ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)ގައި ގާނޫނީ ވަކީލުން ތަމްސީލްކުރައްވާ ވަކީލު އަލީ އަބްދުއްލަތީފް ކޮމިޝަނުގެ މެމްބަރުކަމުން ދުރުކުރުމަށް ހުށަހަޅަންޖެހޭ ޕެޓިޝަން ހުށަހެޅުމުގެ މަސައްކަތް ފަށައިފިއެވެ.
ގާނޫނުއަސާސީއަށް މި ފަހުން އިތުރުކުރި ރައްޔިތުންގެ މަޖިލީހުގެ މެންބަރުކަމުގެ ގޮނޑި ގެއްލޭ އާ ހާލަތްތަކުގެ މައްސަލަ ސުޕްރީމް ކޯޓުގައި ކުރިއަށް ދަނިކޮށް ފަނޑިޔާރު އަޒްމިރަލްދާ ޒާހިރުއާއި ފަނޑިޔާރު މަހާޒު އަލީ ޒާހިރު ސަސްޕެންޑްކޮށްފައިވެއެވެ. މި ދެ ފަނޑިޔާރުންގެ ސުލޫކީ މައްސަލަތައް ބަލަން އެކުލަވާލި ކޮމިޓީގައި ވަކީލު އަލީ އަބްދުއްލަތީފް ހިމެނިވަޑައިގަންނަވައެވެ.
މި މައްސަލައާ ގުޅިގެން ޖޭއެސްސީން އަލީ ދުރުކުރުމަށް ގޮވާލާ ޕެޓިޝަނެއް ވަނީ ވަކީލުން ތިބޭ ޓެލެގްރާމް ގްރޫޕަކަށް ހިއްސާކޮށްފައެވެ. އަޒްމިރަލްދާއާއި މަހާޒާއެކު ފެބްރުއަރީ 26ގައި ސަސްޕެންޑްކުރެވި، މާޗު 4ގައި ފަނޑިޔާރުކަމުން އިސްތިއުފާ ދެއްވި ހުސްނުއްސުއޫދު ވަކީލުންގެ ޓެލެގްރާމް ގްރޫޕަށް ޕެޓިޝަން ފޮނުއްވުމަށް ފަހު ވިދާޅުވެފައިވަނީ ޖޭއެސްސީގެ މެންބަރު ކަމުން އަލީ ވަކިކުރުމަށް ބާ ކައުންސިލަށް އިލްތިމާސެއް ހުށަހެޅުމަށް މަސައްކަތްކުރައްވަމުންދާ ކަމަށެވެ.
ޕެޓިޝަނަށް ސޮއި ފޮނުވުމަށް ހަމަޖެހިފައިވަނީ ބާ ކައުންސިލްގެ ޕެޓިޝަން މެއިލަކަށެވެ. ސުއޫދު ފޮނުއްވި މެސެޖުގައި ލިއުއްވާފައިވާ ގޮތުގައި މިއީ ޕެޓިޝަނުގައި ސޮއިކުރައްވާ ވަކީލުންގެ މަޢުލޫމާތު ރައްކާތެރިކަމާއެކު ހިފެހެއްޓުމުގެ ބޭނުމުގައެވެ.
ޓެލެގްރާމް ގްރޫޕަށް ސުއޫދު ފޮނުއްވި ޕެޓިޝަނުގައި ބުނެފައިވަނީ މި މަސައްކަތް ކުރަމުންދަނީ ގާނޫނުއަސާސީގެ 165ވަނަ މާއްދާއާއި ގާނޫނީ ފަންނުގެ ގާނޫނުގެ 7ވަނަ މާއްދާގެ ދަށުން ޖޭއެސްސީއަށް ވަކީލުން އިންތިހާބުކުރާ މެންބަރު ވަކިކުރުމުގެ މަސައްކަތް ހިންގުމަށް ކަމަށެވެ. ގާނޫނުއަސާސީގެ 165 ވަނަ މާއްދާގައި ބުނެފައިވަނީ ޖޭއެސްސީއަށް އައްޔަންކުރާ މެންބަރަކު ވަކިވާނީ އައްޔަންކުރި ހައިސިއްޔަތު ގެއްލުމުން ނުވަތަ އައްޔަންކުރި ފަރާތް އޭނާ ވަކިކުރުމަށް ކަނޑައެޅުމުންނެވެ.
