މާލެ (17 މެއި 2025) – ގުޅިފަޅު ތަރައްޤީކުރުމުގެ މަޝްރޫޢުގެ ދަށުން 3,520 ގޯތި ދޫކުރުމަށް ނިންމައި، ސަރުކާރުން އާ ލޭންޑް ޔޫސް ޕްލޭނެއް މިއަދު އާންމުކޮށްފިއެވެ.
ޕްލޭނިންގ މިނިސްޓްރީން މިއަދު ހާމަކުރި މަޢުލޫމާތުގައިވާ ގޮތުން، މިއީ ގުޅިފަޅުގެ ލޭންޑް ޔޫސް ޕްލޭނަށް ދެވަނަ ފަހަރަށް ގެނެވުނު ބަދަލެކެވެ. އައު ޕްލޭނުގައި ބިންވެރިޔާ ސްކީމުގެ ދަށުން ކުރީގެ ސަރުކާރުން ގޯތި ލިބިފައިވާ ފަރާތްތަކަށް، މިހާރު ހިއްކާފައިވާ ސަރަހައްދުން ގޯތި ލިބޭނެގޮތަށް ހަމަޖައްސާފައިވާކަން ފާހަގަކުރެވެއެވެ.
"އަޅުގަނޑުމެން މި ޕްލޭނުގައި ގޯތި ދޫކުރާނެ ސަރަހައްދުތައް ވަކިން ފާހަގަކޮށްފައިވާނެ. ނަމަވެސް ގޯތިތައް ދޫކުރާނެ ތާރީޚެއް އަދި ކަނޑައެޅިފައި ނުވޭ،" ޕްލޭނިންގ މިނިސްޓްރީގެ އިސް ވެރިއެއް ކަމުގައިވާ އަހުމަދު ނަސީމް ވިދާޅުވިއެވެ.
ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙްގެ ސަރުކާރުން ވަނީ ގުޅިފަޅުން ހިއްކާފައިވާ ސަރަހައްދުންނާއި ނުހިއްކާ އޮތް ބައިން ވެސް މާލޭގެ ރައްޔިތުންނަށް ގޯތި ދޫކޮށްފައެވެ. އެހެންނަމަވެސް، އެ ފަޅުގައި އޮތް ފުން ސަރަހައްދު ހިއްކުމުގައި ގިނަ ދަތިތަކެއް ކުރިމަތިވެފައިވާކަން ފާހަގަކުރެވެއެވެ.
މިހާރުގެ ސަރުކާރުން ވަނީ ގުޅިފަޅުން އިތުރު 85 ހެކްޓަރުގެ ބިން ހިއްކުމަށް ނިންމައި، އެތަނުގެ ލޭންޑް ޔޫސް ޕްލޭނަށް ބަދަލުތަކެއް ގެނެސްފައެވެ. އާންމުކޮށްފައިވާ އާ ޕްލޭނުގައި ދިރިއުޅުމަށް ހައުސިންގ ޔުނިޓްތަކާއި ރެސިޑެންޝަލް ޕްލޮޓްތަކުގެ އިތުރުން ސަރުކާރު އޮފީސްތަކާއި ވިޔަފާރިތަކަށް ޚާއްޞަކުރެވިފައިވާ ސަރަހައްދުތައް ހިމެނެއެވެ.
"މި ޕްލޭނުގައި އަޅުގަނޑުމެން ކޮމާޝަލް ޒޯނެއް ވެސް ކަނޑައަޅާފައިވާނެ. ހަމައެއާއެކު، ޓޫރިޒަމަށް ޚާއްޞަ ސަރަހައްދުތަކާއި ސްކޫލުތަކާއި މިސްކިތްތައް ވެސް މި ޕްލޭނުގައި ހިމެނޭ،" ނަސީމް އިތުރަށް ވިދާޅުވިއެވެ.
ޕްލޭނުގައިވާ ގޮތުން، ގުޅިފަޅުގެ ތަރައްޤީއާއެކު މާލޭގެ ބޯހިޔާވަހިކަމުގެ ދަތިކަމަށް ހައްލެއް ލިބޭނެކަމަށް ސަރުކާރުން އުންމީދުކުރެއެވެ.
ކޮމެންޓު ފޮނުވާ