ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރު އުވާލައި، ޕްރިފެރެންޝަލް ވޯޓިންގ ނިޒާމެއްގެ ދަށުން އެއް ބުރުން ރައީސަކު އިންތިޚާބު ކުރުމަށް ރައީސް ޑރ. މުޙައްމަދު މުއިއްޒު ވަކާލާތު ކުރައްވާ ކަމަށް ވިދާޅުވެއްޖެއެވެ.
މިކަން އެމަނިކުފާނު ހާމަކުރެއްވީ އަލަށް އުފައްދަވާފައިވާ ވަޓްސްއެޕް ޗެނަލްގައި ރޭ ޙިއްސާކުރެއްވި ޕޯސްޓެއްގައެވެ. އެމަނިކުފާނު ވިދާޅުވެފައިވަނީ، އެމަނިކުފާނުގެ ޚިޔާލުގައިވާ ވޯޓިންގ ނިޒާމަކީ ޕްރިފެރެންޝަލް ވޯޓިންގ ނިޒާމެއްކަމަށެވެ.
މީގެ ކުރިން ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި ބޭއްވުނު ޖަލްސާގައި ރައީސް މުއިއްޒު ވިދާޅުވެފައިވަނީ، އެމަނިކުފާނުގެ ވިސްނުންފުޅަކީ ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރަށް ނުގޮސް، ފުރަތަމަ ބުރުން އިންތިޚާބު ކާމިޔާބުކުރާ ބޭފުޅަކު ކަނޑައެޅުމެވެ. މިކަމަށްޓަކައި ޕްރިފެރެންޝަލް ނިޒާމަކަށް އަމަލުކުރުމާ ގުޅޭގޮތުން އެޓާނީ ޖެނެރަލް އޮފީހުން މިހާރުވެސް ދިރާސާތައް ކުރަމުންދާ ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
"ދެވަނަ ބުރަކަށް ނުގޮސް، ފުރަތަމަ ބުރުގައި ޕްރިފަރެންޝަލް ވޯޓިންގ އިން ދެވަނަ ބުރަކަށް ދާ ހާލެއްގައި ވެރިއަކަށް ހޮވާނެ މީހާ ވެސް އެނގޭ ގޮތަށް ވޯޓުލެވޭ ގޮތަށް. މާނައަކީ އެއްބުރުން ނިމޭނެއޭ. އެއްބުރުން އެއްވަނަ، ދެވަނަ ސާފުވާ ގޮތަށް، އަޅުގަނޑު ހިތުން ބައެއް ގައުމުތަކުގައި، އަވަށްޓެރި ބައެއް ގައުމުތަކުގައި ވެސް އޮވޭ އެހެން" ރައީސް މުއިއްޒު ވިދާޅުވިއެވެ.
މި ނިޒާމަކީ މިހާރުވެސް ބައެއް ޤައުމުތަކުން ޢަމަލުކުރަމުންދާ ނިޒާމެއްކަމަށް ފާހަގަކުރައްވައި، މިކަން ރާއްޖެއަށް ރަނގަޅު ކަމަށް ފެންނަނަމަ، ރައްޔިތުންގެ މަޖިލިސް މެދުވެރިކޮށް އަންނަ ރިޔާސީ އިންތިޚާބުން ފެށިގެން މިނިޒާމަށް ބަދަލުކުރުމުގެ ޚިޔާލް އޮތްކަމަށް ރައީސް ވިދާޅުވިއެވެ.
ރައީސް މުއިއްޒު އިތުރަށް ވިދާޅުވީ މިގޮތަށް އިންތިޚާބު ބާއްވައިފިނަމަ، ޚަރަދު ކުޑަވެގެންދާނެ ކަމަށެވެ. އެހެންކަމުން މިކަމާ ގުޅޭގޮތުން ރައްޔިތުންގެ ވޯޓަކަށް އެހުމަށް ގަސްދުކުރައްވާ ކަމަށްވެސް އެމަނިކުފާނު ޙިއްސާކުރެއްވިއެވެ.
ރިޔާސީ އިންތިޚާބުގެ ދެ ބުރު ނުބާއްވާ، އެއް ބުރުން ނިންމާލުމުގެ ޚިޔާލަށް ކުރީގެ ރައީސް މުޙައްމަދު ނަޝީދު ވެސް ތާއީދުކުރައްވާފައިވީ ނަމަވެސް، އެމްޑީޕީގެ ޗެއަރޕާސަން ފައްޔާޟް އިސްމާޢީލް ވަނީ މި ޚިޔާލާ ދެކޮޅަށް ވާހަކަދައްކަވާފައެވެ.
ކޮމެންޓު ފޮނުވާ