ތެލަސީމިއާ ޕޭޝަންޓުންނަށް ޚާއްޞަ ސަމާލުކަމެއް ދޭނެކަމަށް ރައީސް ވިދާޅުވެއްޖެ

ތެލަސީމިއާ ޕޭޝަންޓުންނަށް ޚާއްޞަ ސަމާލުކަމެއް ދޭނެކަމަށް ރައީސް ވިދާޅުވެއްޖެ

Author
ހުސައިން
05 މެއި 2025 03:25
0

ތެލަސީމިއާ ޕޭޝަންޓުންނާ ގުޅޭ ކަންކަން ފުރިހަމަކުރުމަށް މި ސަރުކާރުން ޚާއްޞަ ސަމާލުކަމެއް ދޭނެ ކަމަށް ރައީސް މުއިއްޒު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ މިއަދު ހެނދުނު އެމަނިކުފާނުގެ އޮފީހުގައި ބޭއްވި ބައްދަލުވުމެއްގައި ވާހަކަ ދައްކަވަމުންނެވެ.

ތެލަސީމިއާ ކޮމިއުނިޓީއާއެކު ބޭއްވުނު މި ބައްދަލުވުމުގައި، ތެލަސީމިއާއާ ގުޅުންހުރި މައްސަލަތަކަ ހައްލު ހޯދުމަށް ސަރުކާރުން ކުރާ މަސައްކަތްތައް ކޮމިއުނިޓީން ފާހަގަކޮށް، އިތުރަށް ބޭނުންވާ ކަންކަން ރައީސްއާ ހިއްސާކުރިއެވެ. އޭގެތެރޭގައި ތެލަސީމިއާ ހޮސްޕިޓަލްގެ ޚިދުމަތްތައް ފުރިހަމަކުރުމާއި، ހޮސްޕިޓަލްގެ މަސައްކަތްތަކުގައި ތެލަސީމިއާ ކޮމިއުނިޓީގެ މަޝްވަރާއާއި ޚިޔާލު ހޯދުން ހިމެނެއެވެ.

މީގެއިތުރުން، ސަރުކާރުން ތެލަސީމިއާއާ ގުޅޭ ނިންމުންތައް ނިންމުމުގައި އެ ކޮމިއުނިޓީގެ ބައިވެރިވުން އޮންނަ ގޮތަށް ސިޔާސަތުތައް ބައްޓަންކޮށްދިނުމަށާއި، މޯލްޑިވްސް ބްލަޑް ސާވިސް (އެމްބީއެސް)އިން ވަށައިޖެހޭ ނިޒާމެއްގެ ތެރެއިން ހިދުމަތް ދިނުމަށް އެދިފައިވެއެވެ. އަދި އެމްބީއެސްގެ ޚިދުމަތް މުޅި ރާއްޖެއަށް ފުޅާކޮށް، ޕޭޝަންޓުންނާ ވީހާވެސް ގާތުން މަސައްކަތްކުރުމަށްވެސް އެދިފައިވެއެވެ.

މި ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވިދާޅުވީ، ތެލަސީމިއާ ކޮމިއުނިޓީން ހުށަހެޅި ކަންކަމަކީ "ވެލިޑް" އަދި މުހިންމު ކަންކަން ކަމަށާއި، އެ ކަންތައްތައް ހައްލުކޮށްދިނުމަށް ސަމާލުކަން ދެއްވައިގެން މަސައްކަތްކުރައްވާނެ ކަމަށެވެ. ތެލަސީމިއާ ޕޭޝަންޓުންގެ ބައިވެރިވުން އޮވެގެން މިކަމާ ގުޅޭ ސިޔާސަތުތައް އިތުރަށް ފުރިހަމަ ކުރެވޭނެކަން ރައީސް ފާހަގަކުރައްވައި، އެކަމަށް މަގުފަހިކޮށްދެއްވާނެ ކަމަށް ވިދާޅުވިއެވެ.

ރައީސް މުއިއްޒު ވަނީ މި ސަރުކާރުން ތެލަސީމިއާ ޕޭޝަންޓުންނަށް ރާއްޖޭގައި ތިބެގެން ފުރިހަމަ ފަރުވާ ލިބޭނެ މަގު ފަހިކުރައްވާނެކަމުގެ ޔަގީންކަންވެސް ދެއްވާފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.