މިހާރު ރާއްޖެއަށް ކުރަމުންދާ ވިއްސާރައިގައި ވެރިރަށް މާލެއަށް ހެނދުނު 10:00 ޖަހަންދެން ވައިގަދަވެ ބޯކޮށް ވާރޭ ވެހޭނެކަމަށް މޫސުމާއި ބެހޭ ގައުމީ އިދާރާއިން ލަފާކޮށްފިއެވެ. މި އިދާރާއިން ވަނީ ރާއްޖޭގެ ބޮޑު ބަޔަކަށް އެލާޓް ނެރެފައިވާއިރު، އެލާޓް ނެރެފައިވަނީ ހއ. އަތޮޅުން ފެށިގެން ލ. އަތޮޅުގެ ރަށްތަކާއި ހަމައަށެވެ.
އެލާޓްގައިވާ ގޮތުން މި ސަރަހައްދުތަކަށް ގުގުރުމާއި އެކު ބޯކޮށް ވާރޭ ވެހޭނެއެވެ. އަދި ވިލާގަނޑުގައި 40 މޭލަށް ވައިގަދަވެސް ވާނެއެވެ. އެލާޓް ނެރެފައިވަނީ ފަތިހު 04:00 އިން ހެނދުނު 10:00 ޖެހުމާއި ހަމައަށެވެ.
މި ވިއްސާރާގައި ރޭ ދަންވަރުން ފެށިގެން ވެރިރަށް މާލެއަށް ވެސް އަންނަނީ ވިއްސާރަކުރަމުންނެވެ. ފަތިހުން ފެށިގެން ހުއްޓާ ނުލާ ވާރޭ ވެހުމުގެ ސަބަބުން މާލޭގެ ބައެއް ސަރަހައްދުތަކުގައި ވަނީ ފެންބޮޑުވެފައެވެ. ފެންބޮޑުވުމާއި ގުޅިގެން ސިފައިން ނުކުމެ ފެން ހިންދުމުގެ މަސައްކަތް މިހާރުވެސް އަންނަނީ ކުރަމުންނެވެ.
މޫސުމާބެހޭ ގައުމީ އިދާރާއިން މި ދަނޑިވަޅުގައި ވަނީ މެދު ރާއްޖެތެރޭގެ ބައެއް ރަށްތަކަށް ޔެލޯ އެލާޓްވެސް ނެރެފައެވެ. ރައްޔިތުންނަށް އިލްތިމާސްކޮށްފައިވަނީ މި ނުރައްކާތެރި މޫސުމުގައި ކަނޑު ދަތުރުކުރުމުގައި ސަމާލުވެ، ބޭރަށް ދިއުން ވީހާވެސް މަދުކުރުމަށެވެ.
ކޮމެންޓު ފޮނުވާ