އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗް) އަށް ޑޮކްޓަރަށް ދެއްކުމަށް އޮންނަ ދިގު ކިއު ކުޑަކުރުމަށްޓަކައި، އޯޕީޑީގެ ޚިދުމަތް ހަވީރު ގަޑީގައިވެސް ދިނުމަށް މަސައްކަތް ކުރަމުންދާ ކަމަށް ހެލްތް މިނިސްޓަރު ނާޒިމް އިބްރާހީމް ވިދާޅުވެއްޖެއެވެ.
ދިވެހިރާއްޖޭގެ އަޑުގެ "އަހާށޭ ބުނާނަން" ޕްރޮގްރާމުގައި ވާހަކަފުޅު ދައްކަވަމުން، މިނިސްޓަރު ފާހަގަކުރެއްވީ ހޮސްޕިޓަލުގައި ކިއު ބޮޑުވެފައިވަނީ މައިގަނޑު ގޮތެއްގައި ސްޕެޝަލިސްޓު ޑޮކްޓަރުންނާއި އެކަށީގެންވާ ޖާގަ ނެތުމުގެ ސަބަބުން ކަމަށެވެ. ނަމަވެސް، މިކަން ހައްލުކުރުމަށްޓަކައި މިހާރުވެސް 75 އެނދު އިތުރުކުރުމުގެ މަޝްރޫއު ކުރިއަށްދާ ކަމަށް އޭނާ ވިދާޅުވިއެވެ.
"އަޅުގަނޑުމެން މިހާރު މަޝްވަރާކުރަމުން މިދަނީ ހަވީރު ގަޑީގައި އައިޖީއެމްއެޗްގެ އޯޕީޑީ ގެންދެވިދާނެ ގޮތެއް ހޯދުމަށް. އެއީ މުސާރައިގެ އިތުރުން އިތުރު އެލަވަންސްވެސް ދީގެން ކުރެވޭނެކަމެއް،" މިނިސްޓަރު ނާޒިމް ވިދާޅުވިއެވެ.
މިނިސްޓަރު އިތުރަށް ފާހަގަކުރެއްވި ގޮތުގައި، މިސަރުކާރުން އަތޮޅުތެރޭގެ ހޮސްޕިޓަލުތަކުގައި ޑޮކްޓަރުންނަށް ދެއްކޭނެ ގޮތް ދެ ދަންފަޅިއަށް ބަދަލުކޮށްފައިވާ ކަމަށާއި، ކިއު ކުޑަކުރުމަށްޓަކައި ވަސީލަތްތަކާއި ޑޮކްޓަރުން އިތުރުކުރުމުގެ މަސައްކަތްތައްވެސް ކުރިއަށް ގެންދަވާ ކަމަށެވެ.
އަދި މީގެއިތުރުން، ސަރުކާރުގެ ޕްލޭންތަކުގެ ތެރޭގައި އަތޮޅުތެރޭގެ ހޮސްޕިޓަލުތަކުގެ ޚިދުމަތް އިތުރަށް ފުޅާކޮށް، ރީޖަނަލް ހޮސްޕިޓަލުތަކުގައި ސަބް ސްޕެޝަލިސްޓުންގެ ޚިދުމަތް ފުޅާކުރުމުގެ މަސައްކަތްވެސް ހިމެނޭ ކަމަށް ހެލްތް މިނިސްޓަރު ނާޒިމް އިބްރާހީމް ވިދާޅުވިއެވެ.