މިއަދު ބޭއްވުނު ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީގެ ބައްދަލުވުމުގައި، ޕެންޝަން ނިޒާމަށް ބަދަލުތައް ގެނައުމުގައި މިހާރު ޕެންޝަން ލިބެމުންދާ ފަރާތްތަކުގެ ޕެންޝަން ނުހުއްޓޭނެ ގޮތަކަށް ކުރިއަށް ގެންދިއުމަށް ޕެންޝަން އޮފީހުން އިލްތިމާސްކޮށްފިއެވެ.
ކޮމިޓީގައި ވާހަކަފުޅު ދައްކަވަމުން ޕެންޝަން އޮފީހުގެ ސީއީއޯ ސުޖާތާ ހަލީމް ވިދާޅުވީ، މިހާރު ކުރިމަތިވެފައިވާ އެންމެ ބޮޑު ގޮންޖެހުމަކީ ޕެންޝަން ނިޒާމުގެ ބޭރުން އެހެނިހެން ޤާނޫނުތަކުގެ ދަށުން ވެސް ޕެންޝަންގެ އިނާޔަތްތައް ދެމުންދިއުން ކަމަށެވެ.
"ޕެންޝަނަށް ކުރަންޖެހޭ ޚަރަދު އަހަރުން އަހަރަށް އެތައް ގުނައަކަށް ބޮޑުވަމުންދޭ. ޕެންޝަން ނިޒާމަށް ބަދަލު ގެންނަންޖެހޭކަން އަޅުގަނޑުމެން ވެސް ޤަބޫލުކުރަން. ނަމަވެސް، އެކަން ކުރަންވާނީ އޭގެ އަސަރުތައް ވީހާވެސް ކުޑަވާނެ ގޮތަކަށް" ކަމަށް ސުޖާތާ ވިދާޅުވިއެވެ.
ޕެންޝަން ޤާނޫނަށް ބަދަލުގެނައުމުގައި ސުޖާތާ ހުށަހެޅުއްވީ، ރިޓަޔަރކޮށް ޕެންޝަން ލިބުމުގެ އިންތިޒާރުގައި މިވަގުތު ތިބި ފަރާތްތަކަށް ލިބެން އޮތް ޕެންޝަނަށް އަސަރުނުކުރާނެ ގޮތަކަށް އިޞްލާޙުތައް ގެނައުމަށާއި، މިހާރު ޕެންޝަން ލިބެމުންދާ ފަރާތްތަކުގެ ޕެންޝަން މާބޮޑަށް ކުޑަވެގެންދާނެ ފަދަ ގޮތަކަށް ޢަމަލުނުކުރުމަށެވެ. އަދި ޕެންޝަނަށް ބަދަލުގެނެވޭނެ ތާރީޚެއް ކަނޑައެޅުމަށް ވެސް އޭނާ ހުށަހެޅުއްވިއެވެ.
"ޕެންޝަން ޤާނޫނު އައުމަށްފަހު މިހާރު ވެސް 15 އަހަރު ވެއްޖެ. އެކިއެކި ނިޒާމުތައް ކުރިއަށްދާއިރު، މިހާރުގެ އެކްސްޕެކްޓޭޝަން ކޮންމެވެސް ވަރަކަށް މީޓްކުރެވޭ މިޑުލް ގްރައުންޑެއްގައި އަޅުގަނޑުމެން މަސައްކަތްކުރުން މުހިންމު. ބަޔަކަށް ލިބެމުންދާ އެއްޗެއް ހުއްޓުން ނުވަތަ މާބޮޑަށް މަދުވެގެންދިއުމަކީ އިޞްލާޙެއް ގެންނައިރު އެހާ އެދެވޭ ގޮތަކަށް ނުވާނެ" ކަމަށް ސުޖާތާ ވިދާޅުވިއެވެ.
ސުޖާތާ ވިދާޅުވިގޮތުގައި، 65 އަހަރު ވުމުން މިހާރު ދެވޭ އަސާސީ ޕެންޝަނަށް މަހަކު 100 މިލިއަނަށްވުރެ ގިނަ ރުފިޔާ ޚަރަދުކުރަންޖެހެއެވެ. އަދި މިހާރު އަސާސީ ޕެންޝަން ލިބޭ މީހުންގެ އަދަދު އާބާދީގެ 4 ޕަސެންޓްގައި ހުރިއިރު، 2030 ވަނަ އަހަރާ ހަމައަށް އައިއިރު އެ އަދަދު 7 ޕަސެންޓަށް އިތުރުވާނެ ކަމަށް ފާހަގަކުރެއްވިއެވެ. މިއީ ދެމެހެއްޓެނިވި ގޮތެއްގައި ޕެންޝަން ދެވޭނެ އަދަދަކަށް ނުވާނެ ކަމަށް ސުޖާތާ ވިދާޅުވިއެވެ.
