ސަސްޕެންޝަންގައި ތިބި ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަޒްމިރާލްދާ ޒާހިރު އާއި ފަނޑިޔާރު މަހާޒު އަލީ ޒާހިރު މަގާމުން ވަކިކުރުމާމެދު މަޝްވަރާކުރުމަށް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން މިރޭ ބޭއްވުމަށް ހަމަޖެހިފައިވާ ބައްދަލުވުން އެއްވެސް ސަބަބެއް ބަޔާންނުކޮށް ކުއްލިގޮތަކަށް ކެންސަލްކޮށްފިއެވެ.
މި ދެ ފަނޑިޔާރުން ސަސްޕެންޝަންގައި ތިބޭތާ މިހާރު 60 ދުވަސް ފުރިފައިވާއިރު، ޖޭއެސްސީގެ ގާނޫނުގައި ބަޔާންކޮށްފައިވާ ގޮތުން ފަނޑިޔާރަކު ސަސްޕެންޑުކުރެވޭނެ އެންމެ ދިގު މުއްދަތަކީވެސް 60 ދުވަސްކަން ފާހަގަކުރެވެއެވެ.
ފަނޑިޔާރުންގެ މައްސަލަ ބެލުމަށް ޖޭއެސްސީން އެކުލަވާލި ކޮމިޓީން ވަނީ މި ދެ ފަނޑިޔާރުން މަގާމުން ވަކިކުރުމަށް ފެންނަކަމަށް ނިންމާފައެވެ. މި ކޮމިޓީގައި ހިމެނެނީ މުހައްމަދު ނާސިހް، ޔަޒްމީދް މުހައްމަދު އަދި އަލީ އަބްދުއްލަތީފްއެވެ. މި ކޮމިޓީގެ ނިންމުން ޖޭއެސްސީން ފާސްކޮށްފިނަމަ، ފަނޑިޔާރުން މަގާމުން ވަކިކުރުމަށް ރައްޔިތުންގެ މަޖިލީހަށް ހުށަހެޅޭނެއެވެ. ފަނޑިޔާރުން މަގާމުން ވަކިވާނީ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއަކަށް ހާޒިރުވި މެންބަރުންގެ ތިންބައިކުޅަ ދެބައިގެ ވޯޓުން އެކަން ފާސްވުމުންނެވެ.
މި ދެ ފަނޑިޔާރުން ސަސްޕެންޑްކުރި މައްސަލައާ ގުޅިގެން ހިއުމަން ރައިޓްސް ވޮޗް އާއި އެކުގައި އ.ދ. އިން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ. އ.ދ. އިން ބުނެފައިވަނީ ފަނޑިޔާރުން ސަސްޕެންޑުކުރުމާއި ސުލޫކީ މައްސަލަ ބެލުމަކީ ސުޕްރީމް ކޯޓަށް ނުފޫޒު ފޯރުވުމުގެ މަސައްކަތެއްގެ ގޮތުގައި ބެލެވޭކަމަށެވެ.
އަދި ފަނޑިޔާރު އަޒްމިރާލްދާ ވަނީ އޭނާގެ މައްސަލައާ މެދު ގޮތެއް ނިންމުމުގެ ކުރިން ބަސް އިއްވުމުގެ ފުރުސަތަށް އެދިފައިވާކަންވެސް އެނގެއެވެ.
ކޮމެންޓު ފޮނުވާ