ހަޔާ އެޑިއުކޭޝަން މިނިސްޓްރީން މިއަދު ހާމަކުރި މަޢުލޫމާތަކުން އެނގުނު ގޮތުގައި، މިދިޔަ އޭޕްރީލްމަހުގެ ނިޔަލަށް 751 ދަރިވަރަކަށް ސްޓޫޑެންޓް ލޯނުގެ ގޮތުގައި 55.5 މިލިއަނަށްވުރެ ގިނަ ރުފިޔާ ދޫކޮށްފައިވެއެވެ.
މިނިސްޓްރީން ދެއްވި މަޢުލޫމާތުގައި ވިދާޅުވެފައިވަނީ ސްޓޫޑެންޓް ލޯނު ނަގައިގެން ކިޔަވަމުންދިޔަ ދަރިވަރުންގެ ތެރެއިން 34 ދަރިވަރަކު ކާމިޔާބުކަމާއެކު އެމީހުންގެ ކޯސްތައް ވަނީ ނިންމާފައިކަމަށެވެ.
މިއަހަރު ހަޔާ އެޑިއުކޭޝަން މިނިސްޓްރީން ސްޓޫޑެންޓް ލޯނު ސްކީމަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލުމުން، 500 ފުރުޞަތަށް 1,300 އަށްވުރެ ގިނަ ދަރިވަރުން ހުށަހަޅާފައިވާކަން މިނިސްޓްރީން ފާހަގަކޮށްފައިވެއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު ވެރިކަމާ ހަވާލުވެވަޑައިގެންނެވި ފަހުން، ސްޓޫޑެންޓް ލޯނު ތިން ގިންތިއަކަށް ބަހާލައިގެން އިސްލާމީ ޝަރީޢާގެ އުސޫލުތަކާ އެއްގޮތަށް ދޫކުރަމުން ގެންދެއެވެ. މި ގިންތިތަކުގެ ތެރޭގައި ޓޮޕްއަޕް ލޯނާއި، ރާއްޖޭގެ ޔުނިވަސިޓީ/ކޮލެޖް/މޯލްޑިވްސް ޕޮލިޓެކްނިކްގައި ކިޔެވުމަށް ދޫކުރާ ލޯނުގެ އިތުރުން ހައިލީ ޓެކްނިކަލް ދާއިރާތަކަށް ޚާއްޞަކޮށްގެން ދޫކުރާ ލޯނުތައް ހިމެނެއެވެ.