"އަޅުގަނޑުމެންގެ އާބާދީ މިދަނީ މުސްކުޅިވަމުން. އެހެންކަމުން 2030 އަށް އަންނައިރު މި އަދަދު ވަރަށް ބޮޑަށް މައްޗަށްދާނެ. އެހެންވީމާ، މިކަންކަމަށް ރިޢާޔަތްކޮށް ބަދަލުތަކެއް އަންނަންޖެހޭ. މިއީ ކުރަންޖެހޭ މަސައްކަތެއް" ކަމަށް ސުޖާތާ ވިދާޅުވިއެވެ.
ޕެންޝަން ނިޒާމަށް ބަދަލުގެނައުމުގައި ވިސްނަންޖެހޭ ކަންކަމުގެ ތެރޭގައި، ވަޒީފާ އަދާކުރާ މީހުން މަދުވެ ޕެންޝަން ފަންޑަށް ޖަމާވާ ފައިސާ މަދުވަމުންދާތީ އެކަމަށް ރިޢާޔަތްކުރުމާއި، ވަޒީފާއިން މުސްކުޅިކުރަން މަޖުބޫރުވާ އުމުރު 65 އަހަރަށްވުރެ މަތިކުރުން ހިމެނޭކަމަށް ސުޖާތާ ފާހަގަކުރެއްވިއެވެ. އަދި ޕެންޝަން އެއްވަރެއްގައި ދީދީ ވެސް ނުތިބެވޭނެކަމަށާއި، އިންފްލޭޝަނާ އެއްވަރަށް ޕެންޝަނަށް ލިބޭ އަދަދު ވެސް ބޮޑުވާންޖެހޭނެ ކަމަށް ވިދާޅުވިއެވެ.
ޕެންޝަން ދީގެން މީހުން ވަޒީފާއިން މުސްކުޅިކުރުމުގެ އެއް ބޭނުމަކީ ސަރުކާރުން ކުރަންޖެހޭ ޚަރަދު ކުޑަކުރުން ނަމަވެސް، ރާއްޖޭގައި ކަންހިނގާގޮތުން މުސާރަ ދީފައި ބަޔަކު ގޭގައި ބައިތިއްބަނީ ކަމަށް ސުޖާތާ ފާހަގަކުރެއްވިއެވެ. އެހެންނަމަވެސް، މުސްކުޅިވުމަށްފަހު މުސާރައާ އެއްވަރުގެ އަދަދެއް ޕެންޝަނަށް ލިބެން ނުޖެހޭނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
"ޕެންޝަނަކީ އިޖުތިމާޢީ ރައްކާތެރިކަމުގެ އެއް ތަނބު. މީގައި އަންނަންޖެހޭ ރިޓަޔަރމަންޓަށް އިންޝުއަރެންސާއި ހައުސިންއާ މި ހުރިހާ އެއްޗެއް ވެސް. ޕެންޝަނެއް މި ދެނީ ވަޒީފާ އަދާނުކުރި ނަމަވެސް މީހާގެ ދިރިއުޅުން ދަށް ޙާލަތަކަށް ނުދިއުމަށްޓަކައި. އޭގެ ބައެއް މިއީ ޕެންޝަން" ކަމަށް ސުޖާތާ ވިދާޅުވިއެވެ.
މަޖިލީހުގެ މާލިއްޔަތު ކޮމިޓީގެ މިއަދުގެ ބައްދަލުވުމުގައި ސިވިލް ސަރވިސް ކޮމިޝަންގެ ރައީސް މުޙައްމަދު ނާޞިޙު ވިދާޅުވީ، ޕެންޝަނާ ގުޅޭ ކަންކަން ވަކިވަކި އޮފީސްތަކުން ކުރުން އެއްގޮތަކަށްވެސް ރަނގަޅު ނޫންކަމަށެވެ. އެހެންކަމުން ޕެންޝަނާ ގުޅޭ ހުރިހާ ކަމެއް ޕެންޝަން އޮފީހަށް ބަދަލުކުރުމަށް ނާޞިޙު ތާއީދުކުރައްވައި، މި ބަދަލުތައް އަވަހަށް ޤާނޫނަށް ގެނެސްދެއްވުމަށް އެދިވަޑައިގަތެވެ.
ސިވިލް ސަރވިސް ޤާނޫނުގެ ދަށުން މިހާރު ޕެންޝަން ދެވޭ ފަރާތްތަކުގެ އަދަދުތައް ނާޞިޙު ހާމަކުރެއްވިއެވެ. އެގޮތުން، މުސްކުޅިކުރުމުގެ އިނާޔަތް 5,300 ފަރާތަކަށް ދެވޭއިރު، 55 އަހަރު ވެގެން މުސްކުޅިކުރެވުނު 1,612 ފަރާތަކަށާއި، 65 އަހަރު ވެގެން މުސްކުޅިކުރެވުނު 3,726 ފަރާތަކަށް ޕެންޝަން ދެވެމުންދެއެވެ.
ކޮމެންޓު ފޮނުވާ