ގުދަނެއްގެ ފުރާޅުމައްޗަށް ވެއްޓުނު ޔުމްނުއަށް އިންސާފު ހޯދައިދިނުމަށް ގޮވާލާ ގިނަ އަދަދެއްގެ ޒުވާނުން މުޒާހިރާ ކޮށްފި

ގުދަނެއްގެ ފުރާޅުމައްޗަށް ވެއްޓުނު ޔުމްނުއަށް އިންސާފު ހޯދައިދިނުމަށް ގޮވާލާ ގިނަ އަދަދެއްގެ ޒުވާނުން މުޒާހިރާ ކޮށްފި

Author
ހުސައިން
24 އޭޕްރިލް 2025 12:12
0

ހުކުރު ދުވަހުގެ ރޭ ހެންވޭރުގައި ހުރި ގުދަނެއްގެ ފުރާޅުމައްޗަށް ވެއްޓުނު 21 އަހަރުގެ ހައްވާ ޔުމްނު ރަޝީދުއަށް އިންސާފު ހޯދައިދިނުމަށް ގޮވާލާ ގިނަ އަދަދެއްގެ ޒުވާނުން މަގުމަތީގައި މުޒާހަރާކުރަން ފަށައިފިއެވެ.

ފުލުހުންގެ މައުލޫމާތުގައިވާ ގޮތުން، ޔުމްނު ވެއްޓިފައިވަނީ ޖެހިގެން ހުރި ގޭގެ ފެންލައިޓުންނެވެ. އެ ހާދިސާ ހިނގިއިރު ޔުމްނުއާއެކު އިތުރު ޒުވާނަކު ހުރިކަމަށާއި، އަދި ދެމީހުންވެސް މަސްތުގެ ހާލަތުގައި ތިބިކަމަށް ފުލުހުން ބުނެފައިވެއެވެ.

އާދަމް ހަލީމް ކްރިމިނަލް އިންވެސްޓިގޭޝަން ބިލްޑިންގ ކައިރިއަށް އެއްވެފައިވާ މުޒާހަރާކުރާ ފަރާތްތަކުން ބުނަނީ، ޔުމްނުއާއެކު އެރޭ އުޅުނު މީހުން ހިމާޔަތްކުރަން ފުލުހުން މަސައްކަތްކުރާ ކަމަށެވެ.

ފުލުހުންގެ ބަޔާނަށް ބަލާއިރު، ހާދިސާ ހިނގުމުގެ ކުރިން ޔުމްނު ފުރަތަމަ ނުކުތީ "މާލޭގެ މެދުގައި" ހުރި ގެއަކުން އިތުރު ހަތް މީހަކާ އެކުއެވެ. އާންމުންގެ މެދުގައި ފެތުރިފައިވާ އަޑުތަކުގައިވާގޮތުން، އެ ގެއަކީ ޓްރާންސްޕޯޓް މިނިސްޓަރު މުހައްމަދު އަމީންގެ ގެކަމަށް ބުނެވެއެވެ. އެގެއިން ނުކުތުމަށްފަހު ޔުމްނުއާއި އެހެން ފިރިހެނަކު އެމީހުންނާ ގުޅުމެއްނެތް ގެއަކަށް ވަދެ އުޅެނިކޮށް ޔުމްނު ފުރާޅު މަތިން ވެއްޓުނެވެ.

ފުލުހުން ޔުމްނުގެ ވަނަވަރު އާންމުކޮށްފައިވާއިރު، މި މައްސަލައިގައި ހިމެނޭ އެހެން މީހުންގެ މައުލޫމާތު ހާމަކޮށްފައެއް ނުވެއެވެ. މުޒާހަރާކުރާ ފަރާތްތަކުން ސުވާލު އުފައްދަނީ، އެ މީހުންގެ ވަނަވަރު އާންމު ނުކުރާތީއާއި، އޭގެތެރެއިން އެއްބަޔަކު ޔޫރީން ދޭން ދެކޮޅުހަދާފައިވާތީ، އެ މީހުންނާ ދެކޮޅަށް ފިޔަވަޅު ނާޅަނީ ކީއްވެގެންތޯއެވެ.

މުޒާހަރާގައި ބައިވެރިވާ ފަރާތްތަކުން ޔުމްނުއާއެކު ފަހުވަގުތު އުޅުނު ޒުވާނާ ހައްޔަރުކުރުމަށްވެސް ގޮވާލަމުންދެއެވެ. އެ ތަނަށް ޔުމްނު މަރުވާން ދޫކޮށްލާފައި އެ ޒުވާނާ ދިޔަކަމަށް މުޒާހަރާކުރާ މީހުންގެ ބޯޑުތަކުގައި ލިޔެފައިވެއެވެ.

ސޯޝަލް މީޑިއާގައިވެސް މި މައްސަލައާ ގުޅިގެން ފުލުހުން ވަކި ގޮތަކަށް އަމަލުކުރަމުންދާކަމަށް ބުނެ އަޑުއުފުލަމުންދެއެވެ. މި ހާދިސާގައި ސަރުކާރުގެ އިސްވެރިންނާ ގުޅުން އޮންނަ ޒުވާނުން ޝާމިލްވާކަމަށާއި، އެ މީހުން ހިމާޔަތްކުރަން މަސައްކަތްކުރަމުންދާކަމުގެ ތުހުމަތުތައްވެސް ކުރެވެމުންދެއެވެ. އެހެންނަމަވެސް، މިހާތަނަށް މި ހާދިސާއާ ގުޅިގެން ސަރުކާރުގެ އެއްވެސް އިސްވެރިޔަކު އެއްޗެއް ބުނެފައެއް ނުވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.