ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އިއްޔެ ހާމަކުރި ތަފާސް ހިސާބުތަކަށް ބަލާއިރު، މިދިޔަ އޭޕްރިލް މަހު ޑެންގީ ހުން ޖެހިގެން 127 މީހުން ރިޕޯޓުކޮށްފައިވާކަން ފާހަގަކުރެވެއެވެ. މިއީ މާރިޗް މަހު ރިޕޯޓުކުރެވުނު 73 ކޭސްއާ އަޅާބަލާއިރު ފާހަގަކޮށްލެވޭ އިތުރުވުމެކެވެ.
އެޗްޕީއޭގެ ރިޕޯޓުގައިވާ ގޮތުން، ޑެންގީ ހުމުގެ ކޭސްތައް އިތުރުވެފައިވަނީ ރ. އަތޮޅު، ކ. އަތޮޅު، އއ. އަތޮޅު، މ. އަތޮޅު އަދި ދ. އަތޮޅުގައެވެ. މި ބަލި ފެތުރެނީ އީޑީސް މަދިރީގެ ޒަރިއްޔާއިން ކަމަށްވާތީ، އެޗްޕީއޭއިން ވަނީ ރައްޔިތުންނަށް މަދިރިން ރައްކާތެރިވުމަށް އިލްތިމާސްކޮށްފައެވެ.
ޑެންގީ ހުމުގެ މައިގަނޑު އަލާމާތްތަކުގެ ތެރޭގައި ހުން އައުން، ގައިގައި ރިއްސުން، ބޮލުގައި ރިއްސުން، ލޮލުގައި ރިއްސުން އަދި ހަންގަނޑުގައި ކުދި ރަތްބިހިތަކެއް ނެގުން ހިމެނެއެވެ.
ކަމާބެހޭ ފަރާތްތަކުން ވަނީ މަދިރި އާލާވާ ގޮތްގޮތަށް އަމަލު ނުކުރުމަށް ރައްޔިތުންނަށް އިރުޝާދު ދީފައެވެ. އެގޮތުން ފެން އެޅޭ ގޮތަށް ފުޅި ފަދަ ތަކެތި އުކާނުލުމަށާއި، ހަށިގަނޑު ރަނގަޅަށް ނިވާވާ ގޮތަށް ހެދުން އެޅުމުގެ އިތުރުން މޮސްކިޓޯ ރެފެލެންޓް ފަދަ ތަކެތި ބޭނުންކުރުމަށްވެސް ވަނީ އިލްތިމާސްކޮށްފައެވެ.
ކޮމެންޓު ފޮނުވާ