މާލޭގެ ގެއެއްގެ ފުރާޅުމައްޗަށް އަންހެނަކު ވެއްޓުނު ހާދިސާއާ ގުޅިގެން ފުލުހުން ހިންގާ ތަހުގީގުގެ އެންމެ ފަހުގެ މަޢުލޫމާތު ހާމަކުރުމަށް މާދަމާ ހެނދުނު 10:00 ގައި ނޫސްވެރިންގެ ބައްދަލުވުމެއް ބޭއްވުމަށް ފުލުހުން ނިންމައިފިއެވެ. މި ބައްދަލުވުމުގައި މަޢުލޫމާތު ދެއްވާނީ ކޮމިޝަނަރ އޮފް ޕޮލިސް ޢަލީ ޝުޖާޢު އާއި ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް އިސްމާޢީލް ނަވީން ކަމަށް ފުލުހުން ބުނެފައިވެއެވެ.
ފުރާޅުން ވެއްޓިފައިވަނީ 21 އަހަރުގެ ހައްވާ ޔުމްނާ ކަމަށްވާއިރު، މި ހާދިސާއާ ގުޅޭ މުހިންމު ބައެއް މަޢުލޫމާތު ރޭ އިސްކަންދަރު ކޮށީގައި ބޭއްވުނު ބައްދަލުވުމެއްގައި ނޫސްވެރިންނާ ހިއްސާކޮށް، ބައެއް މަންޒަރުތައްވެސް ދައްކާލާފައިވެއެވެ. ރޭ ދެއްވި މަޢުލޫމާތުގައި، މި ހާދިސާގައި ހިމެނޭ އަންހެން މީހާއާއެކު އެރޭ އުޅުނު ފިރިހެން މީހާ ކެނެބިސްއަށް ޕޮޒިޓިވްވެފައިވާކަން ފުލުހުން ފާހަގަކޮށްފައިވެއެވެ.
މި ހާދިސާ ހިނގީ މި މަހުގެ 18 ވަނަ ދުވަހުގެ ދަންވަރު 4:30 އާއި 5:00 އާ ދެމެދުގައި ކަމަށްވާއިރު، ފުރާޅު މަތީގައި އަންހެނަކު އޮތް ކަމުގެ ރިޕޯޓެއް ފުލުހުންނަށް ލިބިފައިވަނީ އެދުވަހުގެ ހެނދުނު 7:23 ގައި އާންމު ފަރާތަކުންނެވެ. ހާދިސާގެ ރިޕޯޓު ލިބުނުތާ 30-45 މިނެޓުގެ ތެރޭގައި ފޭސް ރެކޮގްނިޝަން މެދުވެރިކޮށް އަންހެން މީހާގެ ކާކުކަން ދެނެގަނެވިފައިވާކަމަށް ފުލުހުން ބުނެފައިވެއެވެ.
ފުލުހުން މަޢުލޫމާތު ދެއްވިގޮތުގައި، އެމްއެންޑީއެފްގެ ރެސްކިއު ޓީމުގެ އެހީތެރިކަމާއެކު ޔުމްނާ ނެގިއިރުވެސް އޭނާގެ ހަށިގަނޑުގައި ހަރަކާތް ހުރިކަމަށް ފާހަގަކުރެވިފައިވެއެވެ. އަދި އަންހެން މީހާ ވައްޓާލި ކަމުގެ އެއްވެސް ހެއްކެއް ލިބިފައިނުވާކަމަށްވެސް ފުލުހުން ވަނީ މަޢުލޫމާތުދެއްވާފައެވެ.
މި ހާދިސާއާ ބެހޭ އިތުރު މަޢުލޫމާތު މާދަމާގެ ނޫސްވެރިންގެ ބައްދަލުވުމުގައި ހާމަކުރާނެކަމަށް ފުލުހުން ބުނެފައިވެއެވެ.
ކޮމެންޓު ފޮނުވާ