ޗާގޯސް ޖަޒީރާ މޮރިޝަސްއާ ހަވާލުކުރުމުގެ މަސައްކަތް އިނގިރޭސިން ފަށައިފި

ޗާގޯސް ޖަޒީރާ މޮރިޝަސްއާ ހަވާލުކުރުމުގެ މަސައްކަތް އިނގިރޭސިން ފަށައިފި

Author
ހުސައިން
22 މެއި 2025 11:01
0

ޗާގޯސް ޖަޒީރާގައި ހިމެނޭ ރަށްތައް މޮރިޝަސްއާ ހަވާލުކުރުމަށް އެއްބަސްވެ އެ ރަށްތައް މޮރިޝަސްއާ ހަވާލުކުރަން އިނގިރޭސި ސަރުކާރުން ތައްޔާރުވެއްޖެ އެވެ. އިނގިރޭސިވިލާތުން ޗާގޯސް ޖަޒީރާގެ ރަށްތައް މޮރިޝަސްއާ ހަވާލުކުރުމަށް ނިންމި ނިންމުމަކީ ދިވެހިރާއްޖޭގެ އިގްތިސާދަށް ނުރައްކާތެރި ކަމެއް ކަމުގައި އިގްތިސާދީ ބައެއް ތަޖުރިބާކާރުން ފާހަގަކުރައްވައެވެ.

ބީބީސީގެ ރިޕޯޓެއްގައި ބުނެފައިވާ ގޮތުން، އިނގިރޭސި ސަރުކާރުން މިހާރު ވަނީ ޗާގޯސް ޖަޒީރާ މޮރިޝަސްއާ ހަވާލުކުރުމުގެ މަސައްކަތް ފަށައިފައެވެ. އެހެންނަމަވެސް، ޑިއޭގޯ ގާސިއާގައި ގާއިމުކޮށްފައިވާ އެމެރިކާގެ އަސްކަރީ ބޭސް އެތަނުގައު ހިންގަމުން ގެންދާނެ ކަމަށްވެސް ރިޕޯޓު ކޮށްފައިވެއެވެ.

ދިވެހި ތާރީޚުގެ ލިޔެކިޔުންތަކާއި ފޯކްލޯ ވާހަކަތަކުން ދައްކާ ގޮތުން، ޗާގޯސް ޖަޒީރާއަކީ ދިވެހިންނާ ތާރީޚީ ގުޅުމެއް އޮތް ސަރަހައްދެކެވެ. މި ޖަޒީރާތަކާ އެންމެ ގާތުގައި އޮތް ގައުމަކީ ދިވެހިރާއްޖެކަން ފާހަގަކުރެވެއެވެ. ރާއްޖޭގެ އިގްތިސާދުގެ ދެ މައިގަނޑު ތަނބު ކަމުގައިވާ މަސްވެރިކަމާއި ފަތުރުވެރިކަމަށް މި ބަދަލުން ކުރާނެ އަސަރު ބޮޑުކަމަށް ތަޖުރިބާކާރުން ވިދާޅުވެއެވެ.

މޮރިޝަސް އިން ޗާގޯސްގައި ފަތުރުވެރިކަން ތަރައްގީކޮށްފިނަމަ، ނުވަތަ އެ ސަރަހައްދުގެ ކަނޑުތައް މަސްވެރިކަމަށް ކުއްޔަށް ދޭން ފަށައިފިނަމަ، ރާއްޖޭގެ މި ދެ ސިނާއަތަށް ސީދާ ގެއްލުން ލިބިދާނެކަމަށް ބެލެވެއެވެ.

ޗާގޮސްގެ ރަށްތައް މޮރިޝަސްއައި ހަވާލުކުރުމަށް ވާ އެއްބަސްވުމުގެ އެންމެހައި ތަފްސީލެއް އަދި ހާމަކޮށްފައެއް ނުވެއެވެ. އެހެންނަމަވެސް ލިބިފައިވާ މައުލޫމާތަށް ބަލާއިރު:

  • މޮރިޝަސް އިން ޑިއޭގޯ ގާސިއާ އިތުރު 99 އަހަރަށް އިނގިރޭސިވިލާތަށް ކުއްޔަށް ދިނުމަށް އެއްބަސްވެފައިވެއެވެ
  • މި މުއްދަތު އިތުރު 40 އަހަރަށް އިތުރުކުރެވޭނެ އޮޕްޝަނެއް ހިމެނެއެވެ
  • އިނގިރޭސިވިލާތުން މޮރިޝަސްއަށް ދޭންޖެހޭ ބަދަލުގެ އަދަދާމެދު އަދި އެއްބަސްވުމަކަށް އައިސްފައެއް ނުވެއެވެ

އެމެރިކާގެ ހާރިޖީ ވަޒީރު މާކޯ ރޫބިޔޯ، ޗައިނާއާއި މޮރިޝަސްއާ ދެމެދު އޮތް ގާތް ގުޅުމަކީ ކަންބޮޑުވާންޖެހޭ ކަމެއްކަމަށް ފާހަގަކުރައްވާފައިވެއެވެ. އެހެންނަމަވެސް، ރައީސް ޑޮނަލްޑް ޓްރަމްޕް މި އެއްބަސްވުމަށް އިއުތިރާޒެއް ނުކުރައްވާ ކަމަށް އިނގިރޭސީންނަށް އަންގަވާފައިވެއެވެ.

މި ތަރައްގީތަކުން ދިވެހިރާއްޖޭގެ އިގްތިސާދީ މުސްތަގުބަލަށް ކުރާނެ އަސަރު ވަރަށް ގާތުން ބަލަމުން ގެންދަންޖެހޭނެ ކަމުގައި ތަޖުރިބާކާރުން ފާހަގަކުރައްވައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.