ލޯކަލް ގަވަމަންޓް މިނިސްޓްރީގައި 81 ސިޔާސީ މުވައްޒަފުން

ލޯކަލް ގަވަމަންޓް މިނިސްޓްރީގައި 81 ސިޔާސީ މުވައްޒަފުން

Author
ހުސައިން
13 މެއި 2025 01:50
0

ލޯކަލް ގަވަމަންޓް މިނިސްޓްރީގައި މިވަގުތު މަސައްކަތްކުރައްވަމުން ގެންދަވަނީ 81 ސިޔާސީ މުވައްޒަފުން ކަމަށް ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި، އާންމު މަސައްކަތްތަކާއި ބެހޭ ވަޒީރު އާދަމް ޝަރީފް ޢުމަރު ހާމަކުރައްވައިފިއެވެ.

އިއްޔެ ބޭއްވުނު މަޖިލީހުގެ ލާމަރުކަޒީ ކޮމިޓީގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން، ވަޒީރު ވިދާޅުވީ މިނިސްޓްރީގެ ސިޔާސީ މުވައްޒަފުން ހަމައެކަނި މާލޭގައި ނޫންކަމާއި، އަތޮޅުތަކުގައިވެސް ތިއްބަވާނެކަމަށެވެ.

"ރަށްރަށުގައި ހުރި މިނިސްޓްރީގެ ޕަބްލިކް ވޯކްސް ޔުނިޓްތަކުގައިވެސް ސިޔާސީ މުވައްޒަފުން ތިއްބަވާނެ. މާލޭގައި ވެސް ތިއްބަވާނެ. މި ވަގުތު 81 މުވައްޒަފުން" ވަޒީރު އާދަމް ޝަރީފް ވިދާޅުވިއެވެ.

ވަޒީރު އިތުރަށް ހާމަކުރެއްވި ގޮތުގައި، ޕަބްލިކް ވާރކްސްގެ ޙިދުމަތް ފުޅާކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަރަށް ބޮޑު އިސްކަމެއް ދެއްވާކަމަށާއި، ޕަބްލިކް ވާރކްސްގެ ސައިޓެއް ނެތް ކޮންމެ އަތޮޅެއްގައި މި ޙިދުމަތް ޤާއިމްކުރުމަކީ ސަރުކާރުގެ އަމާޒެއްކަމަށް ވަޒީރު ފާހަގަކުރެއްވިއެވެ. މީގެ އިތުރުން، ދެ މޯބައިލް ޔުނިޓު ޤާއިމްކުރުމަކީވެސް ސަރުކާރުގެ ސިޔާސަތެއްކަން ވަޒީރު ވިދާޅުވިއެވެ.

ލޯކަލް ގަވަމަންޓް މިނިސްޓްރީގައި 81 ސިޔާސީ މުވައްޒަފުން ތިބިކަމަށް ވަޒީރު ހާމަކުރައްވާފައިވަނީ، ސަރުކާރުން ހަރަދު ކުޑަކުރުމުގެ ފިޔަވަޅުތަކެއް އަޅަމުންދާ ދަނޑިވަޅެއްގައެވެ. މިގޮތުން 31 އޮކްޓޯބަރ 2024ގެ ނިޔަލަށް ސިޔާސީ ވަޒީފާތަކުން 228 މީހަކު ވަކިކޮށްފައިވާކަމަށް ރައީސް އޮފީހުން ވަނީ ހާމަކޮށްފައެވެ.

ހަމައެހެންމެ، ރައީސް ޑރ. މުޢިއްޒު ކުރިން ވިދާޅުވެފައިވަނީ މުޅި ސަރުކާރުގައި ސިޔާސީ މުވައްޒަފުންގެ އަދަދު 700 އަށްވުރެ އިތުރުނުކުރުމަކީ ސަރުކާރުގެ އަމާޒެއްކަމުގައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.