ތަހުގީގުގެ ބޭނުމަށް ފޮޓޯ ނަގަނީ މައްސަލައަކަށް ބޭނުންވާ މިންވަރަށް: ފުލުހުން

ތަހުގީގުގެ ބޭނުމަށް ފޮޓޯ ނަގަނީ މައްސަލައަކަށް ބޭނުންވާ މިންވަރަށް: ފުލުހުން

Author
ހުސައިން
21 އޭޕްރިލް 2025 01:34
0

ތަހުގީގުގެ ބޭނުމަށް މައްސަލާގައި ހިމެނޭ މީހުންގެ ފޮޓޯ ނަގަނީ، އެ މައްސަލައެއްގައި ބޭނުންވާ މިންވަރަށް ކަމަށް ފުލުހުން މިއަދު ބުނެފިއެވެ.

ފުލުހުން މި ބަޔާން ނެރުމަށް މެދުވެރިވީ އިދިކޮޅު އެމްޑީޕީގެ ގައުމީ މަޖިލިހުގެ މެންބަރު އަހުމަދު ސަލީމް (މާޒް ސަލީމް) އާއި އެ ޕާޓީގެ އެކްޓިވިސްޓް މަރިޔަމް ޒުބައިރު (މަންދީ) ގެ ޖިންސީ ގުނަވަން ފިޔަވައި ހަށިގަނޑުގެ އެހެން ހުރިހާ ތަނެއްގެ ފޮޓޯ ނެގުމަށް ކްރިމިނަލް ކޯޓުން ނެރުނު އަމުރަކާ ގުޅިގެން އުފެދިފައިވާ ފާޑުކިޔުންތަކުގެ ސަބަބުންނެވެ.

ފުލުހުން ނެރުނު ބަޔާނުގައި ބުނެފައިވަނީ ޖިނާއީ ތަހުގީގަކަށް މީހެއްގެ ފޮޓޯ ނުވަތަ އަޑުގެ ސާމްޕަލް ނަގަން ބޭނުންވެއްޖެނަމަ، އެކަން ކުރެވޭނީ އެ މީހެއްގެ ރުހުމާއެކު ކަމަށެވެ. އަދި ރުހުން ނުދޭނަމަ، އެކަން ކުރެވޭނީ ހަމައެކަނި ކޯޓު އަމުރެއްގެ ދަށުން ކަމަށްވެސް ފާހަގަކޮށްފައިވެއެވެ. ފުލުހުންގެ ބަޔާނުގައި އިތުރަށް ބަޔާންކޮށްފައިވަނީ ފޮޓޯއާއި އަޑުގެ ސާމްޕަލަކީ ހަށިގަނޑުގެ ބޭރުން ނެގޭ ސާމްޕަލެއްގެ ގޮތުގައި ކަމަށެވެ.

ބަޔާނުގައި އިތުރަށް ތަފްސީލުކޮށްދިނުމުގެ ގޮތުން، ހަށިގަނޑުގެ ތެރެއިން ނެގޭ ސާމްޕަލްގެ ތެރޭގައި ޖިންސީ ގުނަވަނުގެ ފޮޓޯ ނެގުމާއި ސާމްޕަލް ނެގުން ހިމެނޭކަމަށާއި، ކޯޓުން އަމުރު ނެރޭއިރު "ޖިންސީ ގުނަވަން ފިޔަވައި" މިހެން ބަޔާންކުރަނީ ޖިންސީ ގުނަވަނުގެ ފޮޓޯ ނުނެގޭނެކަން ސާފުކޮށްދިނުމަށްކަން ފުލުހުން ފާހަގަކޮށްފައިވެއެވެ.

"އާއްމުކޮށް ފޮޓޯ ނަގަނީ، ހެކީގެ ގޮތުގައި ފުޓޭޖް އަކުން ނުވަތަ ވީޑިއޯ ފުޓޭޖަކުން ފެންނަ މީހަކީ ވަކި މީހެއްތޯ ބަލަން ކޮމްޕެރިސަން ހަދަން ނުވަތަ އަޑަކީ ވަކި މީހެއްގެ އަޑެއްކަން ދެނެގަތުމަށް" ކަމަށް ފުލުހުން ބަޔާން ކޮށްފައިވެއެވެ.

މިވަގުތު މީޑިއާގައި ދައުރުވަމުންދާ ޕޮލިސް ޗިޓަކީ، ޗިލްޑްރަންސް އޮމްބަޑްސްޕާސަން އޮފީހުން ހުށަހަޅައިގެން ދިވެހި ފުލުހުންގެ ޚިދުމަތުން ތަހުގީގު ކުރަމުންދާ މައްސަލައަކާ ގުޅިގެން ފޮނުވާފައިވާ ޗިޓެއްކަން ފުލުހުން ސާފުކޮށްދީފައިވެއެވެ.

ފުލުހުންގެ ބަޔާނުގައި އިތުރަށް ސާފުކޮށްދީފައިވަނީ، ހަށިގަނޑުގެ ބޭރުފުށުގެ ފޮޓޯ ނެގުމަށް ކޯޓުން އަމުރު ނެރުނަސް، މިފަދަ ކޮންމެ އަމުރަކާ ގުޅިގެން ތުހުމަތުކުރެވޭ މީހާގެ އަންނައުނު ބާލުވައިގެން ފޮޓޯ ނެގުމަކީ ކުރާކަމެއް ނޫން ކަމަށެވެ. އަދި ފުލުހުން ތަހުގީގުގެ ބޭނުމަށް ފޮޓޯއާއި ސާމްޕަލް ނަގާނީ އެ މައްސަލައެއްގެ ތަހުގީގަށް ކޮންމެހެން ބޭނުންވާ މިންވަރަށް ކަމަށްވެސް ފުލުހުން ހާމަކޮށްފައިވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.