ސަން ޓްރެވަލްސްގެ ނ. މިނާވަރު ސަރުކާރަށް އަތުލަން ނިންމައިފި

ސަން ޓްރެވަލްސްގެ ނ. މިނާވަރު ސަރުކާރަށް އަތުލަން ނިންމައިފި

Author
ހުސައިން
06 މެއި 2025 08:26
0

އެގްރިކަލްޗަރ މިނިސްޓްރީން މިއަދު ހާމަކުރެއްވި ގޮތުގައި، ދ. މީދޫ ދާއިރާގެ މަޖިލިސް މެންބަރު އަޙްމަދު ސިޔާމް މުޙައްމަދުގެ ސަން ޓްރެވަލްސް ކުންފުންޏަށް ކުއްޔަށް ދޫކޮށްފައިވާ ނ. މިނާވަރު ސަރުކާރަށް އަނބުރާ ނެގުމަށް ނިންމަވާފައިވެއެވެ.

މިނިސްޓްރީގެ ބަޔާނުގައި ވިދާޅުވެފައިވަނީ، މި ރަށް 2010 ވަނަ އަހަރުގެ ފެބްރުއަރީ 6 ވަނަ ދުވަހު 21 އަހަރުގެ މުއްދަތަށް ކުއްޔަށް ދޫކޮށްފައިވަނީ ދަނޑުވެރިކަމާއި ވެލިޔުއެޑިޝަން އަދި ޕްރޮސެސިންގގެ މަސައްކަތްތައް ކުރުމަށް ކަމަށެވެ. ނަމަވެސް، ސަރުކާރުން މޮނިޓަރކުރުމުން ފާހަގަކުރެވިފައިވަނީ ކުންފުނީގެ ފަރާތުން ވެލިޔުއެޑިޝަން އަދި ޕްރޮސެސިންގގެ އެއްވެސް މަސައްކަތެއް ރަށުގައި ކުރަމުން ނުދާކަމެވެ.

މި އަހަރުގެ މާރިޗް 19 ވަނަ ދުވަހުން ފެށިގެން ކުންފުންޏަށް 30 ދުވަހުގެ މުއްދަތެއް ދީފައިވީ ނަމަވެސް، އެއްބަސްވުމާ ޚިލާފަށް ހުރި ކަންކަން ރަނގަޅު ކޮށްފައިނުވާތީ، މިނާވަރު ސަރުކާރަށް އަތުލުމަށް ނިންމުނު ކަމަށް މިނިސްޓްރީން ވިދާޅުވިއެވެ. މި ގޮތުން ކުއްޔަށް ހިފާފައިވާ މުއްދަތު ހަމަވުމަށް އަދި 6 އަހަރު އޮތްނަމަވެސް، ރަށް އަތުލުމަށް 14 ދުވަހުގެ ނޯޓިސްއެއް ކުންފުންޏަށް ދީފައިވާކަން މިނިސްޓްރީން ހާމަކުރެއްވިއެވެ.

ފާހަގަކޮށްލެވޭ ކަމަކީ، މީގެ ކުރިން ވެސް ސިޔާމްގެ ނަމުގައި ކުއްޔަށް ހިފާފައިވާ ދ. އުއްދޫ، ހަމަ މިފަދަ ސަބަބަކާހުރެ ސަރުކާރުން ވަނީ އަތުލާފައެވެ. އުއްދޫ ވެސް ކުއްޔަށް ދީފައިވަނީ ދަނޑުވެރިކަން ކުރުމަށެވެ.

ސިޔާމް ނިސްބަތްވާ އެމްޑީއޭ ސަރުކާރު ކޯލިޝަނުގައި ކުރިން ހިމެނުނު ނަމަވެސް، މިދިޔަ ހޮނިހިރު ދުވަހު ބޭއްވި މީޑިއާ ބްރީފިންގއެއްގައި ރައީސް މުޙައްމަދު މުއިއްޒު ވިދާޅުވެފައިވަނީ މިހާރު ސަރުކާރު ކޯލިޝަނުގައި އެމްޑީއޭ ނުހިމެނޭ ކަމަށެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.