މާލެ، 9 މެއި 2025 – ރާއްޖެއަށް މެދުނުކެނޑި އަދި އަތްފޯރާ އަގުގައި މުހިންމު ބޭސްތައް ލިބުން ކަށަވަރުކުރުމަށްޓަކައި، ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން (އެސްޓީއޯ) އާއި އިންޑިއާ ސަރުކާރުގެ ހެލްތް މިނިސްޓްރީގެ ދަށުން ހިންގާ އެޗްއެލްއެލް ލައިފްކެއަރ ލިމިޓެޑް އާ ދެމެދު އިއްޔެ ސްޓްރެޓެޖިކް އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.
މި އެއްބަސްވުމަކީ އިންޑިއާގެ ޕްރަދާން މަންތްރީ ބާރަތިޔާ ޖަނައުޝަދި ޕަރިޔޯޖަނާ (ޕީއެމްބީޖޭޕީ) ނުވަތަ ޖަނައުޝަދި ސްކީމްގެ ދަށުން ވެވުނު އެއްބަސްވުމެކެވެ. ފާއިތުވެދިޔަ އަހަރުތަކުގައި ރާއްޖޭގައި ބޭސްތަކުގެ ޝޯޓޭޖް މައްސަލަތަކެއް ދިމާވެ، ސިއްހީ ނިޒާމަށް ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިވެފައިވާއިރު، މި އެއްބަސްވުމަކީ އެފަދަ މައްސަލަތަކަށް ދާއިމީ ހައްލެއް ހޯދުމަށް އެޅޭ މުހިންމު ފިޔަވަޅެކެވެ.
އެސްޓީއޯގެ ސީއީއޯ ވިދާޅުވި ގޮތުގައި، "މި އެއްބަސްވުމުގެ ދަށުން ރާއްޖެއަށް ހޯދުމަށް ދަތި ބޭސްތައް ފަސޭހައިން ލިބޭނެ އިންތިޒާމުތައް ހަމަޖެހިގެންދާނެއެވެ. ހުރިހާ ބޭހެއްވެސް ހުންނާނީ ދުނިޔޭގެ ސިއްހަތު ޖަމްއިއްޔާ (ޑަބްލިއުއެޗްއޯ) ގެ މިންގަނޑުތަކާއި ރާއްޖެއަށް ބޭސް އެތެރެކުރުމަށް ހަދާފައިވާ ގަވާއިދުތަކާ އެއްގޮތަށެވެ."
މި ޕާޓްނަރޝިޕްގެ ބިންގާ އަޅާފައިވަނީ ކުރިންވެސް ދެ ފަރާތުގެ މެދުގައި އޮތް ކާމިޔާބު ގުޅުމުގެ މައްޗަށެވެ. ކޮވިޑް-19ގެ ބަލިމަޑުކަމުގެ ތެރޭގައި އެޗްއެލްއެލް ލައިފްކެއަރއިން އެސްޓީއޯއަށް މުހިންމު ބޭސްތައް ފޯރުކޮށްދީ، ދަތި ދުވަސްވަރެއްގައި އިތުބާރުހުރި އަދި ވަގުތަށް ހިދުމަތްދޭ ޕާޓްނަރެއްކަން ސާބިތުކޮށްދީފައިވެއެވެ.
އެޗްއެލްއެލް ލައިފްކެއަރގެ މެނޭޖިންގ ޑިރެކްޓަރ ވިދާޅުވި ގޮތުގައި، "އަޅުގަނޑުމެން ފަހަރިވެގެން މިދަނީ ދިވެހިރާއްޖެއާއެކު މިފަދަ ސްޓްރެޓެޖިކް ޕާޓްނަރޝިޕެއް ޤާއިމްކުރެވިގެންދާތީއެވެ. އަޅުގަނޑުމެންގެ ފުޅާ ފާމަސިއުޓިކަލް ސަޕްލައި ޗެއިންގެ ތެރެއިން، ރާއްޖެއަށް ބޭނުންވާ މުހިންމު ބޭސްތައް އަޅުގަނޑުމެންނަށް ދެމެހެއްޓެނިވި ގޮތެއްގައި ފޯރުކޮށްދެވޭނެއެވެ."
މި އެއްބަސްވުމާއެކު، ރާއްޖެ މި ގުޅުވާލެވުނީ ދުނިޔޭގެ އެންމެ ފުޅާ ފާމަސިއުޓިކަލް ސަޕްލައި ޗެއިންތަކުގެ ތެރެއިން އެއް ޗެއިނާއެވެ. މީގެ ސަބަބުން ރާއްޖޭގެ ރައްޔިތުންނަށް މުހިންމު ބޭސްތައް މެދުނުކެނޑި، އަތްފޯރާ އަގުގައި ލިބިގެންދާނެކަމަށް ސަރުކާރުން އުންމީދުކުރެއެވެ.