ތެލެސީމިއާ ހޭލުންތެރިކުރުމުގެ ޤައުމީ ކެމްޕޭންގައި 6000 އަށްވުރެ ގިނަ ސްކޫލް ކުދިން ސްކްރީން ކޮށްފި

ތެލެސީމިއާ ހޭލުންތެރިކުރުމުގެ ޤައުމީ ކެމްޕޭންގައި 6000 އަށްވުރެ ގިނަ ސްކޫލް ކުދިން ސްކްރީން ކޮށްފި

Author
ހުސައިން
27 އޭޕްރިލް 2025 09:35
0

ރާއްޖޭގައި ތެލެސީމިއާއަށް ހޭލުންތެރިކުރުމުގެ ޤައުމީ ކެމްޕޭންގެ ދަށުން މިދިޔަ އަހަރު 6000 އަށްވުރެ ގިނަ ސްކޫލް ކުދިން ތެލެސީމިއާއަށް ސްކްރީންކުރެވިފައިވާކަމަށް ހެލްތު މިނިސްޓްރީން ހާމަކުރައްވައިފިއެވެ.

މިނިސްޓްރީން ދެއްވާފައިވާ މަޢުލޫމާތުގެ މަތިން، މި ކެމްޕޭންގެ ދަށުން ރާއްޖޭގެ 124 ސްކޫލަކުން ޖުމްލަ 6,765 ދަރިވަރަކު ސްކްރީންކުރެވިފައިވެއެވެ. މިއީ ރާއްޖޭގައި ތެލެސީމިއާ ކޮންޓްރޯލްކުރުމުގެ މަސައްކަތުގައި ވަރަށް މުހިންމު ފިޔަވަޅެއްކަމަށް ފާހަގަކުރެވެއެވެ.

ސްކޫލް ކުދިންގެ މެދުގައި ތެލެސީމިއާއަށް ސްކްރީންކުރުމުގެ ޤައުމީ ޕްރޮގްރާމުގެ ފުރަތަމަ ފިޔަވަހި މިދިޔަ އަހަރުގެ ފެބްރުއަރީ 1 ވަނަ ދުވަހު ފެށުނެވެ. އެންމެ ފުރަތަމަ މި ޕްރޮގްރާމް ތަޢާރަފުކުރެވުނީ އަރަބިއްޔާ ސްކޫލްގެ ގްރޭޑް 10 ގެ ދަރިވަރުންނަށް އަމާޒުކޮށްގެންނެވެ.

މީގެއިތުރުން، ތެލެސީމިއާއަށް ހޭލުންތެރިކަން އިތުރުކުރުމަށް މާލެއާއި އަތޮޅުތެރޭގެ ސްކޫލްތަކާއި ސަރުކާރުގެ އޮފީސްތަކުގައި ހޭލުންތެރިކުރުމުގެ ސެޝަންތައް ބޭއްވިފައިވެއެވެ. މި ސެޝަންތަކުގައި ޖުމްލަ 9,976 ފަރާތެއް ބައިވެރިވެފައިވާކަން ހެލްތު މިނިސްޓްރީން ފާހަގަކުރައްވާފައިވެއެވެ.

ސަރުކާރުން ތެލެސީމިއާ ކުދިން އުފަންވާ ނިސްބަތް މަދުކުރުމަށްޓަކައި އިތުރު ފިޔަވަޅުތަކެއްވެސް އަޅަމުންދާކަން ހެލްތު މިނިސްޓްރީން ހާމަކުރައްވާފައިވެއެވެ. މިގޮތުން، ތެލެސީމިއާ ބަލި ކަށަވަރުކުރުމަށް ބޭނުންވާ ޑީއެންއޭ ޓެސްޓް ސަރުކާރު ހޮސްޕިޓަލްތަކުގައި ހެދޭނެ އިންތިޒާމް ހަމަޖެއްސުމާއި، މާބަނޑު އަންހެނުންގެ ބަނޑުގައި އޮންނަ ދަރިފުޅަކީ ތެލެސީމިއާ ކުއްޖެއްތޯ ބެލުމަށް ހަދާ "ފްރިނޭޓަލް ޑައިގްނޯސިސް ޓެސްޓް" ފެށުމުގެ މަސައްކަތްވެސް ދަނީ ކުރެވެމުންނެވެ. މި މަސައްކަތްތަކަކީ ރާއްޖޭގައި ތެލެސީމިއާގެ ސަބަބުން ކުރިމަތިވާ ދަތިތައް ކުޑަކުރުމަށް އެޅޭ މުހިންމު ފިޔަވަޅުތަކެއްކަމަށް ބެލެވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.