ދުނިޔޭގެ ޞިއްޙަތު ޖަމްޢިއްޔާއިން ދިވެހިރާއްޖެއަށް އަލަށް ކަނޑައަޅުއްވާފައިވާ މަންދޫބު ޕެއިޑެން، މަޤާމުގެ ފަތްކޮޅު ބުދަ ދުވަހު ޚާރިޖީ ވަޒީރު ޑރ. ޢަބްދުﷲ ޚަލީލަށް އަރުވައިފިއެވެ.
ޚާރިޖީ ވުޒާރާގައި ބޭއްވުނު ޚާއްޞަ ރަސްމިއްޔާތެއްގައި މި ފަތްކޮޅު ޙަވާލުކުރެވުނު އިރު، ދިވެހިރާއްޖޭގެ ޞިއްޙީ ދާއިރާގެ ކުރިއެރުމަށް ޑަބްލިޔުއެޗްއޯއިން ކޮށްދީފައިވާ އެހީތެރިކަމަށް ޑރ. ޚަލީލް ޝުކުރު އަދާކުރެއްވިއެވެ.
"ބަލިތަކުން ރައްކާތެރިވުމަށާއި، ހަރުދަނާ ޞިއްޙީ ނިޒާމެއް ރައްޔިތުންނަށް ފޯރުކޮށްދިނުމަށް ޑަބްލިޔުއެޗްއޯއިން ދެމުންގެންދާ އެހީތެރިކަމަކީ އަގުހުރި މަސައްކަތްތަކެކެވެ،" ޑރ. ޚަލީލް ވިދާޅުވިއެވެ.
މި ބައްދަލުކުރެއްވުމުގައި، ޑަބްލިޔުއެޗްއޯގެ އައު މަންދޫބު ވަނީ ކުރިއަށް އޮތްތަނުގައިވެސް ދިވެހިރާއްޖެއަށް ބޭނުންވާ އެހީތެރިކަން އެޖަމްޢިއްޔާއިން ފޯރުކޮށްދޭނެ ކަމުގެ ޔަޤީންކަން ދެއްވާފައެވެ.
ވަޒީރު ޚަލީލް ވަނީ ދުންފަތާ ދެކޮޅަށް މަސައްކަތްކުރުމުގައި ޞިއްޙަތު ޖަމްޢިއްޔާގެ ޑިރެކްޓަރ ޖެނެރަލްގެ ޚާއްޞަ އެވޯޑު ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒަށް ދެއްވާފައިވާތީ އެކަމަށްޓަކައި ޝުކުރު އަދާކުރައްވާފައެވެ. މީގެއިތުރުން، 2007 އިން ފެށިގެން އުފަންވާ ކުދިންނަށް ދުންފަތް މަނާކުރުމަށް ޤާނޫނަށް ގެނެވުނު އިޞްލާޙުތަކާއި، ދުންފަތް ކޮންޓްރޯލްކުރުމަށް ސަރުކާރުން މިހާތަނަށް އަޅާފައިވާ ފިޔަވަޅުތަކުގެ މަޢުލޫމާތު ވަޒީރު ޕެއިޑެންއާ ޙިއްޞާކުރެއްވިއެވެ.
ފާހަގަކޮށްލެވޭ ކަމަކީ، މިއަހަރަކީ ދިވެހިރާއްޖެ ދުނިޔޭގެ ޞިއްޙަތު ޖަމްޢިއްޔާގެ މެންބަރަކަށްވީތާ 60 އަހަރު ފުރޭ އަހަރެވެ. 1965 ވަނަ އަހަރު ޞިއްޙަތު ޖަމްޢިއްޔާގެ އޮފީހެއް ރާއްޖޭގައި ޤާއިމްކުރެވުނު ފަހުން، ރާއްޖޭގެ ޞިއްޙީ ނިޒާމު ތަރައްޤީކުރުމަށް ގިނަގުނަ މަސައްކަތްތަކެއް ކުރެވިފައިވެއެވެ.
ކޮމެންޓު ފޮނުވާ