ގުދަނެއްގެ ފުރާޅުމައްޗަށް ވެއްޓުނު އަންހެން ކުއްޖާ ވެއްޓިފައިވަނީ މަސްތުގެ ހާލަތުގައި: ޕޮލިސް

ގުދަނެއްގެ ފުރާޅުމައްޗަށް ވެއްޓުނު އަންހެން ކުއްޖާ ވެއްޓިފައިވަނީ މަސްތުގެ ހާލަތުގައި: ޕޮލިސް

Author
ހުސައިން
23 އޭޕްރިލް 2025 08:36
0

ހެންވޭރުގައި ހުންނަ ގުދަނެއްގެ ފުރާޅު މައްޗަށް ވެއްޓިފައި އޮއްވައި ފެނުނު އުމުރުން 21 އަހަރުގެ އަންހެން ކުއްޖާ ވެއްޓުނީ ޖެހިގެން ހުރި އިމާރާތުގެ ނުވަވަނަ ފަންގިފިލާގެ ފެންލައިޓުން ކަމަށާއި އޭރު އޭނާ ހުރީ ވަރަށް ބޮޑަށް މަސްތުގެ ހާލަތުގައި ކަމަށް ފުލުހުން ރޭ ބުނެފިއެވެ.

މިދިޔަ ހުކުރު ދުވަހު ހިނގި މި ހާދިސާއާ ގުޅިގެން ފުލުހުން "ކްލޯސްޑޯ" ނޫސްވެރިންގެ ބައްދަލުވުމެއް ބާއްވައި، ހާދިސާ ހިނގި ވަގުތުގެ ސީސީޓީވީ ފުޓޭޖުތައް ދެއްކިއެވެ. ފުޓޭޖުތަކުން ފެންނަ ގޮތުގައި އަނިޔާވި އަންހެން ކުއްޖާއާއި އޭނާއާ އެކު ހުރި އުމުރުން 21 އަހަރުގެ ފިރިހެން ކުއްޖަކު މަގުމަތީ ހުސްފައިގައި ހިނގާފައިދެއެވެ. އެ ދެމީހުން ތިބީ މަސްތުގެ ހާލަތުގައިކަން އެމީހުންގެ އަމަލުތަކުން ސާފުވެއެވެ.

ފުލުހުން ބުނާ ގޮތުގައި ދެމީހުން ވަން ހ. ފެންޓޯނިއާއަކީ އެމީހުންނާ ގުޅުމެއް އޮންނަ ގެއެއް ނޫނެވެ. އެ ގޭގެ ބޭރު ދޮރު ތަޅުނުލައި ހުރުމުން ދެމީހުން އެ ގެއަށް ވަނީއެވެ. ގޭތެރޭގައި ދެމީހުން އުޅުމުގެ ތެރޭގައި ބަދުއަހުލާގީ އަމަލުތައްވެސް ހިންގާފައިވާ ކަމަށް ފުލުހުން ބުނެފައިވެއެވެ.

ސީސީޓީވީ ފުޓޭޖުތަކުން ފެންނަނީ އަންހެން ކުއްޖާ 9 ވަނަ ފަންގިފިލާއަށް އަރައި، ފިރިހެން ކުއްޖާ އޭނާ ހޯދަން ދިޔަ ވަގުތު ބާރުގަދަ އަޑެއް އިވުނު މަންޒަރެވެ. ފުލުހުން ބުނާ ގޮތުގައި އެއީ އަންހެން ކުއްޖާ ވެއްޓޭ އަޑެވެ. އޭނާ ވެއްޓުނު ވަގުތު ފިރިހެން ކުއްޖާ ހުރީ ސިޑިމަތީގައެވެ.

ފުލުހުންގެ އިންސްޕެކްޓަރު މުހައްމަދު ސާމިހު ވިދާޅުވި ގޮތުގައި، އަންހެން ކުއްޖާ ގަދަކަމުން ވައްޓާލި ކަމުގެ އެއްވެސް ހެއްކެއް ނެތެވެ. އަދި އޭނާއާ މެދު ގަދަކަމުން ޖިންސީ ގުޅުން ހިންގާފައިވާ ކަމަށް ބުނެ ސޯޝަލް މީޑިއާގައި ދެއްކެވޭ ވާހަކަތަކަށް ބާރުދޭ ހެއްކެއް މިހާތަނަށް ލިބިފައި ނެތެވެ.

ކުއްޖާ ވެއްޓިފައި އޮތް ތަން ބަޔަކަށް ފެނިގެން ފުލުހުންނަށް ރިޕޯޓްކުރީ ހުކުރު ދުވަހުގެ ހެނދުނު 7:23 ހާއިރުއެވެ. އޭރު ކުއްޖާގެ ހަރަކާތް ހުރި ނަމަވެސް، ލިބިފައިވާ އަނިޔާތަކުގެ ސަބަބުން އެތަނުން ތެދުނުވެވިފައި އޮތީ ކަމަށް ފުލުހުން ބުނެފައިވެއެވެ.

ދެ ޒުވާނުންގެ ސާމްޕަލް ނަގާފައިވާއިރު، ފިރިހެން ކުއްޖާ ކެނެބިސްއަށް ޕޮޒިޓިވް ވެފައިވާ ކަމަށާއި އަންހެން ކުއްޖާގެ ސާމްޕަލްވެސް މަސްތުވާތަކެއްޗަށް ޕޮޒިޓިވް ވެފައިވާ ކަމަށް ފުލުހުން ބުނެފައިވެއެވެ.

މި ހާދިސާއާ ގުޅިގެން މިހާތަނަށް މީހަކު ހައްޔަރު ކޮށްފައި ނުވާއިރު، އަނިޔާވި އަންހެން ކުއްޖާއާ އެކު އެ ގެއަށް ވަން ފިރިހެން ކުއްޖާ ފުރުން ވަނީ މަނާކޮށްފައެވެ. އަނިޔާވި އަންހެން ކުއްޖާ މިހާރު ވަނީ ވެންޓިލޭޓަރުން ނަގާފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.