މެލޭޝިޔާގެ އިންވެސްޓަރުންނަށް ރާއްޖޭގައި އިންވެސްޓްކުރުމަށް ހިތްވަރުދެން: އަންވަރު އިބުރާހިމް

މެލޭޝިޔާގެ އިންވެސްޓަރުންނަށް ރާއްޖޭގައި އިންވެސްޓްކުރުމަށް ހިތްވަރުދެން: އަންވަރު އިބުރާހިމް

Author
ހުސައިން
29 އޭޕްރިލް 2025 07:19
0

މެލޭޝިޔާގެ އިންވެސްޓަރުންނަށް ރާއްޖޭގައި އިންވެސްޓްކުރުމަށް ހިތްވަރުދެއްވާ ކަމުގައި މެލޭޝިއާގެ ބޮޑުވަޒީރު އަންވަރު އިބުރާހިމް އިބުރާހިމް ވިދާޅުވެއްޖެއެވެ. އަންވަރު އިބުރާހިމް މިހެން ވިދާޅުވީ އިއްޔެ ބޭއްވުނު ރާއްޖެ-މެލޭޝިޔާ އިންވެސްޓްމަންޓް ފޯރަމްގައި ވާހަކަ ދައްކަވަމުންނެވެ.

މި ފޯރަމްގައި ވާހަކަ ދައްކަވަމުން ތަރައްޤީއަށްޓަކައި ރާއްޖެއިން ކުރަމުންދާ މަސައްކަތްތަކަށް މެލޭޝިއާގެ ބޮޑުވަޒީރު އަންވަރު އިބްރާހިމް ވަނީ ތައުރީފުކުރައްވައިފިއެވެ.

ފޯރަމް ފެށުމަށް ބޭއްވުނު ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން، މެލޭޝިޔާގެ ބޮޑުވަޒީރު ވިދާޅުވީ ރާއްޖެ ވަނީ ތަރައްޤީއާއި އިޤުތިޞާދީ ގޮތުން އައު މިސްރާބަކަށް ކުރިއަރަމުންދާ ކަމުގައެވެ. އަދި ރާއްޖެއިން ގައުމު ކުރިއެރުވުމަށްޓަކައި ކުރަމުންދާ ގިނަ މަސައްކަތްތައް އެމަނިކުފާނަށް ފާހަގަކުރެވޭ ކަމަށްވެސް ވިދާޅުވިއެވެ.

"ދިވެހިރާއްޖެއިން ދެމެހެއްޓެނިވި އަދި ތިމާވެށްޓާ ރައްޓެހި ތަރައްޤީގެ މިސްރާބަށް ކުރަމުންދާ މަސައްކަތްތައް ވަރަށް ފާހަގަކުރެވޭ،" ބޮޑުވަޒީރު ވިދާޅުވިއެވެ. އޭގެއިތުރުން، ތަރައްޤީގެ އައު ސިޔާސަތުތަކުގެ ތެރެއިން ޑިޖިޓަލް ޓެކްނޮލޮޖީއާއި އޭއައި ބޭނުންކޮށްގެން ފަންނީ ދާއިރާއިން ކުރިއަރައި ދިއުމުގެ މުހިންމުކަންވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ބޮޑުވަޒީރު އަންވަރު އިބްރާހިމް ވިދާޅުވީ މެލޭޝިޔާގެ އިންވެސްޓަރުންނަށް ރާއްޖޭގައި އިންވެސްޓްކުރުމަށް ހިތްވަރުދެއްވާ ކަމަށެވެ. އަދި ހަމައެއާއެކު، ރާއްޖޭގެ އިންވެސްޓަރުންނަށްވެސް މެލޭޝިޔާގައި ވިޔަފާރީގެ އެކި ފުރުސަތުތައް ހުރިކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

"ވިޔަފާރިއާއި އިންވެސްޓްމަންޓު އެކަނި ނޫން، އާ ދާއިރާތަކުން ދެގައުމު ގުޅިގެން ކުރިއަރައި ދިއުމަށް މަސައްކަތްކުރަން ޖެހޭ،" ބޮޑުވަޒީރު ވިދާޅުވިއެވެ.

މިވަގުތު މެލޭޝިޔާއަށް ރަސްމީ ދަތުރުފުޅެއް ކުރައްވަމުންދާ ރައީސް ޑރ. މުޙައްމަދު މުޢިއްޒު، ދަތުރުފުޅުގެ ތެރެއިން ވަނީ މެލޭޝިޔާގެ ބޮޑުވަޒީރާ ބައްދަލުކުރައްވާފައެވެ. މި ބައްދަލުވުމުގައި ދެގައުމުގެ ގުޅުން ގިނަ ދާއިރާތަކުން ބަދަހިކުރުމާ ބެހޭގޮތުން މަޝްވަރާކުރެވުނެވެ. އަދި ބައެއް ދާއިރާތަކުން ގުޅުން ހަރުދަނާކުރުމުގެ އެއްބަސްވުންތަކެއްގައިވެސް ސޮއިކުރެވުނެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.