ސުޕްރީމް ކޯޓުގެ ފަނޑިޔާރުން ކަމުގައިވާ ޑރ. އަޒްމިރަލްދާ ޒާހިރާއި މަހާޒް ޢަލީ ޒާހިރާ ގުޅޭގޮތުން ޖުޑީޝަލް ސާވިސް ކޮމިޝަނުން (ޖޭއެސްސީ) ބަލަމުންދާ ސުލޫކީ މައްސަލައިގައި މިރޭ ވަކިގޮތެއް ނިންމުމަށް ވަނީ ތާވަލުކޮށްފައެވެ.
މި ތަޙުޤީޤަކީ، ޑރ. އަޒްމިރަލްދާގެ ފިރިކަލުން ޑރ. އިސްމާޢީލް ލަޠީފްގެ ބަންދު އަމުރަކަށް ފަނޑިޔާރު މަހާޒް މެދުވެރިކޮށް ޑރ. އަޒްމިރަލްދާ ނުފޫޒު ފޯރުވި ކަމަށް ތުހުމަތުކޮށް ބަލަމުންދާ މައްސަލައެކެވެ.
ފަނޑިޔާރުންނާމެދު ވަކިގޮތެއް ނިންމުމަށް ޖޭއެސްސީން މިރޭ ބައްދަލުވުމެއް ބޭއްވުމަށް ތައްޔާރުވެފައިވާއިރު، ޑރ. އަޒްމިރާލްދާގެ ފަރާތުން ޖޭއެސްސީއަށް މިއަދު ފޮނުވި ސިޓީއެއްގައި، މިރޭގެ ބައްދަލުވުމުގައި ވަކީލަކު ބޭނުންކޮށްގެން ވާހަކަ ދެއްކުމުގެ ފުރުސަތު ދިނުމަށާއި، ހުޅުވާލައިގެން ބާއްވާ މަޖިލީހެއްގައި މައްސަލައަށް ގޮތެއް ނިންމުމަށް އެދިވަޑައިގެންފައިވެއެވެ.
އަދި ހަމައެއާއެކު، ޑރ. އަޒްމިރާލްދާ އާއި ފަނޑިޔާރު މަހާޒް ޢަލީ ޒާހިރުގެ މައްސަލައިގައި ހެކިބަސް ދީފައިވާ ދަށު ކޯޓުގެ ޤާޟީންގެ ބަޔާންތަކުގައި ނުހިމެނޭ ކަންކަން ރިޕޯޓުގައި ހިމަނާފައިވާތީ، ރިޕޯޓު އެކުލަވައިލި ޖޭއެސްސީގެ ކުޑަ ކޮމިޓީގައި ތިއްބެވި މެންބަރުން މިރޭގެ ބައްދަލުވުމުގައި ބައިވެރިނުވުމަށްވެސް ޑރ. އަޒްމިރާލްދާ އެދިވަޑައިގެންފައިވެއެވެ.
ސުޕްރީމް ކޯޓުގެ ފަނޑިޔާރުން ވަކިކުރަން ނިންމި ޖޭއެސްސީގެ ކުޑަ ކޮމިޓީގައި ހިމެނެނީ ސިވިލް ސަރވިސް ކޮމިޝަނުގެ ރައީސް މުޙައްމަދު ނާޞިޙު، ރައްޔިތުންގެ މަޖިލީހުގެ މެންބަރު ޔަޒްމީދު މުޙައްމަދު، އަދި ވަކީލުންގެ ތެރެއިން ކޮމިޝަނަށް ޢައްޔަން ކުރައްވާފައިވާ ވަކީލު ޢަލީ ޢަބްދުއްލަޠީފެވެ.
މި މައްސަލައިގެ އިތުރުން، ހައިކޯޓުގެ އެސިސްޓެންޓް ރެޖިސްޓްރާ ޙުސައިން މުޙައްމަދު ހަނީފް ސުޕްރީމް ކޯޓަށް ހާޒިރުކޮށް ސުޕްރީމް ކޯޓުގެ ކުރީގެ ފަނޑިޔާރު ޙުސްނުއްސުޢޫދު ހުތުރުބަހުން އޭނާއަށް މުޢާމަލާތް ކުރެއްވި ކަމަށް ބުނާ މައްސަލައިގައި، އެ ޙާދިސާ ހިނގި ތަނުގައި ފަނޑިޔާރު އަޒްމިރަލްދާ އާއި ފަނޑިޔާރު މަހާޒު އިންނެވި ކަމަށް ބުނާ މައްސަލަވެސް ޖޭއެސްސީން ދަނީ ބަލަމުންނެވެ.
ސުޕްރީމް ކޯޓުގެ ފަނޑިޔާރުންތަކެއްގެ މައްސަލަތަކެއް ޖޭއެސްސީން ބަލަން ފަށާފައިވާއިރު، ފަނޑިޔާރު މަހާޒް އާއި ފަނޑިޔާރު އަޒްމިރަލްދާ މިވަގުތު ތިއްބެވީ ސަސްޕެންޝަންގައެވެ. އަދި ފަނޑިޔާރު ސުޢޫދު މިހާރުވަނީ ފަނޑިޔާރުކަމުން އިސްތިޢުފާ ދެއްވާފައެވެ.
ކޮމެންޓު ފޮނުވާ