އަސާސީ ބޭސްތަކުގެ ތެރެއިން 10 ބޭސް ފިޔަވައި ބާކީ ހުރިހާ ބޭސް އެސްޓީއޯއިން މިހަރު ލިބޭނެ: ރައީސް

އަސާސީ ބޭސްތަކުގެ ތެރެއިން 10 ބޭސް ފިޔަވައި ބާކީ ހުރިހާ ބޭސް އެސްޓީއޯއިން މިހަރު ލިބޭނެ: ރައީސް

Author
ހުސައިން
03 މެއި 2025 12:11
0

އަސާސީ ބޭސްތަކުގެ ލިސްޓުގައި ހިމެނޭ ބޭސްތަކުގެ ތެރެއިން 10 ބޭހެއް ފިޔަވައި އެހެން ހުރިހާ ބޭހެއް ސަރުކާރު ކުންފުނި އެސްޓީއޯއިން ލިބެން ހުންނާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެއެވެ.

ރައީސް އޮފީހުގައި މިއަދު ކުރިއަށްދާ ނޫސްވެރިންގެ ބައްދަލުވުމުގައި ރާއްޖޭގައި މިވަގުތު ދިމާވެފައިވާ ބޭހުގެ ދަތިކަން ހައްލުކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތަކާ ގުޅޭގޮތުން މަޢުލޫމާތު ދެއްވަމުން ރައީސް ވިދާޅުވީ، އެޕްރޫވްޑް ޑްރަގް ލިސްޓުގައި ހިމެނޭ 1,207 ޖެނެރިކް ބޭހުގެ ތެރެއިން މިވަގުތު އެސްޓީއޯއިން 784 ބޭސް ލިބެން ހުންނާނެކަމަށެވެ.

އިތުރު 308 ބޭހަކަށް މިހާރު އޯޑަރު ދީފައިވާކަމަށްވެސް ރައީސް ފާހަގަކުރެއްވިއެވެ. މީގެ އިތުރުން އަމިއްލަ ފަރާތްތަކުން ވިއްކާ 77 ބޭހެއްގެ އަގު ރިވައިޒްކޮށް، މިރޭއިން ފެށިގެން އެ އަގުތަކަށް އަމަލުކުރަން ފަށާނެކަމަށް ރައީސް ވިދާޅުވިއެވެ.

"އަގު ރިވައިޒްކުރީ ބޭސް ގެނައުމަށް ހިތްވަރު ދިނުމަށް، ސްޓޮކް މެއިންޓެއިންކުރުމަށް، އަޅުގަނޑު އުންމީދުކުރަނީ ހިފެހެއްޓުމެއް ނައިސް ބޭސް ގެންނާނެކަމަށް" ރައީސް މުއިއްޒު ވިދާޅުވިއެވެ.

ބޭހުގެ ސަޕްލައި އިތުރަށް ހަރުދަނާކުރުމަށްޓަކައި 115 ސަޕްލަޔަރުން ހޯދުމުގެ މަސައްކަތް ކުރިއަށްދާކަމަށް ރައީސް ވިދާޅުވިއެވެ. މިކަމުގެ ސަބަބުން ރާއްޖޭގައި މިވަގުތު ދިމާވެފައިވާ ބޭހުގެ ދަތިކަމަށް އަވަސް ހައްލެއް ލިބިގެންދާނެކަމަށް ރައީސް ވިދާޅުވިއެވެ.

ބޭހުގެ ދަތިކަން ހައްލުކުރުމަށް ސަރުކާރުން ގެންދާ މި މަސައްކަތްތަކުގެ ސަބަބުން ރައްޔިތުންނަށް ބޭސްފަރުވާ ލިބުމަށް ދިމާވެފައިވާ ދަތިތަކަށް ލުއިފަސޭހަތަކެއް ލިބިގެންދާނެކަމުގެ އުންމީދު ރައީސް ފާޅުކުރެއްވިއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.