އިސްލާމިކް ޔުނިވަރސިޓީ އޮފް މޯލްޑިވްސްގެ ދަސްވެނިވުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެފައިވަނީ އިލްމަކީ ދެއްވާ އިމްތިހާނެއް ކަމަށާއި، އޭގެ ބޭނުން އެންމެ ފުރިހަމަ ގޮތުގައި ހިފައި ބޮލުގައި އެޅިގެންދާ ޒިންމާ އަދާކުރުމުގެ މުހިންމުކަމުގެ މައްޗަށެވެ.
ރައީސް މުޢިއްޒު ވަނީ އައިޔޫއެމްގެ ފުރަތަމަ އޮނަރަރީ ޑޮކްޓަރޭޓް ލިބިވަޑައިގެންނެވި ފަޟީލަތުއްޝެއިޚް އިސްމާޢީލް މުޙައްމަދަށް ތަހުނިޔާ ދަންނަވައި، ދަސްވެނިވި އެންމެހާ ދަރިވަރުންނަށް މަރުޙަބާ ދަންނަވާފައެވެ. ރައީސް ފާހަގަކުރެއްވީ މިފަދަ ކާމިޔާބީއެއް ހާސިލުކުރުމަށްފަހު ވިސްނާލަންޖެހޭ މުހިންމު ކަމެއް ކަމަށް، އެއީ ދަސްވެނިންގެ މަސްއޫލިއްޔަތާއި ޒިންމާއަކީ ކޮބައިތޯ ކަމަށެވެ.
"އިލްމަކީ ﷲ ސުބުޙާނަހޫ ވަތަޢާލާ އެކިއެކި ޒަރީޢާތައް މެދުވެރިކޮށް އެމީހަކަށް ވާސިލްވުމަށް އިރާދަކުރެއްވުމުން، އެކަން ހާސިލްވެގެން ދިޔުމުން އެއީ އޭގެ ބޭނުން ހެޔޮގޮތުގައި ހިފުމަށްޓަކައި އަޅުގަނޑުމެންނަށް ދެއްވާ އިމްތިހާނެއް" ރައީސް ވިދާޅުވިއެވެ.
ރައީސް މުޢިއްޒު ދަސްވެނީންނަށް ދެއްވި ނަސޭހަތުގައި، މުޖުތަމަޢުގައި ތިމާގެ ދައުރު އަދާކުރުމުގައި ފަރުވާކުޑަކޮށްގެން ނުވާނެކަމަށާއި، އިލްމުގެ ބޭނުން ހިފައި ހަޔާތް ބައްޓަންކުރުމާއެކު ދަރިންނާއި މުޖުތަމަޢުއަށް މަންފާކުރާނެ ގޮތަށް ޢަމަލުކުރެއްވުމަށް އިލްތިމާސްކުރެއްވިއެވެ.
އައިޔޫއެމް ކުރިއެރުވުމަށް ސަރުކާރުން ގެންގުޅުއްވާ ޕްލޭންތަކުގެ ތެރޭގައި ހުޅުމާލޭ ފުރަތަމަ ފިޔަވަހީގައި 'ސަނާބިލް' އިމާރާތުގެ މަސައްކަތް ފަށާފައިވާކަން ފާހަގަކުރައްވައި، ހުޅުމާލެއިން ބޮޑު ބިމެއް ހަމަޖައްސައިދީ ޔުނިވަރސިޓީގެ ކުރިމަގު ބައްޓަންކުރުމަކީ އެމަނިކުފާނުގެ އަޒުމެއްކަމުގައި ރައީސް ވިދާޅުވިއެވެ.
ކޮމެންޓު ފޮނުވާ