ރާއްޖެއަށް ޑްރަގ އެތެރެކުރަން އުޅުނު ކަނޑުބޯޓެއްގެ ކެޕްޓަންގެ ބަންދުގެ މުއްދަތު އިތުރުކޮށްފި

ރާއްޖެއަށް ޑްރަގ އެތެރެކުރަން އުޅުނު ކަނޑުބޯޓެއްގެ ކެޕްޓަންގެ ބަންދުގެ މުއްދަތު އިތުރުކޮށްފި

Author
ހުސައިން
25 މެއި 2025 07:41
0

ރާއްޖެއަށް ޑްރަގްސް އެތެރެކުރަން އުޅުނު ކަމުގެ ތުހުމަތުގައި މިދިޔަ މާޗު މަހު ހައްޔަރުކުރި ކަނޑުބޯޓެއްގެ ކެޕްޓަންގެ ބަންދުގެ މުއްދަތު ކްރިމިނަލް ކޯޓުން އިއްޔެ އިތުރުކޮށްފި އެވެ.

އިންޑޮނޭޝިއާގެ ރައްޔިތެއް ކަމުގައިވާ ނަސްވާން އަދީލްގެ ބަންދަށް 15 ދުވަސް އިތުރުކުރި ކަމަށް ކޯޓުގެ އަމުރުގައި ބުނެފައިވެ އެވެ. ކޯޓުން ބަންދު އިތުރުކުރީ މި މައްސަލައިގައި ކުށް ސާބިތުކުރެވޭ ފަދަ އެކަށީގެންވާ ހެކި ހުށަހަޅާފައިވާތީ އާއި މުޖުތަމައުގެ ސަލާމަތަށް ނުރައްކާ ކުރިމަތިވެދާނެ ކަމަށް ބެލެވޭތީ ކަމަށް ވެ އެވެ.

މި މައްސަލައަކީ މިދިޔަ މާޗު 21 ވަނަ ދުވަހުގެ ރޭ ފުލުހުން ހިންގި ޚާއްޞަ އޮޕަރޭޝަނެއްގައި މާލެ ސަރަހައްދުން ކަނޑުބޯޓެއް ބަލައި ފާސްކުރުމުން ދިމާވި މައްސަލައެކެވެ. ބޯޓުގެ އިންޖީނު ރޫމުގައި ހުރި ވަތެއްގެ ތެރެއިން މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ 7 ކިލޯއަށް ވުރެ ގިނަ ހަތް ޝީޓެއް ފެނިފައިވާ ކަމަށް ފުލުހުން ކޯޓުގައި ބުނެފައިވެ އެވެ. މި ތަކެތި ޓެސްޓު ކުރުމުން ޓެޓްރާހައިޑްރޯކެނަބިލް އަދި ކެނަބިލޯލް ކަމަށް ޕޮޒިޓިވްވި ކަމަށް ވެސް ފުލުހުން ވަނީ ބުނެފަ އެވެ.

މި ބޯޓުގައި ސަވާރުވެފައި ތިބި 10 ބިދޭސީން ފުލުހުން ވަނީ ހައްޔަރުކޮށްފަ އެވެ. އޭގެ ތެރޭގައި އިންޑިއާގެ 7 މީހުންނާއި އިންޑޮނޭޝިއާގެ 3 މީހުން ހިމެނެ އެވެ. ނަމަވެސް މި މައްސަލައިގައި ތުހުމަތުކުރެވޭ ބައެއް ފަރާތްތައް މިހާރު ވަނީ ބަންދުން ދޫކޮށްފައި ކަމަށް ދިފާއީ ވަކީލު ފާހަގަކޮށްފަ އެވެ.

ކޯޓުގެ އަމުރުގައި ބުނެފައިވާ ގޮތުގައި ނަސްވާން އަދީލް އަކީ މި ބޯޓުގެ ކެޕްޓަން ކަމުގައި ވުމުން، ބޯޓުގައި ފެނުނު މަސްތުވާތަކެއްޗަށް ޒިންމާ ނަގަންޖެހޭނީ އޭނާ ކަމަށް ފުލުހުން ދެކެ އެވެ. ބޯޓުގައި ހުރި މަސްތުވާތަކެތީގެ ޒިންމާ އެހެން އެއްވެސް މީހަކު ނަގާފައި ނުވާ ކަމަށާއި، އެ ތަކެތި ބޯޓުގައި ތިބި އެހެން މީހުންނާ ގުޅުވައިދޭނެ ހެއްކެއް ނުވަތަ ގަރީނާއެއް ލިބިފައި ނުވާ ކަމަށް ކޯޓުގައި ފާހަގަކޮށްފައިވެ އެވެ.

ބޯޓުގައި މަސްތުވާތަކެތި ހުރިކަން ނޭނގޭ ކަމަށް ބުނެ ކެޕްޓަންގެ ޒިންމާއިން ބަރީއަ ނުވެވޭނެ ކަމަށް ކޯޓުން ވަނީ ނިންމާފަ އެވެ. އޭގެ ސަބަބަކީ ކެޕްޓަންގެ ހައިސިއްޔަތުން ބޯޓުގެ ހުރިހާ ކަމަކަށް ޒިންމާވާންޖެހޭ ކަމަށް ކޯޓުން ދެކޭތީ އެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.