އިދިކޮޅު އެމްޑީޕީން ޓްރާންސްޕޯޓް މިނިސްޓަރު މުޙައްމަދު އަމީންގެ އިތުބާރު ނެތްކަމުގެ މައްސަލަ މިއަދު ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފިއެވެ. އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރު، ހިތަދޫ ދެކުނު ދާއިރާގެ މެންބަރު އިބްރާހިމް ނާޒިލް މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވިދާޅުވި ގޮތުގައި މި މައްސަލަ ހުށަހެޅިފައިވަނީ ޕީޖީ ގްރޫޕްގައި މަޝްވަރާކުރުމަށްފަހު 12 މެންބަރުންގެ ސޮޔާއެކުގައެވެ.
މި މައްސަލަ ހުށަހެޅިފައިވަނީ މި މަހުގެ 18 ވަނަ ދުވަހު މާލޭގެ މިޓާޒްގޭގެ ގުދަނުގެ ފުރާޅު މައްޗަށް 21 އަހަރުގެ ހައްވާ ޔުމްނު ރަޝީދު ވެއްޓުނު ހާދިސާއާ ގުޅިގެންނެވެ. މައްސަލައިގައި ބުނާ ގޮތުގައި އެ ހާދިސާގައި މިނިސްޓަރު އަމީންގެ އާއިލާގެ ބަޔަކު ހިމެނޭ ކަމަށާއި، ހާދިސާގެ ކުރިން ޒުވާނުންތަކެއް މަސްތުވާތަކެތި ބޭނުންކޮށް ޕާޓީކޮށްފައިވަނީ އަމީން ދިރިއުޅުއްވާ މއ. މާންދޫގޭދެކުނުގައި ކަމަށް ފާހަގަކޮށްފައިވެއެވެ.
ހުށަހެޅިފައިވާ އިތުބާރު ނެތްކަމުގެ މައްސަލައިގައި ބުނެފައިވަނީ މައްސަލައިގައި ހިމެނޭ އަމީންގެ އާއިލާގެ ބޭފުޅުން ހިމާޔަތްކޮށް، ޖިނާއީ ހުކުމަކުން ބަރީއަކުރުމަށް މިނިސްޓަރ އަމީން ފުލުހުންގެ އިދާރާއަށް ނުފޫޒު ފޯރުވާފައިވާ ކަމަށެވެ. އަދި މިއީ މިނިސްޓަރުގެ ހައިސިއްޔަތުން ލިބިގެންވާ ބާރުގެ ބޭނުންކޮށް، އަމިއްލަ މަންފާއާއި މަސްލަޙަތު ކުރިއެރުވުމަށް ހިންގާފައިވާ ކަންކަން ކަމަށް ބުނެ، މިނިސްޓަރު އަމީން ޤާނޫނާ ޚިލާފުވެފައިވާ ކަމަށްވެސް މި މައްސަލައިގައި ފާހަގަކޮށްފައިވެއެވެ.
އިތުރަށް، މައްސަލައިގައި ފާހަގަކޮށްފައިވާ ގޮތުގައި ފުލުހުން މި ހާދިސާއާ ގުޅޭ މަޢުލޫމާތު އާންމުކުރަން ފެށުމުގައި އެންމެ ފުރަތަމަ މަސައްކަތްކޮށްފައިވަނީ މި ކަންކަން ސިއްރުކުރުމަށް ކަމަށާއި، އެ ގެ ބަލައި ފާސްކުރުމަށް ހިންގި އޮޕަރޭޝަންގެ މަޢުލޫމާތުވެސް ސިއްރުކޮށްފައިވާ ކަމަށް ބުނެފައިވެއެވެ.
ޔުމްނުއަށް އިންސާފު ހޯދައިދިނުމަށް ގޮވާލައި ކޮންމެ ރެޔަކު ސިލްސިލާކޮށް ބާއްވަމުންދާ އެއްވުންތަކުގައި ޒުވާނުން ދަނީ މިނިސްޓަރު އަމީން އިސްތިއުފާ ދެއްވުމަށް ޑިމާންޑުކުރަމުންނެވެ. ނަމަވެސް އަމީން ކުރިން ވިދާޅުވެފައިވަނީ އެ މައްސަލައިގައި އެއްވެސް ނުފޫޒެއް ނުފޯރުވާ ކަމަށާއި އަދި އިސްތިއުފާ ދެއްވަން ޖެހިވަޑައިގަންނަވާ ވަރުގެ ކަމެއް ނުކުރައްވާ ކަމަށެވެ.
ކޮމެންޓު ފޮނުވާ