އައްޑޫ ސިޓީ ގަން އެއާޕޯޓް ތަރައްގީކުރުމުގެ މަޝްރޫޢުގައި ހިމެނޭ މަގެއް ހެދުމުގެ މަސައްކަތް ކުރިއަށް ގެންދިއުމަށް ހުރަހަކަށްވެފައިވާ އީކުއޭޓާ ވިލެޖުގެ އެކޮމޮޑޭޝަން އިމާރާތުގެ މައްސަލަ ހައްލުވެއްޖެކަމަށް ކޮންސްޓްރަކްޝަން، ހައުސިން އެންޑް އިންފްރާސްޓްރަކްޗާ މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބު މިއަދު ވިދާޅުވެއްޖެއެވެ.
ގަން އިންޓަނޭޝަނަލް އެއާޕޯޓު ބޮޑުކުރުމުގެ މަޝްރޫޢުގައި މައި މަގު ހެދުމަށް ބޭނުންވާ ސަރަހައްދުގެ ތެރެއަށް އީކުއޭޓާ ވިލެޖުގެ ސްޓާފް ކުއާޓާޒް ވަންނާތީ، އެ މައްސަލައިގައި އިންސާފުވެރި ހައްލުތަކެއް ހޯދުމަށް މިދިޔަ ދެ އަހަރު ސަރުކާރާއެކު މަސައްކަތްތަކެއް ކުރެވިފައިވެއެވެ. އޭރު އީކުއޭޓާ ވިލެޖު ހިންގާ ކައިމޫއިން ބަދަލުގެ ގޮތުގައި 25 މިލިއަން ޑޮލަރު ހޯދުމަށާއި، އަދި އެ ކުންފުނިން ހިންގާ އިތުރު ދެ ރިސޯޓެއްގެ ލީޒް މުއްދަތު 50 އަހަރަށް އިތުރުކުރުމާ ގުޅޭ ގޮތުން މަޝްވަރާތައް ކުރިއަށް ގެންގޮސްފައިވެއެވެ.
ގަން އެއާޕޯޓް މަޝްރޫޢުގެ ތެރެއިން ގަމުން ފޭބުމަށް އާ މަގެއް ހަދަމުން އަންނައިރު، އެ މަގު ހަދަމުން އައި ދިމާލުން އިމާރާތެއް ހުސްނުކުރެވުމުގެ ސަބަބުން މަޝްރޫޢު ވަނީ ހުއްޓުމަކަށް އައިސްފައެވެ. މިކަމާ ގުޅިގެން އީކުއޭޓާ ވިލެޖް ހިންގަމުން އަންނަ ކައިމޫ ޓްރެވެލްސް އެންޑް ހޮޓެލްސް ސާވިސް އާއި އައްޑޫ އިންޓަނޭޝަނަލް އެއާޕޯޓް ޕްރައިވެޓް ލިމިޓެޑް (އޭއައިއޭ) އާއި އައްޑޫ ރައްޔިތުންގެ މެދުގައި ހިޔާލުތަފާތުވުންތަކެއް އުފެދިފައިވާކަން ފާހަގަކުރެވެއެވެ.
މިމައްސަލައާ ގުޅިގެން ގަން އެއާޕޯޓް ކުންފުނިން މީގެ ކުރިން ބުނެފައިވަނީ އެ ބިމަކީ އެ ކުންފުނީގެ މިލްކެއް ކަމަށާއި ނަމަވެސް އެތަން ހުސްނުކޮށް، އެތަނުގެ ކުލި ވެސް އީކުއޭޓާ ވިލެޖުން އެކުންފުންޏަށް ނުދޭ ކަމަށެވެ. އޭގެފަހުން އައްޑޫ ސިޓީ ގަން އެއާޕޯޓް ތަރައްގީކުރުމުގެ މަޝްރޫޢުގައި ހިމެނޭ މަގެއް ހެދުމުގެ މަސައްކަތް ކުރިއަށް ގެންދިއުމަށް ހުރަހަކަށްވެފައިވާ އީކުއޭޓާ ވިލެޖުގެ އެކޮމޮޑޭޝަން އިމާރާތް ހުސްކުރެވިފައިވެއެވެ.
މިނިސްޓަރު މިއަދު "އެކްސް" ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވެފައިވަނީ ގަން އިންޓަނޭޝަނަލް އެއާޕޯޓް ތަރައްގީ ކުރުމުގެ މަޝްރޫޢުގެ ތެރެއިން ހެދުމަށް ހަމަޖެހިފައިވާ މަގުގެ މަސައްކަތަށް ހުރަސްއެޅިފައިވާ އިކުއޭޓާ ވިލެޖްގެ ލޭބަ ކުއާޓާ ސަރަހައްދުގެ މައްސަލައާމެދު ކަމާބެހޭ ހުރިހާ ފަރާތަކާއި މަޝްވަރާކުރެވި، މައްސަލަ ހައްލު ވެފައިވާކަން އައްޑޫ އިންޓަނޭޝަނަލް އެއާޕޯޓުން އެ މިނިސްޓްރީއަށް އަންގާފައިވާ ކަމަށެވެ. އެހެންކަމުން މަގު ހެދުމުގެ މަސައްކަތް އެއްބަސްވުމާ އެއްގޮތަށް، ގަން އިންޓަނޭޝަނަލް އެއާޕޯޓް ތަރައްގީ ކުރުމުގެ މަޝްރޫޢުގެ ތެރެއިން ކުރިއަށް ގެންދެވޭނެ ކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.
"މި މައްސަލަ އަޅުގަނޑުމެން އެދުނު ތާރީޚަށް ޙައްލުވެގެން މި ދިޔައީ އައްޑޫގެ ލޮބުވެތި ރައްޔިތުން އެކަމަށް ބާރު އަޅާ، ދިން އެއްބާރުލުމުގެ ސަބަބުންކަން ފާހަގަކޮށް އައްޑޫގެ ރައްޔިތުންނަށް އިޚްލާސްތެރިކަމާއެކު ޝުކުރު އަދާކުރަން" މިނިސްޓަރު އެކްސްގައި ކުރެއްވި ޕޯސްޓުގައި ވިދާޅުވިއެވެ.
މީގެއިތުރުން މިނިސްޓަރު ވަނީ އޭއައިއޭގެ މެނޭޖްމަންޓުން މި މައްސަލަ ހައްލުކުރުމަށްޓަކައި މިނިސްޓްރީ އޮފް ޓޫރިޒަމް އެންޑް އެންވަޔަރަމަންޓް އަދި ކަމާގުޅޭ އެހެން ފަރާތްތަކާ ގުޅިގެން ކުރެއްވި މަސައްކަތްތައް ފާހަގަކުރައްވާ ޝުކުރު އަދާކުރައްވާފައެވެ.
ކޮމެންޓު ފޮނުވާ