މާލޭގައި އިމާރާތަކުން ވެއްޓުނު އަންހެން ޒުވާނާގެ މައްސަލަ: ތުހުމަތުކުރެވޭ ފަރާތްތައް ރާއްޖެއިން ފުރުން މަނާކޮށްފި

މާލޭގައި އިމާރާތަކުން ވެއްޓުނު އަންހެން ޒުވާނާގެ މައްސަލަ: ތުހުމަތުކުރެވޭ ފަރާތްތައް ރާއްޖެއިން ފުރުން މަނާކޮށްފި

Author
ހުސައިން
24 އޭޕްރިލް 2025 12:14
0

މާލޭގެ ހެންވޭރުގައި ހުންނަ ގެއަކުން ގުދަނެއްގެ ފުރާޅު މައްޗަށް 21 އަހަރުގެ އަންހެން ޒުވާނަކު ވެއްޓުނު މައްސަލަ ބެލުމަށް ފުލުހުން ފިޔަވަޅުތަކެއް އަޅައިފިއެވެ. މިގޮތުން، އެ ޒުވާނާއާއެކު އެރޭ އުޅުނު ކަމަށް ބެލެވޭ މީހުން ދެނެގަނެ، އެމީހުން ރާއްޖެއިން ފުރުން މަނާކުރުމުގެ އަމުރު ނެރެފައިވާ ކަމަށް ޕޮލިސް ކޮމިޝަނަރު ހާމަކުރައްވައިފިއެވެ.

މި ހާދިސާ ހިނގާފައިވަނީ މިދިޔަ ހުކުރު ދުވަހުގެ ހެނދުނުއެވެ. ޒުވާނާ ގުދަނެއްގެ ފުރާޅު މައްޗަށް ވެއްޓިފައި އޮތްތަން ފެނުނުއިރު، އޭނާގެ ހާލަތު ވަރަށް ބޮޑަށް ދެރަވެފައިވުމާއެކު، ވެންޓިލޭޓަރުގައި ބާއްވައިގެން ފަރުވާ ދޭންޖެހުނެވެ. އެހެންނަމަވެސް، މިހާރު އޭނާ ވެންޓިލޭޓަރުން ނަގާފައިވާކަން އެނގިފައިވެއެވެ.

މި މައްސަލައާ ގުޅިގެން ގިނަ ބަޔަކު ދަނީ ސޯޝަލް މީޑިއާގެ އެކި ޕްލެޓްފޯމްތަކުގައި ކަންބޮޑުވުން ފާޅުކުރަމުންނެވެ. ގިނަ ބަޔަކު ސުވާލު އުފައްދަމުންދަނީ ޒުވާނާ އިމާރާތުން ވެއްޓުނު ގޮތާއި މައްސަލައިގައި ފުލުހުން ޢަމަލުކުރަމުންދާ ގޮތާމެދުއެވެ. މީގެ އިތުރުން، ޒުވާނާއަށް އިންސާފު ނުލިބޭކަމަށް ބުނެ، ޒުވާނުންނާއި އާންމުންގެ ގިނަ ބަޔަކު މަޖީދީމަގުގައި ހުންނަ ފުލުހުންގެ ސާޖެންޓް އާދަމް ހަލީމް ބިލްޑިންގ ކުރިމަތީގައި ރޭގަނޑު އިހުތިޖާޖުކޮށްފައިވެއެވެ.

މި މައްސަލައިގައި ތުހުމަތުކުރެވޭ ފަރާތްތަކާ ގުޅޭ އިތުރު މަޢުލޫމާތު ފުލުހުން ހާމަކޮށްފައެއް ނުވެއެވެ. އެހެންނަމަވެސް މައްސަލަ ކުރިއަށްދާ ގޮތާ ގުޅޭގޮތުން އިތުރު މަޢުލޫމާތު ދޭނެކަމަށް ފުލުހުން ބުނެފައިވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.