ސިފައިންގެ 133 ވަނަ އަހަރީ ދުވަސް ފާހަގަކުރުމަށް މާލޭގައި އަސްކަރީ ހިނގާލުމެއް ބާއްވަނީ

ސިފައިންގެ 133 ވަނަ އަހަރީ ދުވަސް ފާހަގަކުރުމަށް މާލޭގައި އަސްކަރީ ހިނގާލުމެއް ބާއްވަނީ

Author
ހުސައިން
19 އޭޕްރިލް 2025 11:54
0

ސިފައިންގެ 133 ވަނަ އަހަރީ ދުވަސް ފާހަގަކުރުމުގެ ގޮތުން މިއަދު ހަވީރު މާލޭގައި އަސްކަރީ ހިނގާލުމެއް ބޭއްވުމަށް އެމްއެންޑީއެފުން ނިންމާއިފިއެވެ. މި ހިނގާލުން ފެށުމަށް ހަމަޖެހިފައިވަނީ މިއަދު ހަވީރު 4:15 ގައި ބަންޑާރަ ކޮށިން ކަމަށް އެމްއެންޑީއެފުން ވަނީ އަންގާފައެވެ.

ބަންޑާރަ ކޮށިން ފެށޭ މި ހިނގާލުމުގައި އަމީރު އަހުމަދު މަގުން އިރަށް ދަތުރުކޮށް، ފުރަތަމަ މަޑުކުރުމަށް ހަމަޖެހިފައިވަނީ ރައީސް އޮފީސް ކުރިމަތީގައެވެ. މި ހިނގާލުން ޝަރަފުވެރިކޮށްދެއްވާނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުއެވެ.

އެމްއެންޑީއެފުން ހާމަކުރި ގޮތުގައި، މިއަދުގެ ހިނގާލުމުގައި މާލޭގެ ފަސް ސަރަހައްދެއްގައި ސިފައިން މަޑުކުރާނެއެވެ. އެއީ އަމީރު އަހުމަދު މަގުގައި ރައީސް އޮފީސް ކުރިމަތިންނާއި، ސޯސަން މަގުގައި ދިވެހި ބަހުގެ އެކެޑަމީ ކުރިމަތިން، މަޖީދީ މަގާއި ޗާންދަނީ މަގު ހަތަރު އަނގޮޅި ކަންމަތިން، މަޖީދީ މަގުގައި މިލިއަން ބުކްޝޮޕް ކުރިމަތިންނާއި، އަދި ބޮޑުތަކުރުފާނު މަގުގައި ކަޅުތުއްކަލާ ކޮށި ހުޅަނގު އުތުރު ކަންމަތިންނެވެ.

މި ހިނގާލުމުގައި އެމްއެންޑީއެފްގެ އެކި ޑިޕާޓްމަންޓްތަކުގައި މަސައްކަތްކުރާ ސިފައިން އެ މީހުންގެ ދާއިރާތަކުގެ ޔުނިފޯމުތަކާއި ބޭނުންކުރާ އާލާތްތައް ދައްކާލާނެކަމަށް އެމްއެންޑީއެފުން ބުނެފައިވެއެވެ. އަދި ހަމައެއާއެކު، މާލޭގެ އެކި ސަރަހައްދުތަކުގައި އެމްއެންޑީއެފްގެ ބޭންޑުގެ ހުށަހެޅުންތައްވެސް މި ހިނގާލުމުގެ ތެރެއިން ހުށަހަޅައިދޭނެއެވެ.

މި އަސްކަރީ ހިނގާލުން ނިންމާލުމަށް ހަމަޖެހިފައިވަނީ ކަޅުތުއްކަލާ ކޮށްޓަށް ކަމަށް އެމްއެންޑީއެފުން މަޢުލޫމާތު ދެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.