އެސްޓީއޯގެ 2025 ވަނަ އަހަރުގެ ފުރަތަމަ ކުއާޓަރގެ މާލީ ނަތީޖާ އިޢުލާނުކޮށްފި

އެސްޓީއޯގެ 2025 ވަނަ އަހަރުގެ ފުރަތަމަ ކުއާޓަރގެ މާލީ ނަތީޖާ އިޢުލާނުކޮށްފި

Author
ހުސައިން
01 މެއި 2025 12:00
0

ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން (އެސްޓީއޯ) އިން ރަސްމީކޮށް ހާމަކޮށްފައިވާ ގޮތުގައި 2025 ވަނަ އަހަރުގެ ފުރަތަމަ ކުއާޓަރގައި އެ ކުންފުންޏަށް 4.02 ބިލިއަން ރުފިޔާ އާމްދަނީގެ ގޮތުގައި ލިބިފައިވެއެވެ. މިއީ މިދިޔަ އަހަރުގެ ހަތަރުވަނަ ކުއާޓަރާ އަޅާބަލާއިރު 4.6 އިންސައްތައިގެ ކުރިއެރުމެކެވެ.

ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު ދަށްވުމުގެ ސަބަބުން އާމްދަނީއަށް އަސަރުކުރި ނަމަވެސް، ކުންފުނީގެ ހިންގުމުގެ ދާއިރާއާއި މާލީ ހާލަތު ރަނގަޅު މިންގަނޑެއްގައި ހިފެހެއްޓިފައިވާކަމަށް އެސްޓީއޯއިން ފާހަގަކޮށްފައިވެއެވެ. އަދި ތެލުގެ ވޮލިއުމް އިތުރުވެ، ޖެނެރަލް ޓްރޭޑިންގ، ކޮންސްޓްރަކްޝަން މެޓީރިއަލްސް އަދި ހެލްތްކެއަރ ސޮލިއުޝަންސްގެ ވިޔަފާރީގެ ދާއިރާތަކުން ލިބޭ އާމްދަނީ ދެމެހެއްޓިފައިވާކަންވެސް ކުންފުނިން ހާމަކޮށްފައިވެއެވެ.

2025 ވަނަ އަހަރުގެ ފުރަތަމަ ކުއާޓަރގައި ކުންފުންޏަށް ޖުމުލަ ފައިދާގެ ގޮތުގައި 583 މިލިއަން ރުފިޔާ ލިބިފައިވާކަން ހާމަކޮށްފައިވާއިރު، މިއީ 2024 ވަނަ އަހަރުގެ ފުރަތަމަ ކުއާޓަރގައި ލިބުނު 617 މިލިއަން ރުފިޔާއާ އަޅާބަލާއިރު ދަށް އަދަދެކެވެ. މި ދަށްވުން އައިސްފައިވަނީ މައިގަނޑު ގޮތެއްގައި ތެޔޮ ވިއްކާ އަގު ދަށްކުރުމުގެ ސަބަބުންކަމަށް ކުންފުނިން ބުނެފައިވެއެވެ.

ހިންގުމުގެ ފައިދާގެ ގޮތުގައި މި ކުއާޓަރގައި އެސްޓީއޯއަށް 263 މިލިއަން ރުފިޔާ ލިބިފައިވާއިރު، މިއީ 2024 ވަނަ އަހަރުގެ ފުރަތަމަ ކުއާޓަރގައި ލިބުނު 308 މިލިއަން ރުފިޔާއާއި، ކުރީ ކުއާޓަރގައި ލިބުނު 300 މިލިއަން ރުފިޔާއާ އަޅާބަލާއިރު ދަށް އަދަދެކެވެ. ނަމަވެސް ކުންފުނީގެ މުހިންމު ދާއިރާތަކުގެ ވިޔަފާރީގެ މިންވަރު ދެމެހެއްޓިފައިވާކަން އެސްޓީއޯއިން ބުނެފައިވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.