އައްޑޫ ރައްޔިތުން ތެރޭ ފިތުނަ ހަދަން ނޫޅެ ދުނިޔޭގައި އުޅެން މަސައްކަތެއް ކުރުން މާ ރަނގަޅު ވާނެކަމަށް އެމްޑީޕީގެ ޓިކެޓްގައި އައްޑޫ މޭޔަރު ކަމަށް ވާދަކުރައްވާ އަލީ ނިޒާރު، ވިދާޅުވެއްޖެއެވެ.
އައްޑޫ ރައްޔިތުންނަށް އެމްޑީޕީން އަބަދުވެސް ދެނީ ކެހި ކަމަށް ޑރ.ޖަމީލް ވިދާޅުވުމާއި ގުޅިގެން ނިޒާރު ވަނީ އެކަމަށް ރައްދު ދިނުމުގެ ގޮތުން ޓްވީޓެއް ކުރައްވާފައެވެ. އެޓްވީޓްގައި އޭނާ ވަނީ ޑރ. ޖަމީލްއަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. ނިޒާރު ވިދާޅުވީ ޑރ.ޖަމީލްގެ މުޅި ހަޔާތް ހޭދަކުރަނީ ޤައުމު ފަސާދަކޮށް ފިތުނަ ކުރުމަށް ކަމަށެވެ.
ޤައުމާއި ރައްޔިތުންގެ މެދުގައި ފިތުނަ ފަސާދަ އުފެއްދުމަށްވުރެ ދިރިއުޅުމަށްޓަކައި ރަނގަޅު ހަރުދަނާ މަސައްކަތެއް ކުރުމަށް އަލީ ނިޒާރު ވަނީ ގޮވާލާފައެވެ.
ޖަމީލުގެ މުޅި ސިޔާސީ ހަޔާތް ގައުމު ފަސާދަ ކުރުމުގައި ވަނީ ހޭދަކޮށްފަ. އައްޑޫ ރައްޔިތުން ތެރޭ ފިތުނަ ހަދަން ނޫޅެ ދުނިޔޭގައި އުޅެން މަސައްކަތެއް ކުރުން މާ ރަނގަޅު.
– އަލީ ނިޒާރު ވިދާޅުވިއެވެ.
މޯލްޑިވިސް ޕޮލިސް ސަރވިސްގެ، އެސިސްޓަންޓް ކޮމިޝަނަރ އޮފް ޕޮލިސްގެ މަޤާމުގައި ހުންނެވި، ޑރ. އަބްދުﷲ ފައިރޫޝް ރިޓަޔަރ ކުރެއްވުމާއި ގުޅިގެން ސަރުކާރު ހިންގާ މައިޕާޓީގެ އިސްބޭފުޅުން ފައިރޫޝްއަށް އަމާޒުކޮށް ކިޔަމުންދާ ފާޑުކިޔުންތަކާއި ގުޅިގެން ޑރ.ޖަމީލް ވިދާޅުވީ އެމްޑީޕީން ވެރިކަމަށް އައީ ޒުވާނުންނަށް ވަޒީފާގެ ފުރުސަތު ތަނަސްކޮށްދީ، ޒުވާނުންނަށް ވަޒީގެ ބިރުވެރިކަން ނައްތާލުމަށް ކަމަށާއި، ނަމަވެސް މިއަދު ފެނިގެން މިދަނީ ވަޒީފާގެ ބިރު ދައްކައި، ހުނަރުވެރި ޤާބިލް ހަރުދަނާ ޒުވާނުންގެ އިއްޒަތާއި އަބުރު ކަތިލައި އެކަމުގެ އުފާ ފާޅުކުރަމުންދާ މަންޒަރު ކަމަށެވެ. މިއަދު އެމްޑީޕީގެ ޝިކާރައަކަށް ޑރ.ފައިރޫޝް ވެފައިވާއިރު، މާދަމާ އޮތީ ކޮން ޒުވާނެއްކަމެއް ނޭގޭކަމަށް ޖަމީލް ވިދާޅުވިއެވެ.
އަދި އަބަދުވެސް އެމްޑީޕީއަކީ އައްޑޫ ރައްޔިތުންނަށް ދޮގާއި މަކަރު ހަދައި އޮޅުވާލާ ބައެއްކަމަށް ޑރ.ޖަމީލު ވަނީ ވިދާޅުވެފައެވެ.
ކޮމެންޓު ފޮނުވާ