ރާއްޖޭގެ ހުރިހާ ސިވިލް ސަރވިސް މުވައްޒަފުންގެ މައުލޫމާތު އޮންލައިންކޮށް އެއް ވިއުގައަކުން ލިބޭނެ އިންތިޒާމް ހަމަޖައްސައިފިއެވެ.
ސިވިލް ސަރވިސް ކޮމިޝަންގެ، ސީއެސް ވިއުގަ މެދުވެރިކޮށް، ރާއްޖޭގެ އެކި ތަންތަނުގައި މަސައްކަތްކުރާ ހުރިހާ ސިވިލް ސަރވިސް މުވައްޒަފުންގެ މަޢުލޫމާތު ލިބޭނެކަމަށް އެ ކޮމިޝަނުން ބުނެއެވެ. ސީއެސް ވިއުގައަކީ 2011 ވަނަ އަހަރުން ފެށިގެން ސިވިލް ސަރވިސް މުވައްޒަފުންގެ ވަޒީފާއާ ގުޅޭ އެންމެހައި ކަންކަން ކުރިޔަށް ގެންދިޔުމަށް ބޭނުންކުރެވެމުންދާ ސޮފްޓްވެއަރއެކެވެ. ނަމަވެސް މިހާތަނަށް ސީއެސް ވިއުގަ ބޭނުން ކުރަމުން އައިސްފައިވަނީ ހަމައެކަނި ދައުލަތުގެ ނެޓްވާރކްގެ ހިދުމަތްލިބޭ ސިވިލް ސަރވިސް އިދާރާތަކުގައެވެ.
ރާއްޖޭގައި މީގެ ކުރިން ބޭނުންކުރަމުންދިޔަ ސީއެސް ސޮފްޓްވެއަރ އިތުރަށް ހަރުދަނާކޮށް ސީއެސް ވިއުގައިގެ ނަމުގައި މިއަދު އިފްތިތާހްކޮށްދެއްވީ، ސިވިލް ސަރވިސް ކޮމިޝަނުގައި ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައި އެ ކޮމިޝަނުގެ މެންބަރުންނެވެ.
އަލަށް އިފްތިތާހްކުރި ވިއުގަ މެދުވެރިކޮށް މުވައްޒަފުންނަށް އަމިއްލަ ވަޒީފާއާއި ކުރިއެރުންތަކާއި ލިބޭ ތަޖުރިބާއާއި ތަމްރީނުތަކުގެ މައުލޫމާތު ކޮންމެ ތަނެއްގައި ހުރެގެންވެސް ފަސޭހައިން ލިބޭނެކަމަށް ކޮމިޝަނުން ބުނެއެވެ. އަދި ކުރިއަށް އޮތްތަނުގައި މި ވިއުގަ މެދުވެރިކޮށް ސިވިލް ސަރވިސްގެ ވަޒީފާތަކަށް ކުރިމަތިލެވޭނެ އިންތިޒާމް ހަމަޖެއްސުމަށް މަސައްކަތްކުރަމުން ގެންދާކަމަށް ވެސް އެ ކޮމިޝަނުން ބުނެއެވެ.
ސީއެސް ވިއުގަ އިފްތިތާޙްކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ސިވިލް ސަރވިސް ކޮމިޝަންގެ ރައީސް މުޙައްމަދު ނާސިޙް ވިދާޅުވީ ރާއްޖޭގައި ތިބި ހުރިހާ ސިވިލް ސަރވިސް މުވައްޒަފުންގެ މަސައްކަތުގެ ފެންވަރުބެލުމަށް ކޮންމެ އަހަރަކުވެސް ދައުލަތުންކުރާ ޚަރަދު މި ވިއުގައިގެ ސަބަބުން ވަރަށް ބޮޑަށް ކުޑަކުރެވޭނެ ކަމަށެވެ. އަދި މި ވިއުގައިގެ ތެރެއިން ސިވިލް ސަރވިސް މުވައްޒަފުންގެ މަސައްކަތުގެ ފެންވަރު ދުވަހުން ދުވަހަށް ބެލެހެއްޓި ރައްކާކުރެވޭނެކަމަށްވެސް ނާސިޙް ވިދާޅުވިއެވެ.
ޒަމާނުއްސުރެ ރާއްޖޭގައި ސިވިލް ސަރވަންޓުންގެ ނުވަތަ ސަރުކާރު މުވައްޒަފުންގެ މައުލޫމާތު ރައްކާކުރަމުން އައީ ފޮތް ތަކާއި ކަރުދާހުގައެވެ. ނަމަވެސް ޒަމާނަށް އައި ކުރިއެރުމާއެކު ސޮފްޓްވެއަރ ތަކުގައި މި މައުލޫމާތު ރައްކާކުރާގޮތަށް ބަދަލުވެ މިހާރު މިވަނީ އޮންލައިން ވިއުގައެއްގައި ހުރިހާ މަޢުލޫމާތު ރައްކާކުރެވޭނެ އިންތިޒާމް ހަމަޖެހިފައެވެ.