ރާއްޖޭގައި 133 ރަށުގައި ފެނުގެ ޚިދުމަތް، 144 ރަށުގައި ނަރުދަމާގެ ޚިދުމަތް ގާއިމްކޮށްފި

ރާއްޖޭގައި 133 ރަށުގައި ފެނުގެ ޚިދުމަތް، 144 ރަށުގައި ނަރުދަމާގެ ޚިދުމަތް ގާއިމްކޮށްފި

Author
ހުސައިން
23 އޭޕްރިލް 2025 02:29
0

ރާއްޖޭގައި މިހާތަނަށް 133 ރަށެއްގައި ފެނުގެ ޚިދުމަތް ދެމުންދާއިރު 144 ރަށެއްގައި ނަރުދަމާގެ ޚިދުމަތް ގާއިމްކުރެވިފައިވާ ކަމަށް ޓޫރިޒަމް އެންޑް އެންވަޔަރަމަންޓް މިނިސްޓަރ ޠާރިގް އިބްރާހީމް ވިދާޅުވެއްޖެއެވެ.

މިނިސްޓަރ މި ވާހަކަފުޅު ދެއްކެވީ ފެނާއި ނަރުދަމާގެ ޚިދުމަތް ދިނުމުގައި ދިމާވާ ކުއްލި ހާލަތްތަކުގައި ޢަމަލުކުރާނެ ޕްލޭން އިފްތިތާޙުކުރެއްވުމުގެ ރަސްމިއްޔާތުގައެވެ. މި ނިޒާމުތައް ރައްކާތެރިކޮށް ބެލެހެއްޓުމަކީ ނުހަނު މުހިންމު ކަމެއްކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ޓޫރިޒަމް މިނިސްޓަރ އިތުރަށް ފާހަގަކުރެއްވި ގޮތުގައި ރާއްޖޭގެ ރަށްތައް ވަނީ ފެނާއި ނަރުދަމާގެ ނިޒާމަށް ވަރަށް ބޮޑަށް ބަރޯސާވެފައެވެ. އަދި މޫސުމަށް އަންނަ ބަދަލުތަކާ ގުޅިގެން ކުރިމަތިވާ ޤުދުރަތީ ކާރިސާތައް އިތުރުވަމުންދާ ކަމަށާއި، ޚާއްޞަކޮށް ވާރޭވެހި ފެންބޮޑުވުމުގެ ސަބަބުން ނަރުދަމާގެ ނިޒާމަށް އެކި މައްސަލަތައް ދިމާވެ، ނަޖިސް ބޭރުވުމުގެ މައްސަލަ ކުރިމަތިވާކަން ފާހަގަކުރެއްވިއެވެ.

"ކުއްލި ހާލަތްތަކަށް އަބަދުވެސް ތިބެންވާނީ ތައްޔާރީ ހާލަތުގައި" މިނިސްޓަރ ޠާރިގް ވިދާޅުވިއެވެ. އަދި ދިމާވެދާނެ ކުއްލި ހާލަތްތަކަށް ދުރާލާ ތައްޔާރުވެ، ޢަމަލުކުރާނެ ގޮތް އެނގިތިބެއްޖެނަމަ، އެފަދަ ހާލަތްތަކުގައި ހޭދަވާ ވަގުތު ބޮޑުތަނުން ކުޑަކުރެވިގެންދާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

މީގެއިތުރުން، ފެނުގެ ނިޒާމް ބެލެހެއްޓުމުގައި އާރްއޯ ޕްލާންޓް ހިންގުމާއި ފެނުގެ ކޮލިޓީ ޤަވާޢިދުން ބެލެހެއްޓުމުގެ މުހިންމުކަން ފާހަގަކުރެއްވިއެވެ. އަދި ފެނުގެ ސްޓޯރޭޖް ކެޕޭސިޓީ އެކަށީގެންވާ މިންވަރެއްގައި ބެހެއްޓުމަކީވެސް މުހިންމު ކަމެއްކަމަށް މިނިސްޓަރ ޠާރިގް އިބްރާހީމް ވިދާޅުވިއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.