ދިވެހި ފުލުހުންގެ ޚިދުމަތުގެ އެންޓި ސްކޭމް ސެންޓަރުން ތަޙުޤީޤުކުރަމުންދާ ސްކޭމް މައްސަލައަކާ ގުޅިގެން ދެ މީހަކު ތަޙުޤީޤަށް ހާޒިރުކުރުމަށް ފުލުހުން އިޢުލާންކޮށްފިއެވެ.
ފުލުހުންގެ އިޢުލާނުގައި ބުނެފައިވާ ގޮތުގައި، ތަޙުޤީޤަށް ހާޒިރުކުރަން ބޭނުންވަނީ ގއ. ގެމަނަފުށީ ރަންކޮކާގޭ ނަދީފް މުޙައްމަދު (36 އަހަރު) އާއި ޅ. ނައިފަރު ހަލަވެލިގޭ މަޙްމޫދު ޢަބްދުﷲ (30 އަހަރު) އެވެ.
މި ދެ މީހުން އުޅޭ ވަކި ތަނެއް ނޭނގުމުގެ ސަބަބުން ތަޙުޤީޤަށް ހާޒިރުވުމަށް ޗިޓު ރައްދުކުރެވިފައި ނުވާތީ، ޖިނާއީ މައްސަލަތައް ތަޙުޤީޤުކުރުމުގައި ފުލުހުން ޢަމަލުކުރާނެ އިޖުރާއަތުގެ ގަވާއިދުގެ 27 ވަނަ މާއްދާގައިވާ ގޮތުގެމަތިން ތަޙުޤީޤަށް ހާޒިރުވުމަށް އަންގައި އިޢުލާންކުރަން ޖެހުނީކަމަށް ފުލުހުން މަޢުލޫމާތު ދެއްވާފައިވެއެވެ.
ފުލުހުންގެ ފަރާތުން އިތުރަށް ހާމަކޮށްފައިވަނީ، ނަދީފް މުޙައްމަދު ހާޒިރުވާންޖެހޭނީ މިމަހުގެ 28 ވަނަ ދުވަހު ހެނދުނު 11:00 އަށް ކްރިމިނަލް އިންވެސްޓިގޭޝަން ބިލްޑިންގއަށް ކަމަށާއި، އެތަނުގައި ސާޖަންޓް އާދަމް ޙަލީމްއާ ބައްދަލުކުރުމަށެވެ. އަދި މަޙްމޫދު ޢަބްދުﷲ އަށް ހާޒިރުވުމަށް އަންގާފައިވަނީ އެދުވަހުގެ މެންދުރު 12:00 އަށް ކަމަށް ފުލުހުން ވިދާޅުވިއެވެ.
މި ދެ މީހުން ހާޒިރުކުރަނީ މައްސަލައިގެ ތަޙުޤީޤުގައި ތުހުމަތުގައި ސުވާލުކުރުމަށްކަން ފުލުހުން ހާމަކުރެއްވިއެވެ. ނަމަވެސް މައްސަލައިގެ އިތުރު ތަފްސީލެއް މިހާތަނަށް ހާމަކޮށްފައެއް ނުވެއެވެ.
ކޮމެންޓު ފޮނުވާ