ހައުސިންގ މިނިސްޓްރީން މިއަދު ހާމަކުރިގޮތުގައި، ގެދޮރުވެރިޔާގެ ސްކީމުގެ ދަށުން ދޫކުރާ ފްލެޓްތަކާ ގުޅިގެން ހުށަހެޅިފައިވާ ޝަކުވާތައް މިވަގުތު ދަނީ ބަލަމުންނެވެ.
ކުރީގެ ސަރުކާރުން ހުޅުމާލެ 2 ގައި އިމާރާތްކުރަން ފެށި ފްލެޓްތަކުގެ ލިސްޓާ ގުޅޭގޮތުން ޝަކުވާ ހުށަހެޅުމަށް މިދިޔަ ފެބްރުއަރީ 27 ވަނަ ދުވަހު ހުޅުވާލި މުއްދަތު ނިމުނުއިރު، ޖުމްލަ 8،602 ޝަކުވާ ލިބިފައިވާކަމަށް މިނިސްޓްރީން ފާހަގަކޮށްފައިވެއެވެ. މި މުއްދަތު ހަމަވީ މިދިޔަ އަންގާރަ ދުވަހުގެ މެންދަމު 12:00 ގައެވެ.
މިނިސްޓްރީގެ ބަޔާނުގައި ދައްކާގޮތުން، ގެދޮރުވެރިޔާގެ ޕޯޓަލް މެދުވެރިކޮށް 4،652 ފަރާތަކުން ޝަކުވާ ހުށަހަޅާފައިވެއެވެ. އެއް ޝަކުވާއަށްވުރެ ގިނަ ޝަކުވާ ހުށަހެޅުމުގެ ފުރުސަތު ދީފައިވުމުން، ޕޯޓަލް މެދުވެރިކޮށް ޖުމްލަ 5،236 ޝަކުވާ ހުށަހެޅިފައިވެއެވެ. މީގެތެރޭގައި ސައްހަކަން ކަށަވަރުކުރި 4،000 ފްލެޓު ލިބޭ ލިސްޓުގައި ހިމެނޭ 2،555 މީހުން ހިމެނެއެވެ.
މީގެ އިތުރުން، އީމެއިލް މެދުވެރިކޮށް 2،840 ޝަކުވާއާއި ސިޓީން 526 ޝަކުވާ ވަނީ ހުށަހެޅިފައެވެ. ނަމަވެސް، މިނިސްޓްރީގެ ބަޔާނުގައި ބުނެފައިވާ ގޮތުން، އީމެއިލް މެދުވެރިކޮށް ހުށަހެޅި ޝަކުވާތަކުގެ ތެރެއިން ބަލާނީ، ލިސްޓުގައި ހިމެނޭ މީހުންނާ ގުޅިގެން ތިންވަނަ ފަރާތަކުން ހުށަހަޅާފައިވާ ޝަކުވާތައް އެކަންޏެވެ.
މިދިޔަ ސަރުކާރުން އިއުލާނުކުރި 4،000 ފްލެޓަށް ޝަރުތު ހަމަވާ ކަމަށް ކަނޑައެޅި ލިސްޓާމެދު ގިނަ ފަރާތްތަކުން ކަންބޮޑުވުން ފާޅުކޮށްފައިވެއެވެ. ޚާއްޞަކޮށް، ކުރީ ސަރުކާރުން ދިން ދެވަނަ ފުރުސަތުގައި، މާލޭގައި ދިރިއުޅުނުކަން ސާބިތުކުރުމަށް ގިނަ ބަޔަކު ލިޔެކިޔުންތައް ހުށަހެޅިނަމަވެސް، އެ ހުށަހެޅުންތަކަށް މިފަހަރު ރިޢާޔަތްކޮށްފައި ނުވާކަމަށް ބުނެ ގިނަ ފަރާތްތަކުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ.
ކޮމެންޓު ފޮނުވާ