ރައީސް މުއިއްޒަށް މެލޭޝިއާގެ ބޮޑުވަޒީރު ހޫނު މަރުހަބާއެއް ދަންނަވައިފި

ރައީސް މުއިއްޒަށް މެލޭޝިއާގެ ބޮޑުވަޒީރު ހޫނު މަރުހަބާއެއް ދަންނަވައިފި

Author
ހުސައިން
28 އޭޕްރިލް 2025 07:57
0

ރައީސް ޑރ. މުހައްމަދު މުއިއްޒު، މެލޭޝިއާ އަށް ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގައި އެ ގައުމުގެ ބޮޑުވަޒީރު އަންވަރު އިބްރާހިމް، ރައީސް މުއިއްޒަށް މިއަދު ވަރަށް ހޫނު މަރުހަބާއެއް ދަންނަވައިފިއެވެ.

ރައީސް ޑރ. މުއިއްޒު މެލޭޝިއާގެ ޕުޓްރާ ޕެރްޑާނާ ކޮމްޕްލެކްސް އަށް ވަޑައިގަތުމުން ބޮޑުވަޒީރު އަންވަރު އެންމެ ފުރަތަމަ ރަތް ދޫލައިގެ މަރުހަބާއެއް ދެންނެވިއެވެ. ރައީސް ވަޑައިގަތުމާއެކު ކޮމްޕްލެކްސްގައި ރާއްޖޭގެ ގައުމީ ސަލާމް ކުޅެ، ރައީސްގެ ޝަރަފުގައި ބޭއްވި އޮނާ ގާޑު އިންސްޕެކްޓްކުރެއްވިއެވެ. މިގޮތުން އޮނާ ގާޑް އިންސްޕެކްޓްކުރައްވަމުން ދިދަޔާ ހަމައަށް ވަޑައިގެން ދިދައަށް އިހްތިރާމްކުރެއްވުމުގެ ގޮތުން ރައީސް ކުޑަ ވަގުތުކޮޅަކަށް މަޑުކުރެއްވިއެވެ.

އެއަށްފަހު ދެވަނަ ފަހަރަށް ރާއްޖޭގެ ގައުމީ ސަލާމާއި އަދި މެލޭޝިއާގެ ގައުމީ ސަލާމް ކުޅުނެވެ. ގައުމީ ސަލާމަށްފަހު ރާއްޖޭގެ ވަފުދުގެ ބޭފުޅުންނާއި މެލޭޝިއާގެ ހެޑް އޮފް މިޝަންގެ ބޭފުޅުން ތަޢާރަފްކުރެވުނެވެ. މަރުހަބާ ރަސްމިއްޔާތަށްފަހު ރާއްޖެއާއި މެލޭޝިއާއާ ދެމެދު މިހާރު ވަނީ ރަސްމީ މަޝްވަރާތައް ފަށައިފައެވެ.

މިއީ ނޮވެމްބަރު 17، 2023 ގައި ރައީސް ޑރ. މުއިއްޒު ވެރިކަމާ ހަވާލުވެވަޑައިގެންނެވި ފަހުން މެލޭޝިއާ އަށް ކުރައްވާ ފުރަތަމަ ރަސްމީ ދަތުރުފުޅެވެ. ރައީސް މެލޭޝިއާ އަށް ވަޑައިގަތީ މެލޭޝިއާގެ ބޮޑުވަޒީރު އަންވަރުގެ ދަޢުވަތަކަށެވެ.

ފާހަގަކޮށްލެވޭ ކަމަކީ، ރައީސް ޑރ. މުއިއްޒު މެލޭޝިއާ އަށް ވަޑައިގަތުމުގެ ކުޑަ ދުވަސްކޮޅެއް ކުރިން، ޗައިނާގެ ރައީސް ޝީ ޖިންޕިން ވެސް މެލޭޝިއާ އަށް ވަޑައިގެން އެމަނިކުފާނަށްވެސް ހޫނު މަރުހަބާއެއް ދެންނެވިފައިވާކަމެވެ.

ރައީސް ޑރ. މުއިއްޒު މެލޭޝިއާ އަށް ވަޑައިގަތީ އިއްޔެގައެވެ. އެމަނިކުފާނަށް އެއާޕޯޓުން ހޫނު މަރުހަބާއެއް ދެންނެވުނެވެ. ރައީސް މުއިއްޒާއި މެލޭޝިއާގެ ބޮޑުވަޒީރު އަންވަރު ބާއްވަވާ ރަސްމީ މަޝްވަރާތަކަށްފަހު، ދެ ގައުމުގެ ދެމެދު މުހިންމު އެއްބަސްވުންތަކެއްގައި ސޮއިކުރާނެކަމަށް ބެލެވެއެވެ.

ރައީސް ޑރ. މުއިއްޒު ރާއްޖެ އަނބުރާ ވަޑައިގަންނަވާނީ އަންނަ ބުދަ ދުވަހު ހެނދުނުއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.