އާންމު މެމްބަރުންނާއި ދެކޮޅަށްވެސް ރައީސްކަމުގައި ބަގުޑި ބައްދަނީ

އާންމު މެމްބަރުންނާއި ދެކޮޅަށްވެސް ރައީސްކަމުގައި ބަގުޑި ބައްދަނީ

Author
މުޙައްމަދު ޝަޒައިމް
03 ޖެނުއަރީ 2021 10:20
0

އަދާލަތު ޕާޓީގެ ރައީސްކަން ގެއްލިދާނެތީ ޕާތީގެ އަސާސީ ގަވާދަށް އެއްވެސް ބަދަލެ ނުގެސް، މިހާރުގެ ރައީސް އަދި ހޯމް މިނިސްޓަރ އިމްރާނަށް މަޤާމު ޔަގީންވާގޮތަށް އިންތިޚާބު ބާއްވަން ކުރާ މަސައްކަތަށް އެޕާޓީގެ ގިނަ މެމްބަރުން ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.

އަދާލަތު ޕާޓީން މިމަހުގެ 23 ވަނަ ދުވަހު ބާއްވަން ހަމަޖައްސާފައިވާ އެ ޕާޓީގެ އެތެރޭގެ އިންތިހާބުގައި ޕާޓީގެ ރައީސް ކަމުގެ މަގާމަށް އަންހެނަކަށް ކުރިމަތިލެވެން ޖެހޭނެ ކަމަށް ގަބޫލުކުރައްވާ ކަމަށް އެ ޕާޓީގެ ފޮރިން އެފެއާޒް ކޮމިޓީގެ ރައީސްކަމުގެ މަގާމުގައި ހުންނެވި ކުރީގެ ޖެންޑާ މިނިސްޓަރު ޝިދާތާ ޝަރީފްވެސް ވަނީ ވިދާޅުވެފައެވެ.

އަދާލަތު ޕާޓީގެ އަސާސީ ގަވައިދުގައި މިހާރު އޮންނަ ގޮތުން އެ ޕާޓީގެ ރައީސަކަށްވެސް އަދި ނައިބު ރައީސަކަށްވެސް އަންހެނަކަށް ކުރިމައްޗެއް ނުލެވެއެވެ. ނަމަވެސް އެ ޕާޓީގެ ދުސްތޫރަށް ބަދަލު ގެންނަން އުޅޭ ކަމަށް ބުނެ އެ ޕާޓީގެ ބައެއް މެންބަރުން ވަނީ އިލެކްޝަންސް ކޮމިޝަނަށް މައްސަލަ ހުށަހަޅުމަށް އެޕާޓީންގެ އާންމު ބައެއް މެމްބަރުން ދަނީ މަސައްކަތް ކުރަމުންނެވެ. މިކަމާއި ގުޅޭގޮތުން އިލެކްޝަން ކޮމިޝަންގެ ރައީސް އަހުމަދު ޝަރީފް ވިދާޅުވެފައިވަނީ އަދާލަތް ޕާޓީގެ އަސާސީ ގަވާދު ބުނާގޮތުން ރައީސް ކަމަށް ކުރިމަތިލެވޭނީ ފިރިހެނުންނަށް ކަމަށެވެ. އަންހެނަކަށް އެ މަޤާމަށް ކުރިމަތިލެވޭފަދަ އިސްލާހެއް ހުށަހަޅާފައި ނުވާކަމަށެވެ.

އަދާލަތު ޕާޓީގެ ތެރޭގައިވެސް ސިޔާސީގޮތުން އަންހެނުންގެ ދައުރު ފުޅާވެ، ކުރީސަފަަށް ނިކުންނަ އަންހެނުން ދަނީ ގިނަވަމުންނެވެ. އެގޮތުން ކުރީގެ ޖެންޑަ މިނިސްޓަރ ޝިދާތާ ޝަރީފްއާއި، މަކުނުދޫ ދާއިރާގެ މެމްބަރު އަނާރާ ނައީމްއަކީވެސް އެޕާޓީ ތެރެއިން ފާހަގަކޮށްލެވޭ ރާއްޖޭގެ ސިޔާސީ މަސްރަހުގައިވެސް ގުނާލެވޭ ކަނބަލުންނެވެ.

ޚަބަރު އޮންލައިނާއި ވާހަކަ ދެއްކެވި އަދާލަތު ޕާޓީއަށް ނިސްބަތްވާ ބައެއް މެމްބަރުން ބުނެފައިވަނީ، ޕާޓީގެ އަސާސީ ގަވާދަށް ބަދަލު ގެނެސް އަންހެނުންނަށް ރައީސްކަމަށް ކުރިމަތި ނުލެވޭ ގޮތަށް އޮތް އޮތުމަށް ބަދަލު ގެނައުމީ ޕާޓީގެ މިވަގުތު ހިންގުމާއި ހަވާލުވެ ތިއްބެވި ބޭފުޅުންގެ އެއްބާރުލުން ލިބޭ ކަމެއްނޫނެވެ. ސަބަބީ މިހާރު ތިއްބެވި ބޭފުޅުން އެމަޤާމުތަކުގައި ތިއްބެވަތާ އެތައް އަހަރެއް ވެގެންދާއިރު، ޕާޓީއަށް އެކަށީގެންވާ މަސައްކަތްތަކެއް ނުކޮށްދެވި، މެމްބަރުންގެ އަދަދު އިތުރު ނުކުރެވޭތީއެވެ.

މިސަބަބުތަކައް މިހެންހުއިރު، އަންހެނުންނަށް ރައީސް ކަމަށް ފުރުސަތު ލިބޭގޮތަށް މިހާރު އަސާސީ ގަވާއިދަށް ބަދަލު ގެނެސްފިނަމަ، ޕާޓީގެ ރައީސްކަމުގައި ހުންނެވި ހޯމް މިނިސްޓަރ އިމްރާނަށް އެމަޤާމު ގެއްލުމަކީ ކައިރި ކަމެއްކަމަށް އެޕާޓީގެ ބައެއް މެމްބަރުން ވިދާޅުވެއެވެ. އަދި މިހާރު ތިއްބެވި ގިނަ ބޭފުޅުންނަށްވެސް މަޤާމުރައް ގެއްލި އާ ލީޑަރޝިޕަކަށް ފުރުސަތު ލިބުމަކީ ކައިރި ކަމެއްކަމަށް އާންމު މެމްބަރުން ދެކެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.