ގައުމީ ފެންވަރުގައި ބޮޑު އީދު ފާހަގަކުރުމަށް ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފި

ގައުމީ ފެންވަރުގައި ބޮޑު އީދު ފާހަގަކުރުމަށް ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފި

Author
ހުސައިން
18 އޭޕްރިލް 2025 10:37
0

ކަލްޗަރ މިނިސްޓްރީން އިއްޔެ ގައުމީ ފެންވަރުގައި ބޮޑު އީދު ފާހަގަކުރަން ބޭނުންވާ ރަށްރަށުން ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފިއެވެ. މިގޮތުން ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުސަތު ހުޅުވާލާފައިވަނީ މެއި 1 ވަނަ ދުވަހުގެ މެންދުރުފަހު 1:00 ގެ ނިޔަލަށެވެ.

މިނިސްޓްރީގެ އިޢުލާނުގައި ބަޔާންކޮށްފައިވާ ގޮތުން، ޕްރޮޕޯސަލްތައް ފޮނުވަންޖެހޭނީ [email protected] އަށެވެ. އަދި މިނިސްޓްރީގެ ފަރާތުން މިކަން ވިލަރެސްކުރާނީ އިވެންޓްސް އެންޑް އައުޓްރީޗް ސެކްޝަންގެ ޑެޕިއުޓީ ޑިރެކްޓަރު އައްބާސް މުޙައްމަދުއެވެ.

ސަރުކާރުގެ ވިސްނުމަކީ ކޮންމެ އަހަރެއްގައިވެސް ބޮޑު އީދު ފާހަގަކުރުމަށް ތަފާތު ރަށްރަށް ކަނޑައަޅައިގެން ގައުމީ ފެންވަރުގައި އީދު ފާހަގަކުރުމެވެ. މިފަދަ އިންތިޒާމެއްގެ ދަށުން ރަށްރަށުގައި ގައުމީ ފެންވަރުގައި ބޮޑު އީދު ފާހަގަކުރަން ފެށީ މިދިޔަ އަހަރުއެވެ.

މިނިސްޓްރީން މި އަހަރު ވެސް ކަނޑައަޅާނީ މިދިޔަ އަހަރެކޭ އެއްގޮތަށް ތިން ރަށެކެވެ. މިދިޔަ އަހަރުގެ ބޮޑު އީދުގައި ގައުމީ ފެންވަރުގައި މިނިސްޓްރީން އީދު ފާހަގަކޮށްފައިވަނީ ރ. އުނގޫފާރު، ދ. ކުޑަހުވަދޫ އަދި ގއ. ވިލިނގިލީގައެވެ.

ގައުމީ ފެންވަރުގައި އީދު ފާހަގަކުރާ ރަށްރަށް ކަނޑައަޅާނީ އެންމެ ރަނގަޅު ޕްރޮޕޯސަލް ހުށަހަޅާ ރަށްރަށުގެ ތެރެއިންނެވެ. އަދި މިފަދަ ރަށްރަށުގައި އީދު ފާހަގަކުރެވޭނީ ސަރުކާރާ ގުޅިގެންނެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.