ސަރުކާރުން މަތީ ތަޢުލީމު ހާސިލުކުރުމަށް ދޫކުރާ ލޯނު ސްކީމަށް މިއަހަރު 1,351 ދަރިވަރުން ކުރިމަތިލައިފައިވާކަމަށް ހަޔަރ އެޑިޔުކޭޝަން މިނިސްޓަރު ޑރ. ޢަލީ ހައިދަރު މައުލޫމާތު ދެއްވައިފިއެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ހުޅުމާލެ ދެކުނު ދާއިރާގެ މެންބަރު ޑރ. އަޙުމަދު ޝަމްހީދުގެ ސުވާލަކަށް ޖަވާބުދެއްވަމުން މިނިސްޓަރު ވިދާޅުވީ، މިދިޔަ މާރިޗު 29 ވަނަ ދުވަހު ސަރުކާރުން ހުޅުވާލި 500 ފުރުސަތަށް އެހާ ގިނަ ދަރިވަރުން ކުރިމަތިލާފައިވާ ކަމަށެވެ.
ޝަރުތު ހަމަވާ ހުރިހާ ދަރިވަރުންނަށް ފުރުސަތު ދިނުމާ ގުޅޭގޮތުން ކުރެވުނު ސުވާލަށް ޖަވާބުދެއްވަމުން މިނިސްޓަރު ވިދާޅުވީ އެއީ ސަރުކާރުގެ ސިޔާސަތު ކަމަށާއި މިއަހަރުވެސް އެގޮތަށް ޢަމަލުކުރާނެކަމަށް ގަބޫލުކުރައްވާ ކަމަށެވެ. ނަމަވެސް މިކަމުގައި ވަކި ގޮތެއް އަދި ނިންމަވާފައިނުވާކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ. މިދިޔަ އަހަރުވެސް 500 ޖާގައަށް ހުޅުވާލިއިރު، ޝަރުތު ހަމަވި ހުރިހާ ކުދިންނަށް ލޯނު ދޫކޮށްފައިވެއެވެ.
ލޯނަށް ހުޅުވާލުން ލަސްވި ސަބަބާ ގުޅޭގޮތުން މިނިސްޓަރު ވިދާޅުވީ، ލޯނު ދޫކުރަނީ އޭ ލެވެލް އިމްތިހާނުގެ ނަތީޖާގެ މެރިޓަށް ބެލުމަށްފަހު ކަމަށްވާއިރު، މިދިޔަ އަހަރުގެ އޭ ލެވެލް އިމްތިހާނުގެ ނަތީޖާ ލިބިފައިވަނީ ފެބްރުއަރީ މަހުގެ ފަހުން ކަމަށެވެ.
"ޖެނުއަރީގައި ހުޅުވާލިނަމަވެސް އެބަ މަޑުކުރަން ޖެހޭ ފެބްރުއަރީ ނިމެންދެން ކުދިންނަށް އެވޯޑުކުރުމުގައި،" ހައިދަރު ވިދާޅުވިއެވެ.
ލޯނު ސްކީމުގެ ދަށުން ދެ ބަޔަކަށް ލޯނު ދިނުމަށް ހަމަޖެހިފައިވެއެވެ. އެއީ އަލަށް ކިޔަވަން ފަށާ ދަރިވަރުންނާއި މިހާރު ކިޔަވަމުން އަންނަ ދަރިވަރުން (ޓޮޕްއަޕް ލޯން) އެވެ. މިފަހަރު ޓޮޕްއަޕް ލޯނު ދޫކުރަން ހަމަޖެހިފައިވަނީ 700,000 ރުފިޔާއަށް ވުރެ ބޮޑުނުވާ އަދަދަކަށެވެ.
އަދި ފާހަގަކޮށްލަންޖެހޭ އެއް ކަމަކީ، ރައީސް ޑރ. މުޙައްމަދު މުޢިއްޒު އިއްޔެ ވަނީ ސްޓޫޑެންޓް ލޯނު އަނބުރާ ދައްކާއިރު އެޑްމިނިސްޓްރޭޓިވް ފީގެ ގޮތުގައި މިހާރު ނަގަމުންދާ އެއް ޕަސެންޓު ނުނަގަން ނިންމަވާފައިވާ ކަމެވެ.
ކޮމެންޓު ފޮނުވާ