ދިވެހިރާއްޖޭގެ ތެލެސީމިއާ ޚިދުމަތްތައް އިތުރަށް ހަރުދަނާކުރުމަށްޓަކައި ދިވެހިރާއްޖެއާއި ސައިޕްރަސްއާ ދެމެދު އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ. މި އެއްބަސްވުމުގައި ސޮއިކުރެވުނީ ސްވިޒަލޭންޑްގެ ޖެނީވާގައި މިހާރު ކުރިއަށްދާ ދުނިޔޭގެ ޞިއްޙަތު ޖަމްޢިއްޔާގެ 78 ވަނަ ވޯލްޑް ހެލްތު އެސެމްބްލީގެ ތެރެއިންނެވެ.
މި އެއްބަސްވުމުގައި ދިވެހި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ ޞިއްޙަތާބެހޭ ވަޒީރު އަލްފާޟިލް ޢަބްދުﷲ ނާޒިމެވެ. އަދި ސައިޕްރަސްގެ ފަރާތުން ސޮއިކުރެއްވީ އެ ޤައުމުގެ ޞިއްޙަތާބެހޭ ވަޒީރު މައިކަލް ދަމްޔަނޮސްއެވެ.
މި އެއްބަސްވުމުގެ ދަށުން ދެ ޤައުމުގެ މެދުގައި އަންނަނިވި ކަންތައްތަކުގައި އެއްބާރުލުން ބަދަހިކުރެވޭނެއެވެ:
• ޞިއްޙީ ޚިދުމަތްތެރިންގެ އިންސާނީ ވަސީލަތްތައް ހަރުދަނާކުރުން
• ތެލެސީމިއާ ބަލިން ރައްކާތެރިވުމާއި، ބަލި ދެނެގަތުމާއި، ފަރުވާދިނުމުގައި ސައިޕްރަސްގެ ތަޖުރިބާކާރު ފަންނީ ބޭފުޅުންގެ އެހީތެރިކަން ހޯދުން
• މޯލްޑިވިއަން ބްލަޑް ސަރވިސަސްއިން ފޯރުކޮށްދޭ ޚިދުމަތްތައް އިތުރަށް ހަރުދަނާ ކުރުން
• ޓެލެކޮންފަރެންސިންގ މެދުވެރިކޮށް ސްޕެޝަލިސްޓް ޑޮކްޓަރުންގެ ޚިދުމަތް ދިނުން
މި އެއްބަސްވުމުގައި ސޮއިކުރުމަށްފަހު ބޭއްވުނު ރަސްމިއްޔާތުގައި ވަޒީރު ނާޒިމް ވިދާޅުވީ، ތެލެސީމިއާ ކޮންޓްރޯލްކޮށްފައިވާ ޤައުމެއް ކަމުގައިވާ ސައިޕްރަސްގެ ފަންނީ އެހީތެރިކަން ދިވެހިރާއްޖެއަށް ލިބިގެންދިޔުމަކީ ރާއްޖޭގެ ޞިއްޙީ ދާއިރާއަށް ލިބުނު ވަރަށް ބޮޑު ކުރިއެރުމެއް ކަމަށެވެ.
އަދި މި އެއްބަސްވުމުގެ ދަށުން ކްލިނިކަލް އަދި ފަންނީ ތަޖުރިބާ ޙިއްޞާކުރުން ފަދަ މުހިންމު ދާއިރާތަކުން އެއްބާރުލުން އިތުރުކުރުމަކީވެސް މި އެއްބަސްވުމުގެ މުހިންމު އަމާޒެއްކަމުގައި ވަޒީރު ފާހަގަކުރެއްވިއެވެ.
ކޮމެންޓު ފޮނުވާ