ހުޅުމާލޭގައި އެސްޓީއޯއިން ގިނަ އަހަރުތަކެއް ވަންދެން އިމާރާތްކުރަމުން އައި ސިޓީ ހޮޓެލްގެ މަސައްކަތް ފުރިހަމަކޮށް، ހޮޓެލް ހިންގުމުގެ މަސައްކަތް "ވޯލްޑް އޮފް ބިޒްނަސް ޕްރައިވެޓް ލިމިޓެޑް" އާ ރަސްމީކޮށް ހަވާލުކޮށްފިއެވެ. ވޯލްޑް އޮފް ބިޒްނަސްއިން ހޮޓެލް ހިންގަން ފަށާނީ އެސްޓީއޯއާއެކު ސެޓަލްމަންޓް އެއްބަސްވުމެއްގައި ސޮއިކުރުމަށްފަހުގައެވެ.
މި ހޮޓެލް އިމާރާތުގައި ސަރުކާރުގެ ބޭނުމަށް ޚާއްޞަކުރެވޭ ބައެއް ހިމެނެއެވެ. މި ބައިގައި ސަރުކާރުގެ މުހިއްމު ވަޢުދުތަކުގެ ތެރޭގައި ހިމެނޭ މީޑިއާ ވިލެޖް، ޔޫތު ސެންޓަރު (އީ-ސްޕޯޓްސް)، ހެރިޓޭޖް ކޮލެޖް އަދި މެޑިކަލް ކޮލެޖް ތަރައްޤީކުރެވޭނެއެވެ. މި ތަންތަން ނިންމައި ހަވާލުކުރުމަށް ހަމަޖެހިފައިވަނީ މަސައްކަތް ފެށުމަށްފަހު ހަތަރު މަސްދުވަހުގެ ތެރޭގައެވެ.
ހޮޓެލްގެ އެހެނިހެން ސަރަޙައްދުގައި ފައިވް ސްޓާ ފެންވަރުގެ 158 ކޮޓަރި ޤާއިމްކުރެވި، މަސައްކަތް ފަށާތާ ނުވަ މަސްދުވަހުގެ ތެރޭގައި ހޮޓެލް ހުޅުވުމަށް ހަމަޖެހިފައިވާކަމަށް އިޢުލާންކޮށްފައިވެއެވެ. މިއީ ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންނަށް ޓްރާންސިޓް ކުރެވޭނެ ރަނގަޅު ހޮޓެލެއް ހުޅުމާލޭގައި ތަރައްޤީކުރުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވެވަޑައިގެންފައިވާ ވަޢުދާ އެއްގޮތަށް، ޒަމާނީ ވަސީލަތްތަކާއެކު ތަރައްޤީކުރެވޭ އިމާރާތެކެވެ.
މެންހަޓަން ގްރޭންޑް ހޮޓެލްގެ ނަމުގައި ހޮޓެލް ހިންގުމަށް ހަމަޖެހިފައިވަނީ 50 ޕަސެންޓް ބޭރުގެ އިންވެސްޓްމަންޓާއެކު ކަމަށްވާއިރު، މި މަޝްރޫއަށް އިންވެސްޓްކުރާނީ ޔޫއޭއީގެ ކުންފުންޏެއް ކަމުގައިވާ "ޑީޕް ސީފުޑް ކޮމްޕެނީ" އިންނެވެ.
ކޮމެންޓު ފޮނުވާ