ގުޅީފަޅުން ގޯތި ލިބުނު ފަރާތްތަކަށް މޭ މަހު ރަޖިސްޓްރީ ހަވާލުކުރަން ފަށަނީ

ގުޅީފަޅުން ގޯތި ލިބުނު ފަރާތްތަކަށް މޭ މަހު ރަޖިސްޓްރީ ހަވާލުކުރަން ފަށަނީ

Author
ހުސައިން
28 އޭޕްރިލް 2025 02:57
0

ސަރުކާރުން ކުރިން ހިންގި ބިންވެރިޔާ ސްކީމްގެ ދަށުން ގުޅީފަޅުން ގޯތި ލިބުނު ފަރާތްތަކަށް މޭ މަހުގެ ތެރޭގައި ގޯތީގެ ރަޖިސްޓްރީ ހަވާލުކުރަން ފަށާނެކަމަށް ހައުސިން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބް ވިދާޅުވެއްޖެއެވެ.

މިއަދު ބޭއްވުނު ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި މެންބަރުން ކުރެއްވި ސުވާލުތަކަށް ޖަވާބު ދެއްވަމުން މިނިސްޓަރު މުއްތަލިބް ވިދާޅުވީ، ތިލަމާލެ ބްރިޖު މަޝްރޫޢަށް ގުޅީފަޅު ބޭނުންކުރަމުންދާތީ ގޯތި ހަވާލުކުރުމުގައި ލަސްތަކެއް އައިސްފައިވީ ނަމަވެސް، ޕްލޭނަށް ބަދަލު ގެނެސް ވީހާވެސް ގިނަ ބަޔަކަށް އަވަހަށް ގޯތި ހަވާލުކުރުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ.

"އިރާދަކުރެއްވިއްޔާ މޭ މަސް ތެރޭގައި އަޅުގަނޑުމެން ގުޅީފަޅުގެ ރަޖިސްޓްރީތައް އެ ފަރާތްތަކަށް އެ ގޯތި ކަނޑައެޅިގެން އެނގޭ ގޮތަށް ހަވާލުކުރަން ފަށާނަން،" މިނިސްޓަރު މުއްތަލިބް ވިދާޅުވިއެވެ.

މީގެއިތުރުން، ގުޅީފަޅުގެ ފެނާއި ނަރުދަމާގެ މަޝްރޫޢަށް 400 މިލިއަން ޑޮލަރު ހޭދަވާނެ ކަމަށާއި، މި މަޝްރޫޢަށް ފައިނޭންސް ހަމަޖެއްސުމުގެ މަސައްކަތް މިހާރު ކުރަމުންދާ ކަމަށްވެސް މިނިސްޓަރު ފާހަގަކުރެއްވިއެވެ. އަދި ފައިނޭންސް ހަމަޖެހުމާއެކު އެ މަޝްރޫޢުވެސް ފެށޭނެ ކަމަށް މިނިސްޓަރު އިތުރަށް ވިދާޅުވިއެވެ.

ބިންވެރިޔާ ސްކީމްގެ ދަށުން ޖުމްލަ 9031 ގޯތި ދޫކުރުމަށް ވަނީ ނިންމާފައެވެ. މީގެ ތެރޭގައި ގުޅީފަޅުން 2438 ގޯތި، ހުޅުމާލެއިން 1407 ގޯތި އަދި ގިރާވަރުފަޅުން 5186 ގޯތި ހިމެނެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.