ގާނޫނީ ފަންނުގެ ގާނޫނުގެ 7ވަނަ މާއްދާގެ (ލ) ގައި ބުނެފައިވަނީ ގާނޫނުއަސާސީގައި ބަޔާންކުރާ އުސޫލުގެ ތެރެއިން ވަކީލުންގެ ފަރާތުން އައްޔަންކުރާ މެންބަރު ވަކިކުރުމަށް ހިންގަންޖެހޭ އިޖުރާއަތުގެ ވާހަކައެވެ. މި ގޮތުން އެ ވަކީލަކު ވަކިކުރަން ބޭނުންވާނަމަ ވަކީލުންގެ ދަފްތަރުގައި ހިމެނޭ ވަކީލުންގެ ތެރެއިން 20% ވަކީލުން ސޮއިކޮށް ބާ ކައުންސިލަށް ޕެޓިޝަނެއް ހުށަހަޅަންޖެހެއެވެ. އަދި އެފަދަ ޕެޓިޝަނެއް ބާ ކައުންސިލަށް ހުށަހަޅައިފިނަމަ، ޕެޓިޝަން ހުށަހެޅިތާ 14 ދުވަހުގެ ތެރޭގައި އެ މެންބަރަކު ޖޭއެސްސީން ވަކިކުރުމާ މެދު ފެންނަ ނުފެންނަ ވޯޓެއް ނަގަންޖެހޭނެއެވެ.
ވަކީލު އަބްދުއްލަތީފްއާއި، ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ) ގެ ރައީސް މުހައްމަދު ނާސިހް އަދި ރައީސް މުހައްމަދު މުއިއްޒު ކޮމިޝަނަށް އައްޔަންކުރެއްވި ޔަޒްމީދު މުހައްމަދު ތިއްބަވާ ކޮމިޓީއަކުން މައްސަލައެއް ބެލުމަށް ފަހު ކޮމިޓީން ވަނީ އަޒްމިރަލްދާއާއި މަހާޒު ވަކިކުރަން ފެންނަ ކަމަށް ނިންމައިފައެވެ. އަޒްމިރަލްދާއާއި މަހާޒު ވަކިކުރަން ފެންނަ ކަމަށް ކޮމިޓީން ނިންމީ އަޒްމިރަލްދާގެ ފިރިކަލުން އަދި އައިޖީއެމްއެޗްގެ ޑޮކްޓަރު އިސްމާއީލް ލަތީފް ބަންދުނުކުރަން ކްރިމިނަލް ކޯޓުގެ ގާޒީންތަކަކަށް ނުފޫޒު ފޯރުވި ކަމަށް ބުނާ މައްސަލާގައި ތަހުގީގު ހިންގުމަށް ފަހު، އެކުލަވާލި ތަހުގީގު ކޮމިޓީގެ ފަހު ރިޕޯޓުގައި ކަމަށް ބެލެވެއެވެ.
ފަނޑިޔާރުކަމުން ވަކިކުރުމުގެ ފަހު ނިންމުން ނިންމާނީ ކޮމިޝަނުން ބާއްވާ ކޮމިޝަނުގެ ބައްދަލުވުމުގައެވެ. އޭގެ ކުރިއަށް ތަހުގީގު ކޮމިޓީގެ ފަހު ރިޕޯޓަށް ފަނޑިޔާރުން ޖަވާބު ހުށަހެޅުމަށް ހަތް ދުވަހުގެ މުއްދަތެއް ދޭންޖެހޭ ކަމަށާއި އެ މުއްދަތު މިހާރު ވަނީ ހަމަވެފައެވެ.
މީގެ އިތުރުން ވެސް ދެ މައްސަލައެއް ޖޭއެސްސީން ދަނީ ބަލަމުންނެވެ. އެއީ ހައި ކޯޓުގެ އެސިސްޓެންޓް ރެޖިސްޓްރާ ހުސެއިން މުހައްމަދު ހަނީފް ސުޕްރީމް ކޯޓަށް ހާޒިރުކޮށް ހުސްނުއްސުއޫދު ހުތުރު ބަހުން މުއާމަލާތްކުރެއްވި ތަނެއްގައި އަޒްމިރަލްދާ އާއި މަހާޒު ވެސް އިންނެވި މައްސަލައާއި، ދިފާއުގައި އަޒްމިރަލްދާގެ ވަކީލު އިބްރާހީމް ޝަމީލް ނޫސްބަޔާން ނެރުއްވާތީ ވެސް ސުލޫކީ މައްސަލައެއް ބެލުމަށް ޖޭއެސްސީން ނިންމައި އޭގެ ނޯޓިސް ފަނޑިޔާރަށް ވަނީ ފޮނުވާފައެވެ.