ކުދީންނާ ގުޅުވައި ދޮގު ވާހަކަތައް ފެތުރުމަކީ ވަރަށް ހިތްދަތިވެ ދެރަވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ. މިފަދައިން ރައީސް ވިދާޅުވެފައިވަނީ މިއަދު އާންމުކުރެވުނު "ސްޕޮޓް އޮން" ގެ ފުރަތަމަ އެޕިސޯޑްގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ފަހަކަށްއައިސް ވޭޕް މަނާކުރުމަށް ސަރުކާރުން ނިންމި ނިންމުމާ ގުޅުވައި ރައީސްގެ ދޮށީ ފިރިހެން ދަރިކަލުންނާ ބެހޭގޮތުން އިދިކޮޅު ބައެއް ސަޕޯޓަރުންނާއި ސިޔާސީ ބައެއް ވެރިން ހަގީގަތެއް ނެތް ދޮގު ވާހަކަތަކެއް ފަތުރަމުން ގެންދާ ކަމުގެ ޚަބަރުތައް ވަނީ މީޑިއާތަކުގައި ފެތުރިފައެވެ.
މިކަމާ ގުޅޭގޮތުން ކުރެވުނު ސުވާލަކަށް ޖަވާބު ދެއްވަމުން ރައީސް ވިދާޅުވެފައިވަނީ އެމަނިކުފާނުގެ އާއިލާއާއި ކުދީން ދެކެ ވަރަށް ލޯބިވާ ކަމަށާއި، އާއިލާއާއި ކުދީންނާ ގުޅުވައި ދޮގު ވާހަކަތައް ފެތުރުމަކީ ވަރަށް ހިތްދަތިވާ ކަމެއްކަމަށެވެ.
"އެ ކުދީން ވަރަށް ރަނގަޅު ވާނެ. ނަމާދު ކުރާނެ. ވަރަށް އަހްލާގު ރަނގަޅު ވާނެ. ދުވަހަކު ވެސް ގޯސް ކަމެއް މިހާތަނަށް ކޮށްފައެއް ނެތް، ނުވެސް ކުރާނެ. ޔަގީން," ރައީސް ވިދާޅުވިއެވެ.
އިންސާނެއްގެ ހައިސިއްޔަތުން އެފަދަ ވާހަކަތަކުން އަސަރުކުރިނަމަވެސް، ކޮންމެ ކަމެއްގައިވެސް ކެތްތެރިކަން އިސްކުރައްވާ ކަމަށް ރައީސް ވަނީ ފާހަގަކުރައްވާފައެވެ. އަދި އެމަނިކުފާނުގެ ބޭފުޅުންނަށް ފުރިހަމައަށް އިތުބާރުކުރައްވާ ކަމަށް ވިދާޅުވެފައިވެއެވެ.
"އަޅުގަނޑު ޕާސަނަލީ ވަރަށް ކެތްތެރިވަން. ނަމަވެސް އެހެން އާއިލާތަކަށް އެފަދަ ކަންކަމުގެ ހިތްދަތިކަން ބަރުދާސް ކުރަން ޖެހޭ ހާލަތަށް ދިއުމުން މުޅި ގައުމުގެ ހައްގުގައި ކުރަން ޖެހޭ ކަންކަން ކުރާނަން،" ރައީސް މުއިއްޒު ވިދާޅުވިއެވެ.
ކޮމެންޓު ފޮނުވާ