ޤައުމީ ފެންވަރުގައި އަޟްހާ އީދު ފާހަގަކުރާ 3 ރަށް ކަނޑައަޅައިފި

ޤައުމީ ފެންވަރުގައި އަޟްހާ އީދު ފާހަގަކުރާ 3 ރަށް ކަނޑައަޅައިފި

Author
ހުސައިން
19 މެއި 2025 01:35
0

މިއަހަރުގެ އަޝްހާ އީދު ޤައުމީ ފެންވަރުގައި ފާހަގަކުރުމަށް ހއ. ކެލާ، ކ. ގުރައިދޫ އަދި ލ. ގަން ހޮވިފައިވާކަން ކަލްޗަރ މިނިސްޓްރީން މިއަދު ހާމަކޮށްފިއެވެ.

ދިވެހި ލެންގުއޭޖް، ކަލްޗަރ އެންޑް ހެރިޓޭޖް މިނިސްޓްރީގެ ޑެޕިއުޓީ ޑިރެކްޓަރ މުހައްމަދު އައްބާސް "އަދުގެ ރާއްޖެ" ޕްރޮގްރާމުގައި ވިދާޅުވި ގޮތުގައި މި ރަށްތައް ހޮވިފައިވަނީ ރަށްރަށުން ހުށަހެޅި ޕްރޮޕޯސަލްތަކަށް ބިނާކޮށެވެ.

"މިފަހަރު އަޅުގަނޑުމެން ވަރަށް ބޮޑަށް ބާރުއަޅަނީ އިހުގެ ސަގާފީ އާދަކާދަތަކާއި ކުޅިވަރުތައް އާލާކުރުމަށް. ރަށްރަށުގެ ކައުންސިލްތަކުން ވެސް މިކަމަށް ވަރަށް ބޮޑު އެއްބާރުލުމެއް ދެއްވާ"ކަމަށް އައްބާސް ވިދާޅުވިއެވެ.

ލ. ގަމުގައި ބައިބަލާއި އަދި ފައިގަތަޅާ ފަދަ މައިދާނީ ކުޅިވަރުތަކުގެ ފަރިތަކުރުންތައް މިހާރުވެސް ކުރިއަށްދާ ކަމަށް އޭނާ ހާމަކުރެއްވިއެވެ. އަދި މަންޑި، ތިން މުގޯލި ފަދަ އިހުގެ ކުޅިވަރުތަކަށް ވެސް ޚާއްޞަ އަހައްމިއްޔަތުކަމެއް ދޭން ނިންމާފައިވާ ކަމަށް ވެސް ވިދާޅުވިއެވެ. މީގެއިތުރުން، ޒަމާނީ މިއުޒިކްގެ ބަދަލުގައި ލަނގިރި އަދި ބަނޑިޔާ ފަދަ ސަގާފީ ހަރަކާތްތަކަށް އިސްކަންދީ ސްޓޭޖް ޝޯތައް ބޭއްވުމަށް ރަށްރަށުގެ ކައުންސިލްތަކާއެކު މަޝްވަރާކުރަމުންދާ ކަމަށް ވެސް އޭނާ ފާހަގަކުރެއްވިއެވެ.

ރަށްރަށް އީދަށް ޒީނަތްތެރިކުރުމާއި، މެހެމާނުންނަށް މަރުހަބާ ކިޔުމަށް ގިޑިގެތައް ތައްޔާރުކުރުމުގެ މަސައްކަތްވެސް ފޯރިގަދަކޮށް ކުރިއަށްދާ ކަމަށް މިނިސްޓްރީން ބުނެފައިވެއެވެ. އަދި ރަށްރަށުގައި ސަގާފީ ކާނާތައް ތައްޔާރުކުރުމުގެ މަސައްކަތްވެސް ފޯރިގަދަކޮށް ކުރިއަށްދާކަމަށް މިނިސްޓްރީން ހާމަކޮށްފައިވެއެވެ.

ކަލަންޑަރުގައިވާ ގޮތުން މިއަހަރުގެ އަޝްހާ އީދު ދުވަހަކީ ޖޫން 7 ވަނަ ދުވަހެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.