ފިޝަރީޒް މިނިސްޓަރު އަހުމަދު ޝިޔާމް ވިދާޅުވެފައިވަނީ މަސްވެރިންނަށް ޑޮލަރުން ފައިސާ ދެއްކުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވައުދުފުޅެއް ނޫން ކަމަށެވެ. އަހާ ފޯރަމްގައި މިރޭ ވާހަކަފުޅު ދައްކަވަމުން، މިނިސްޓަރު ޝިޔާމް ވިދާޅުވީ މިއީ ހަގީގަތެއް ނެތް ވާހަކަތަކެއް ކަމަށާއި، މިކަމާ ގުޅޭގޮތުން އިދިކޮޅު އެމްޑީޕީން ކުރިން ދައްކާފައިވާ ވާހަކަތަކަކީ ތެދު ނޫން ކަމަށެވެ.
"ޑޮލަރުން މަސްވެރިންނަށް ޕޭމަންޓް ދޭ ވާހަކަ އެއީ ރަނގަޅު ވާހަކައެއް ނޫން. ރައީސުލްޖުމްހޫރިއްޔާ އެފަދަ މޭރުމަކުން ވިދާޅެއް ނުވޭ ކެމްޕޭންގައި ވެސް، އަޅުގަނޑު މިއީ ކެމްޕޭންގައި ވަރަށް އެކްޓިވްކޮށް އުޅުނު މީހަކަށް ވާތީއާ ވެސް އެކު. އެ މަނިކުފާނުގެ މެނިފެސްޓޯ ވެސް އޮންނާނެ،" މިނިސްޓަރު ޝިޔާމް ވިދާޅުވިއެވެ.
މިނިސްޓަރު ޝިޔާމް އިތުރަށް ވިދާޅުވީ، ރައީސް މުއިއްޒު ވެރިކަމާ ހަވާލުވެވަޑައިގެންނެވި އިރު މަހުގެ އަގު ހުރީ ކިލޯއަކަށް 23 ރުފިޔާގައި ކަމަށާއި، މިއީ ދައުލަތަށް ކެތްކުރެވޭ ވަރެއް ނޫން ކަމަށެވެ. އަދި އެ އަގަކީ ރިޔާސީ އިންތިޚާބުގެ ފުރަތަމަ ބުރާއި ދެވަނަ ބުރާ ދެމެދު، 2023 ވަނަ އަހަރުގެ ސެޕްޓެމްބަރު 16 ވަނަ ދުވަހު ކުރީގެ ސަރުކާރުން 17 ރުފިޔާއިން 23 ރުފިޔާއަށް ގެނައި ބަދަލެއްގެ ސަބަބުން ކަނޑައެޅުނު އަގެއް ކަމަށެވެ.
"ސެޕްޓެމްބަރު 16 ވަނަ ދުވަހު މަަހުގެ އަގަށް މި ގެނައި ބަދަލަކީ، އޭރު އޮތް 17 ރުފިޔާއަށް އޮތް އޮތުން 23 ރުފިޔާއަށް ބަދަލު މިކުރީ. 23 ރުފިޔާއަށް ރިޔާސީ އިންތިހާބުގެ ދެ ބުރުގެ ދޭތެރޭ ބަދަލުކުރެއްވި ކުރެއްވުމުގައި އެއްވެސް ކަހަލަ އިހުލާސްތެރިކަމެއް އޮތްތޯ ނެތްތޯ ވެސް، މި ސުވާލު ވެސް އުފައްދާނެ،" މިނިސްޓަރު ޝިޔާމް ވިދާޅުވިއެވެ.
މިނިސްޓަރުގެ ވާހަކަފުޅުގައި، މަހުގެ އަގު 23 ރުފިޔާއަށް ބަދަލުކުރުމަށްފަހު، ކުރީގެ ސަރުކާރުން މަސްވެރިންނަށް ފައިސާ ދެވިފައިނުވާ ކަމަށާއި، ރައީސް މުއިއްޒު ވެރިކަމާ ހަވާލުވެވަޑައިގެންނެވި އިރު މަސްވެރިންނަށް ދޭންޖެހޭ 250 މިލިއަން ރުފިޔާގެ ބެކްލޮގެއް އޮތް ކަމަށް ވެސް ފާހަގަކުރެއްވިއެވެ. އަދި މިފްކޯއިން 23 ރުފިޔާއަށް މަސް ގަންނަ އިރު، ސަރުކާރުން 13 ރުފިޔާއަށްވުރެ ބޮޑު އަދަދެއް ސަބްސިޑީގެ ގޮތުގައި ދޭން ޖެހޭ ކަމަށްވެސް ފާހަގަކުރެއްވިއެވެ.
މަސްވެރިންނަށް ދެމެހެއްޓެނިވި އަގެއް ކަނޑައެޅުމުގެ މަސައްކަތްތައް މިހާރުގެ ސަރުކާރުން ކުރަމުންދާ ކަމަށް ޝިޔާމް ވިދާޅުވިއެވެ. މިގޮތުން މިދިޔަ ޖޫން މަހުގައި މަހުގެ އަގު ކަނޑައެޅީ ބޭރުގެ މާކެޓުތަކަށް ރިއާޔަތްކޮށް ކަމަށާއި، މިހާރު މަސްވެރިންނަށް ބަރާބަރަށް ފައިސާ ދެވެމުންދާ ކަމަށް ވެސް ވިދާޅުވިއެވެ. އަދި ރައީސް މުއިއްޒު ވެވަޑައިގެންނެވި ވައުދުފުޅާ އެއްގޮތަށް މަސްވެރިން ބާނާ މަހަށް 48 ގަޑިއިރުގެ ތެރޭގައި ފައިސާ ދެވެމުންދާކަން ފާހަގަކުރެއްވިއެވެ.
މިނިސްޓަރު ޝިޔާމް އިތުރަށް ވިދާޅުވީ، މަސްވެރިން އަތުން 20 ރުފިޔާއަށްވުރެ ދަށް ނޫން އަގެއްގައި މަސް ގަންނާނެ ކަމަށް ރައީސް ވިދާޅުވެފައިވާ ކަމަށާއި، އެކަމަށް ކުރަންޖެހޭ މަސައްކަތްތައް މިހާރު ކުރަމުން އަންނަ ކަމަށެވެ.
ކޮމެންޓު ފޮނުވާ