ރާއްޖޭގެ އުތުރުގައި ފަށާފައިވާ ބަންކަރިން ޚިދުމަތުން 124 މިލިއަން ރުފިޔާގެ އާމްދަނީއެއް ލިބިފައިވާކަމަށް އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރު ޝިމާދު އިބްރާހީމް ވިދާޅުވެއްޖެއެވެ. އޭނާ މިހެން ވިދާޅުވީ ރޭ ބޭއްވި އެސްޓީއޯގެ 2024 ވަނަ އަހަރުގެ އަހަރީ އާންމު ޖަލްސާގައެވެ.
ޝިމާދުގެ ވިދާޅުވީ، މިހާތަނަށް 11,500 މެޓްރިކް ޓަނުގެ ތެޔޮ ވިއްކައިގެން މި ބޮޑު އާމްދަނީ ލިބިފައިވާ ކަމަށާއި، ފަހަކަށްއައިސް ރާއްޖެއަށް ޒިޔާރަތްކުރި ދުނިޔޭގެ އެންމެ ބޮޑު އެއް ކްރޫޒްލައިނާއަށްވެސް 1,200 މެޓްރިކް ޓަނުގެ ތެޔޮ ވިއްކާފައިވާ ކަމަށް ފާހަގަކުރެއްވިއެވެ.
"އަޅުގަނޑުމެންނަށް މިހާރު އެނގިގެންދަނީ މި ޚިދުމަތުގެ ސަބަބުން ބައިނަލްއަޤްވާމީ ބޮޑެތި ޝިޕިން ލައިނާސްތަކުގެ އިތުބާރު ލިބިފައިވާކަން،" ޝިމާދު ވިދާޅުވިއެވެ. އޭނާ އިތުރަށް ވިދާޅުވިގޮތުގައި މަޝްރޫޢު ކާމިޔާބު ކަމަށްވީނަމަވެސް، އަދިވެސް ޚިދުމަތް ފޯރުކޮށްދިނުމުގައި ރަނގަޅުކުރަންޖެހޭ ކަންތައްތަކެއް ހުރިކަމަށެވެ. ނަމަވެސް އެއީ ކޮން ބާވަތެއްގެ ކަންތައްތަކެއްކަން އޭނާ ހާމައެއް ނުކުރައްވައެވެ.
މި ސަރުކާރުން އިހަވަންދިއްޕޮޅުގައި ބަންކަރިންގެ ޚިދުމަތް ފަށާފައިވަނީ 2023 ވަނަ އަހަރުގެ ސެޕްޓެންބަރު 19 ވަނަ ދުވަހުއެވެ. މި ޚިދުމަތް ދިނުމުގައި އަމަލީ ގޮތުން ހަރަކާތްތެރިވަނީ އެސްޓީއޯއާއި މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އިންނެވެ. ބަންކަރިންގެ ޚިދުމަތް އެސްޓީއޯއިން ފޯރުކޮށްދެނީ ނެދަލޭންޑްސްގެ ކުންފުންޏެއް ކަމަށްވާ 'ވިޓޯލް’އާ ގުޅިގެންނެވެ.
ނިމިދިޔަ އަހަރުގެ ނޮވެންބަރު 13 ގައި އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވެފައިވަނީ ބަންކަރިން ޚިދުމަތުން އޭރު 1.5 މިލިއަން ޑޮލަރުގެ އާމްދަނީއެއް ލިބިފައިވާ ކަމަށެވެ. މި ޚިދުމަތް ފެށީ، މަޑުމަޑުން ތަރައްޤީކޮށް 400 މިލިއަނެއްހައި ރުފިޔާގެ ފައިދާ ހޯދުމުގެ މަޤުޞަދުގައިކަމަށް ވެސް ވަނީ ކުރިން ބަޔާންކުރައްވާފައެވެ.
ޚިދުމަތުގެ ފުޅާކުރުމުގެ ގޮތުން، އިހަވަންދިއްޕޮޅު ސަރަހައްދު ހިއްކައި، ތެޔޮ ރައްކާކުރެވޭނެ އިންތިޒާމާއެކު ޚާއްޞަ ބަނދަރެއް ޤާއިމުކުރުމުގެ މަސައްކަތް ކުރަމުންދާކަމަށް ވެސް މިނިސްޓަރު ސައީދު ވަނީ ހާމަކުރައްވާފައެވެ. އަދި ބަންކަރިންގެ ޚިދުމަތަށް ކަސްޓަމަރުން ހޯދުމަށް 24 ގަޑިއިރުގެ ކޯލް ސެންޓަރެއް ވެސް މިހާރުވަނީ ޤާއިމްކުރެވިފައެވެ.
މި ޚިދުމަތް ފަށައިގަތްއިރު ބޭނުންކުރަނީ 3,258 ޓަނުގެ އެމްޓީ މެރިން އޭންޖަލް އާއި 3,929 ޓަނުގެ އެމްޓީ މެރިން ބެލާ ކަމަށްވާ ދެ ބޯޓެވެ. މިއީ ސަލާމަތީ ގޮތުންނާއި ރައްކާތެރިކަމުގެ ގޮތުން ބައިނަލްއަޤްވާމީ މިންގަނޑުތަކަށް ފެތޭކަމުގެ ސެޓްފިކެޓްތައް ލިބިފައިވާ ބޯޓުފަހަރެވެ. މި ދެ ބޯޓަކީ އެސްޓީއޯއާއި ވިޓޯލްއާ ގުޅިގެން ދެ އަހަރުތެރޭ އެއްކޮށް މިލްކުވާގޮތަށް ހޯދާފައިވާ ބޯޓުތަކެކެވެ.
ކޮމެންޓު ފޮނުވާ