމަތު އުފެދިފައިވެއެވެ. އޮޑިޓާ ޖެނަރަލްގެ ހާއްސަ އޮޑިޓަކުން ފާހަގަކުރި ގޮތުގައި، ރާއްޖެ އެތެރެނުކުރާ ބައެއް މެޑިކަލް ސާމާނު ސަޕްލައިކުރި ކަމަށް ލިޔެކިޔުންތަކުގައި ދައްކާފައިވެއެވެ.
ޖިނާއީ ތަހުގީގެއް ކުރުމަށް އޮޑިޓާ ޖެނަރަލް ލަފާދިނުމާ ގުޅިގެން، ބަންޑާރަ ނައިބުގެ އޮފީހުން މައްސަލަ ފުލުހަށް ހުށަހަޅާފައިވެއެވެ. ސެންޓަ އެންޓަޕްރައިސަސް އިން ބުނާ ގޮތުގައި، ދައުލަތުން ލިޔެކިޔުންތައް ސިއްރުކޮށްފައިވަނީ ފައިސާ ދައްކަންޖެހޭ ކަން ގަބޫލުކުރާތީ ކަމަށެވެ.
ކޮމެންޓު ފޮނުވާ